25 ޖެނުއަރީ 2024 - 15:54

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އެ މަނިކުފާނު ވަފުދު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 2.4 މިލިއަން ރުފިޔާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރަސްމީ ދަތުރުތަކުގެ ހަރަދުގެ ތަފްސީލް އާންމުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރައީސް ޑރ. މުއިއްޒުގެ ޗައިނާގެ ފުރަމާނާ ދަތުރުފުޅުގައި ގެންދެވި 30 ބޭފުޅުންގެ ވަފުދަށް ދިޔަ ހަރަދު ވަނީ އާންމުކޮށްފަ އެވެ.
މި ދަތުރުފުޅުގައި ޗައިނާގައި ރައީސާއި ވަފުދުގެ އެހެން ބޭފުޅުން އެ ގައުމުގައި ތިއްބެވުމާއި ފަރިއްކޮޅާއި ދަތުރުފަތުރުގެ ހަރަދު ހަމަޖެއްސީ ޗައިނާ ސަރުކާރުންނެވެ. ދިވެހި ސަރުކާރުގެ ހަރަދު ދިޔައީ ޓިކެޓަށާއި ޕޮކެޓްމަނީ އަށް އެކަންޏެވެ.
މި ދަތުރުފުޅުގައި ރާއްޖެ އިން ޗައިނާ އަށް ތިން ބިޒްނަސް ކްލާސް އަދި 27 ބޭފުޅަކު އިކޮނޮމީ ކްލާސްގައި ކުރެއްވި ދަތުރަށާއި ޗައިނާ އިން ރާއްޖެ ވަޑައިގަތުމަށް 29 ބޭފުޅުން (10 ބިޒްނަސް ކްލާސް، 19 އިކޮނޮމީ ކްލާސް) ޓިކެޓަށް ހޭދަވެފައިވަނީ 2.4 މިލިއަން ރުފިޔާ އެވެ.
އޭގެ އިތުރުން ޕޮކެޓު މަނީގެ ގޮތުގައި ބޮލަކަށް 10،0165.5ރ. އާއި ސިމްކާޑާއި ވީޕީއެން ގަތުމަށް 14،000ރ. އަދި އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 89،000ރ. ހޭދަކޮށްފައިވާ ކަމަށް ދަތުރު ހަރަދުގައިވެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ޗައިނާ ދަތުރުފުޅުގައި ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރުގެ ބޮޑު ގްރާންޓެއް މި ދަތުރުފުޅުގައި ލިބިގެން ގޮސްފައިވާއިރު، އެތަކެއް ދާއިރާއިން އެތަކެއް ބިލިއަން ޑޮލަރުގެ ތަރައްގީގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.