25 ޖެނުއަރީ 2024 - 14:10

މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކަށް ޝެލްޓާ އަޅަން އެނިމަލް ވެލްފެއާ މިނިސްޓްރީއާ އެކު ސިޓީ ކައުންސިލުން މިއަދު ސޮއިކޮށްފި އެވެ.

ވަގުތީ ޝެލްޓާ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް އަދި އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.
ބުޅާތަކަށް ހާއްސަ ޝެލްޓާތަކެއް އަޅަން ހުޅުމާލެއިން ވަނީ 5،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފަ އެވެ. އެތަން ނިމޭއިރު، ބުޅާތަކަށް ހާއްސަ ހޮޓަލާއި ޕާކް އަދި ފިހާރަ ހުންނާނެ އެވެ.
ސިޓީ ކައުންސިލުން ބުނީ ކެޓް ޝެލްޓާ އަޅަން ހަމަޖައްސާފައިވާ ބިން ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. އެ މަސައްކަތްތައް އަންނަ މަހުގެ ތެރޭގައި ނިންމައި ބޭނުންކުރަން ފަށާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
"ކެޓް ޝެލްޓާގައި ވެޓް ޑޮކްޓަރުން ތިބޭނެ. މާލެ ސަރަހައްދުގެ މަގުމަތީގައި އުޅޭ ބުޅާތައް ޖަމިއްޔާތަކާ ގުޅިގެން ނަގައި އެ ޝެލްޓާއަށް ގެންދާނެ. މި ތަން ނިމޭއިރު ދޫނިތައް ވެސް ހުންނާނެ." އެ ތަނުން ބުންޏެވެ.
ކެޓް ޝެލްޓާ ހަދައި އެ ތަން ބަލަހައްޓާނީ ސިޓީ ކައުންސިލުންނެވެ.