26 ޖެނުއަރީ 2024 - 19:44

ރަށްރަށުގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ގަވާއިދަށް ބަދަލުތަކެއް ގެނެސް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރަން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ކޮމިޓީއެއް ވެސް އެކުލަވާލާފައި ވަނިކޮށް މިނިސްޓަރު ވިދާޅުވީ ސިޓީ އަދި ރަށު ކައުންސިލުތަކުން ރަށްރަށުގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި، ކުރިމަތިވެފައިވާ ގޮންޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައްވައިދެއްވާނެ ކަމަށެވެ. އެކަމަށްޓަކައި މިހާރު އަމަލުކުރަމުން އަންނަ ގަވާއިދަށް ބަދަލުގެނެސް، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ގަވާއިދުގައިވާ ގޮތުން އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް އެސެސްމަންޓް ހަދަން ޖެހޭއިރު އޭގައި އާބާދީ އާއި އުޅަނދުތައް އިތުރުވެފައިވާ މިންވަރާއި ޕާކު ކުރެވޭނެ ޖާގައިގެ މިންވަރާއި އެންމެ ބާރުބޮޑު ގަޑިތަކާއި އުޅަނދުތައް އެންމެ ގިނަވެގެން ގެންގުޅެވޭ މުއްދަތު ފަދަ ގިނަ ކަންތައްތަކެއް ހިމެނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ މާލޭގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން، ބޭރުގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ފަންނީ ތަޖުރިބާކާރުންގެ އެހީއާ އެކު ދިރާސާއެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެއަށެވެ.
އާދަޔާ ހިލާފަށް އެ އަދަދު އިތުރުވަމުން އަންނައިރު އެގޮތަށް އެކަން ވަމުންދާ ނަމަ މާލެ ސަރަހައްދަށް ނުކަތާވަރަށް އުޅަނދުތައް އިތުރުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދަން ސަރުކާރުން ވަނީ ޕާކިން ބިލްޑިން އެޅުމަށް ވެސް ނިންމައިފަ އެވެ.