ދިރާގުގެ މޮބައިލް މިނީ ސީރީޒް އެކެއް ފަށައިފި
ދިރާގުގެ މޮބައިލް މިނީ ސީރީޒް އެކެއް ފަށައިފި

ދިރާގު މޮބައިލް ލެޖެންޑްސް މިނީ ސީރީޒް ފަށައިފި އެވެ.

ދިރާގުން ބުނި ގޮތުގައި މި ސީރީޒް އަކީ މުޅި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ސިލްސިލާ ފެށުމެވެ. މިއީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށް މަޖާ އެކި ކުޅިވަރުތަކާއި އެކު ކުރިއަށްދާނެ ފޯރި ގަދަ މުބާރާތެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މި ސީރީޒްގެ މުބާރާތް މާދާމާގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށާއި މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ދިރާގުގެ ޔޫޓިއުބް އަދި ފޭސްބުކް ޕޭޖުން ލައިވް ސްޓްރީމް ކުރާނެ ކަމަށެވެ.

ދިރާގުގެ މެނޭޖަރު، ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވި ގޮތުގައި މި މުބާރާތަކީ ދިވެހި ގޭމަރުންނަށް އެފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދީ، ކުޅިވަރެއްގެ ގޮތުގައި ގޭމިން ކުރިއެރުވުމަށް މަގުފަހިކޮށްދީ، ތަފާތު އޮންލައިން ގޭމްތަކަށް އެކި ގޭމިން ކޮމިއުނިޓީތައް ބިނާކުރުމުގެ ގޮތުން އެ ކުންފުނިން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. އަދި ގޭމިންގެ ދާއިރާ އަކީ ރާއްޖޭގައި ކުރިއެރުވޭނެ ދާއިރާއަކަށްވުމުން އަމާޒަކީ މި ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

މޮބައިލް ލެޖެންޑްސްއަކީ މޮބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެކެވެ.

ދިރާގުން މި ދިޔަ އަހަރު ވަނީ 'މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް 2023'ގެ ނަމުގައި 100،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އެއް އީސްޕޯޓްސް މުބާރަތް ބާއްވައިފަ އެވެ. މި މުބާރާތަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.