ބަންގްލަދޭޝް މުބާރާތުގައި ޓީސީ ވަރުގަދަ ގްރޫޕަކަށް
ބަންގްލަދޭޝް މުބާރާތުގައި ޓީސީ ވަރުގަދަ ގްރޫޕަކަށް

އަންނަ ހަފްތާގައި ބަންގްލަދޭޝްގައި ފަށާ ޝެއިހް ކަމާލް އިންޓަނޭޝަނަލް ގޯލްޑް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި އެވެ.

ޓީސީއާ އެކު ގްރޫޕް އޭ ގައި ހިމެނެނީ ބަންގްލަދޭޝް ޕްރިމިއާ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ އާއި ކިރްގިސްތާންގެ އަލްގާ ބިޝްކެކް އަދި ދެކުނު ކޮރެއާގެ ޕޮޗެއޯން އެފްސީ އެވެ. ކިރްގިސްތާންގެ ޓީމަށް މުބާރާތުގެ ފުރުސަތު ލިބުނީ ފިލިޕީންސްގެ ސްޓެލިއޯން އެފްސީ މުބާރާތުން ވަކިވުމުންނެވެ.

ގްރޫޕް ބީ ގައި ހިމެނެނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗިޓަގޮންގް އަބަހާނީގެ އިތުރުން ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ކްލަބް މުހައްމަދޭން އެސްސީ ޑާކާ އާއި ނޭޕާލްގެ މަނަން މަޝްޔާންޑީ އަދި އަފްގާނިސްތާންގެ ޝަހީން އަސްމާޔީ އެވެ.

ޓީސީއާ އެއް ގްރޫޕުގައި ހިމެނޭ ޑާކާ އަބަހާނީ ތައްޔާރުވަމުން އަންނަނީ މި ފަހަރުގެ އޭއެފްސީ ކަޕަށެވެ. ދެން އެ ގްރޫޕުގައި އޮތް ކޮރެއާގެ ޕޮޗެއޯން އަކީ އެ ގައުމުގެ ހަތަރު ވަނަ ޑިވިޝަނުގެ ކްލަބެކެވެ. އަދި ކިރްގިސްތާންގެ ބިޝްކެކް އަކީ އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ކާމިޔާބު ޓީމެކެވެ. އެ ޓީމުން ވަނީ ކިރްގިސްތާން ލީގާއި ކަޕް ކާމިޔާބު ކޮށްފަ އެވެ.

ޓީސީ އަކީ މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ދެ ވަނަ ޓީމެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމެއް ބައިވެރި ކުރުމުގެ ފުރުސަތު އެފްއޭއެމަށް ލިބުމުން އެ ފުރުސަތު ޓީސީ އަށް ދޭން ނިންމީ ލީގު ޗެމްޕިއަން މާޒިޔާ އާއި އެފްއޭ ކަޕް ޗެމްޕިއަން ވެލެންސިއާ އޭއެފްސީ ކަޕް ކުޅެމުންދާތީވެ އެވެ.

އަންނަ މަހު ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރުމަށް ޓީސީ ފުރުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އެވެ. މި މަހު 24 ވަނަ ދުވަހު ފަށާ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ޓީސީ ކުޅޭ މެޗު ވަނީ ލަސްކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަނުގައި 2015 ވަނަ އަހަރު ވާދަކުރަން ފެށި ޓީސީ އަކީ މިދިޔަ ދެ އަހަރު ވެސް އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދެއްކި ޓީމެކެވެ. މި ސީޒަނަށް ވެސް އެ ޓީމުން ވަނީ ޓީމު ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ބިދޭސީ ތިން ކުޅުންތެރިޔަކު އެ ޓީމާ ވަނީ ގުޅިފަ އެވެ. އެއީ ސެއިން ވިންސެންޓުގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް، ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމްޝޮން އަދި މިސްރުގެ ޑިފެންޑަރެއް ކަމަށްވާ އީސާ އެލް މަގްރަބީ އެވެ.

މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ޓީސީ ވާދަކުރާ ފުރަތަމަ ފަހަރެވެ. ޓީސީ އަށް މި އަހަރު ވެސް އިރުޝާދުދޭނީ މިދިޔަ އަހަރުގެ އެއް ވަނަ ކޯޗުގެ މަގާމު ހޯދި މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.