ކުޅިވަރު ދެ ކޮމްޕްލެކްސްއެއްގެ މަސައްކަތް އަންނަ މަހު ފަށަނީ
ކުޅިވަރު ދެ ކޮމްޕްލެކްސްއެއްގެ މަސައްކަތް އަންނަ މަހު ފަށަނީ

ކުޅިވަރު ކުޅޭނެ އިންޑޯ ދެ ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށާއި އަދި ވީލްޗެއާގައި އުޅޭ ފަރާތްތަކަށް އެތަނަށް ވަދެ ނުކުތުމާއި ކޮމްޕްލެކްސް ބޭނުން ކުރުމުގައި ފަސޭހަތަކެއް އިންތިޒާމްތަކެއް ގާއިމް ކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިރޭ ވިދާޅުވެއްޖެ އެވެ.

ވަޒީރުންނާ އެކު ސަލްޓަންޕާކުގައި ބޭއްވި "އަހާ ފޯރަމް" ގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރާފިއު ވިދާޅުވީ އިންޑޯ ދެ ކޮމްޕްލެކްސްގެ ޑިޒައިން ވެސް ނިމިފައި ވާކަމަށާއި، އެ ދެ ތަނުގައި ވެސް ވީލްޗެއާ އެކްސެސިބިލިޓީ އަށް ސަމާލުކަން ދީފައިވާ ކަމަށެވެ.

"ފެބްރުއަރީ މަހުގެ 20 ގެ ކުރިން އަޅުގަނޑުމެން ދެ ކޮމްޕްލެކްސްގެ ބިންގާ އެބަ އަޅަން، އެ ދެ ތަނަކީ ވެސް ފަސް ޕިޗްގެ އިންޑޯ ކޮމްޕްލެކްސް އެއް. އެތަން ވަނީ މިހާރު ޑިޒައިން ކުރެވިފަ. އެތަން ޑިޒައިން ކޮށްފައިވަނީ ހުންނާނީ ވީލްޗެއާ އެކްސެސިބިލިޓީއަށް ވަރަށް ބޮޑަށް ކޮންސިޑާ ކޮށްފަ." ރާފިއު ވިދާޅުވި އެވެ.

މީގެ އިތުރުން ވިހާރު ހެދިފައި ހުރި ކުޅިވަރު ކުޅޭ ތަންތަނަށް ވެސް ވީލްޗެއާ އާއެކު ވަދެވޭނެ އިންތިޒާމް ހަމަޖައްސާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރާފިއު ވިދާޅުވީ މިއީ "ވޭކް އަޕް ކޯލް" އެއް ކަމަށެވެ.

"މިހާރު ހުރި ތަންތަނަށް [ވީލްޗެއާ] އެކްސެސިބަލް ކުރަން ގެންނަން ޖެހޭ ބަދަލުތައް ގެންނަން ވަކި ޓައިމްލައިނެއް ކަނޑައަޅަން ޖެހިފަ މި އޮތީ."

އަލަށް އިމާރާތްކުރާ ކޮމްޕްލެކްސްތައް ހާއްސަކުރަނީ ކޮން ކުޅިވަރުތަކަކަށް ކަން ވަޒީރު ހާމަ ނުކުރެއްވި ނަމަވެސް، ބެލެވޭ ގޮތުގައި އެއީ ފުޓްސަލް ކޮމްޕްލެކްސްއަކާއި ނެޓްބޯޅަ ކޮމްޕްލެކްސްއެކެވެ. ސަރުކާރުގެ ފުރަތަމަ "ހަފްތާ 14" ގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި މި ދެ ކޮމްޕްލެކްސްގެ މަސައްކަތް ހިމެނެ އެވެ.

"ހަފްތާ 14" ގައި ކުޅިވަރާ ބެހޭ ދެ ޕްރޮޖެކްޓެއް މުޅިން ނިމިފައި ވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކުޅިވަރުގެ ވަސީލަތްތައް ރަށްރަށުގައި ފުރިހަމަ ކުރުމުގެ ޕްރޮގްރާމްތައް އަލުން ފެށުމާއި ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމް ސިއްހީ ހިދުމަތްތަކާ ބެހޭ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތެވެ.