26 ޖެނުއަރީ 2024 - 07:24

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ އެއްވެސް އޯޑަރެއް އިންޑިއާގެ މައި ސަރުކާރުން އަދި މިހާތަނަށް ލިބިފައި ނެތް ކަމަށް އެ ގައުމުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް އާރް. ހަރީ ކުމާރް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެކި ބޭނުންތަކަށް ބައިތިއްބާފައި ތިބި އިންޑިއާގެ އަސްކަރީ އެންމެން މާޗް 15 ގެ ކުރިން ބާލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް އެ ގައުމުގައި އެދިފައިވާ ކަމަށް ސަރުކާރުން ހާމަކޮށް އެކަމާ ގުޅޭ މަޝްވަރާތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައި ވިޔަސް އިންޑިއާއިން އޮޕަރޭޓްކުރަމުން އަންނަ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށާއި އިންޑިއާގެ އެހީގައި ހަދާފައިވާ އަސްކަރީ ހޮސްޕިޓަލް ސެނަހިޔާގައި ޑޮކްޓަރުންގެ ގޮތުގައި ތިބި އަސްކަރީ މީހުންނާ އެކު 89 ސިފައިން ތިބި ކަމަށް މިހާތަނަށް ވަނީ ހާމަކޮށްފަ އެވެ.
ރާއްޖޭގައި އަސްކަރީ އެއާކްރާފްޓްތައް އޮޕަރޭޓްކުރަނީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ކޯސްޓް ގާޑުންނެވެ. އެހެންވެ، ރާއްޖޭގެ އެންގުމާ އެއްގޮތަށް ސިފައިން އަނބުރާ ގެންދިއުމާ ބެހޭ ގޮތުން ސީއެންއެން-ނިއުސް 18 އިން ސުވާލުކުރުމުން ކުމާރް ވިދާޅުވެފައިވަނީ ވަކި ގޮތަކަށް އަންގަންދެން ސިފައިން ތިބޭނެ ކަމަށެވެ.
"މި ތިބީ ވަކި ގޮތަކަށް އަންގަންދެން. އެއީ ކޮންމެ ގޮތަކަށް ވިޔަސް،" ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވި އެވެ.
ކުމާރް ވިދާޅުވީ އިންޑިއާގެ މައި ސަރުކާރުން އަދި މިހާތަނަށް އެކަމާ ބެހޭ ގޮތުން އެއްވެސް ގޮތަކަށް، ކަނޑުގެ ސިފައިންނާ ވާހަކަ ދައްކާފައި ނެތް ކަމަށެވެ.
ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި އެއްބަސްވެ ވަޑައިގެންފައިވާ ގޮތަށް އުފެއްދި "ހައި ލެވަލް" ކޮމިޓީގެ މަޝްވަރާތައް ރާއްޖޭގައި ފަށައި ސިފައިން ބޭލުމުގެ ތާރީހު ރާއްޖޭން ވަނީ ދީފަ އެވެ. އެކަމަކު އިންޑިއާ އިން މި ތާރީހާ ބެހޭ ގޮތުން ރަސްމީކޮށް އަދި މިހާތަނަށް އެއްޗެއް ނުބުނެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް ކުރި ނަމަވެސް، ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އަންނަނީ މަޝްވަރާކުރަމުންނެވެ.
ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ވިދާޅުވެފައިވަނީ އެއާކްރާފްޓްތައް ދުއްވަން އަސްކަރީ މީހުން ތިބި ނަމަ، ރާއްޖެ ދޫކޮށް ދާންޖެހޭނެ ކަމަށާއި އެކަމަކު މަދަނީ މީހުން އެކަމުގައި ތިބުން އެންމެ ރަނގަޅު ކަމަށެވެ.
ސިފައިން ބޭލުމާއި ދެ ގައުމުގެ ގުޅުމާ ބެހޭ މަޝްވަރާތައް ބާއްވާ ހައި ލެވަލް ކޮމިޓީގެ ދެ ވަނަ ބައްދަލުވުން އިންޑިއާގައި ބާއްވަން ނިންމާފައިވާ ކަމަށް އެ ގައުމުން ވަނީ މިދިޔަ ހަފްތާގައި ބުނެފަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުބުނެ އެވެ.