ޓްރަމްޕުގެ ސަލާމަތީ މުޝީރު އިސްތިއުފާ ދެއްވައިފި
ޓްރަމްޕުގެ ސަލާމަތީ މުޝީރު އިސްތިއުފާ ދެއްވައިފި

ވޮޝިންޓަން (ފެބްރުއަރީ 14) - ރަޝިޔާއާ ޚާއްސަ ގުޅުންތަކެއް އޮތްކަން ފަޅާ އަރާފައި ވަނިކޮށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަލާމަތީ މުޝީރު މައިކަލް ފްލައިން އިސްތިއުފާ ދެއްވައިފި އެވެ.

ޓްރަމްޕުގެ ސަލާމަތީ މުޝީރު އިސްތިއުފާ ދެއްވައިފި
ޓްރަމްޕުގެ ސަލާމަތީ މުޝީރު އިސްތިއުފާ ދެއްވައިފި

ޓްރަމްޕް ހުވާ ކުރުމުގެ ކުރިން ފްލައިން ވަނީ އެމެރިކާ އިން އަޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރަޝިޔާ ސަފީރާ މަޝްވަރާ ކުރައްވައިފަ އެވެ. އަމިއްލަ ހައިސިއްޔަތުން ޑިޕްލޮމެޓިކް މަސައްކަތް ކުރުމަކީ އެމެރިކާގައި މަނާ ކަމެކެވެ. ރަޝިޔާ ސަފީރާ ފްލައިން މަޝްވަރާ ކުރައްވާފައި ވަނީ އޭނާ މަގާމަށް ހަމަޖެއްސުމުގެ ކުރިންނެވެ.

ޓްރަމްޕުގެ ސަލާމަތީ މުޝީރު އިސްތިއުފާ ދެއްވައިފި
ޓްރަމްޕުގެ ސަލާމަތީ މުޝީރު އިސްތިއުފާ ދެއްވައިފި

ސަފީރާ އެކު ފްލައިން ދެއްކެވި ވާހަކަތައް ވަނީ އެމެރިކާގެ އޮފިޝަލުންނަށް އޮޅުވާލައިފަ އެވެ. ފްލައިން ވެސް ފަހުން ވަނީ ރަޝިޔާ ސަފީރަށް ކުރެއްވި ފޯނު ކޯލާ ގުޅޭ ގޮތުން ނައިބް ރައީސް މައިކް ޕެންސަށް ސައްހަ ނޫން މައުލޫމާތު ދީފައިވާ ކަމަށް އެއްބަސްވެޑައިގެންފަ އެވެ. އެކަމަކު ފްލައިން ކުރިން ވަނީ ރަޝިޔާ ސަފީރާ މަޝްވަރާ ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ރަޝިޔާއާ ފްލައިން އޮތް ގުޅުމާ ބެހޭ ގޮތުން ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ވައިޓް ހައުސް އަށް މިދިޔަ މަހު ފަހުކޮޅު އިންޒާރު ކޮށްފަ އެވެ.

ރިޓަޔާކޮށްފައިވާ ސިފައިންގެ ޖެނެރަލެއް ކަމަށްވާ ފްލައިންގެ ބަދަލުގައި ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމަށް ވަގުތީ ގޮތުން ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޗީފް އޮފް ސްޓާފް، ޖެނެރަލް ޖޯސެފް ކެއިތު ކެލޮގް ހަމަޖައްސާފައިވާ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.

ފްލައިން އިސްތިއުފާ ދެއްވާފައި މި ވަނީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ މަހެއް ވެސް ނުވަނީހެވެ. އެހެން ކަމުން އޭނާ އަކީ ފަހުގެ ތާރީޚުގައި އެންމެ އަވަހަށް އިސްތިއުފާ ދެއްވި ގައުމީ ސަލާމަތާ ބެހޭ މުޝީރެވެ.

ފްލައިން ވަނީ އިސްލާމް ދީނަކީ ކެންސަރެއް ކަމަށް ވިދާޅުވެ ކުރިން ވާހަކަ ދައްކަވާފައި ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމަށް ފްލައިން ހަމަޖެއްސުމަށް ފަހު ޓްރަމްޕް ނެރުއްވި ބަޔާނުގައި ވަނީ ހަރުކަށި އިސްލާމީ ފިކުރުގެ މީހުން ހިންގާ ޓެރަރިޒަމް ފްލައިން ބަލިކޮށްލާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ އަސްކަރީ ތަޖްރިބާ އަށް ބަލާއިރު އެއީ ޓްރަމްޕަށް ލިބުނު "އަގު ނުކުރެވޭ ވަރުގެ މުދަލެއްގެ" ގޮތުގައި ވަނީ ސިފަ ކުރަައްވައިފަ އެވެ.

ޑިފެންސް އިންޓެލިޖެންސް އެޖެންސީގެ ޑިރެކްޓަރުގެ މަގާމުން 2014 ވަނަ އަހަރު ވަކިކުރި ފްލައިން އެޕްރީލް 2015 ގައި ފޮކްސް ނިއުސް އަށް ވިދާޅުވެފައި ވަނީ އިސްލާމް ދީނާ ދެކޮޅަށް އޭނާ މަސައްކަތް ކުރާތާ ދިހަ ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. ހަރުކަށި އިސްލާމުން ހިންގާ ޓެރަރިޒަމް ހުއްޓުވުމާ ބެހޭ ގޮތުން މިދިޔަ އަހަރު ކުރީކޮޅު ފްލައިން ނެރުއްވި ފޮތުގައި ވެސް ވަނީ އިސްލާމުންނާ ދެކޮޅު ވާހަކަތައް ލިޔެފަ އެވެ. ފްލައިން އިންޓެލް ގްރޫޕުގެ ސީއީއޯކަން ކުރައްވާ ފްލައިން މިދިޔަ ފެބްރުއަރީ މަހު ކުރެއްވި ޓްވީޓެއްގައި ވަނީ މުސްލިމުންގެ ބިރަކީ ގައުމީ މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ.