14 ފެބުރުއަރީ 2017 - 09:14

ބޯންމައުތު (ފެބްރުއަރީ 14) – ޕްރިމިއާ ލީގުގައި ރޭ ބޯންމައުތު އަތުން 2-0 އިން މޮޅުވެ، ފަސް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ދެ ވަނަ އަށް އެރިއިރު، މި ނަތީޖާއާ އެކު އެއް ވަނައިގައި އޮތް ޗެލްސީގެ ލީޑު އަށް ޕޮއިންޓަށް ކުޑަވެއްޖެ އެވެ.
މިދިޔަ މަހު އެވަޓަން އަތުން 4-0 އިން ބަލިވުމާ އެކު ލީގު ހޯދުމުގެ ފުރުސަތު ގެއްލިއްޖެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އިއުލާންކުރި ނަމަވެސް މި މޮޅާ އެކު އެ ޓީމު މި ވަނީ ތަށި ހޯދުމުގެ ރޭހަށް އަނެއްކާ ވެސް ވަދެފަ އެވެ. އެއް ވަނައިގައި އޮތް ޗެލްސީ އަށް 60 ޕޮއިންޓް ލިބިފައިވާއިރު ސިޓީ ދެ ވަނައިގައި އޮތީ 52 ޕޮއިންޓް ހަމަކޮށްގެންނެވެ. ފަންސާސް ޕޮއިންޓާ އެކު އޮތް ޓޮޓެންހަމް ހޮޓްސްޕާސް ތިން ވަނަ އަށް ވެއްޓުނުއިރު ހަތަރު ވަނައިގައި 50 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ އާސެނަލެވެ.
ދެ ވަނައިގައި އޮތް ޓޮޓެންހަމް މި ހަފުތާގައި ލިވަޕޫލް އަތުން 2-0 އިން ބަލިވުމާ އެކު އެއް ވަނައިގައި ތަފާތު ބޮޑުކުރަން ޗެލްސީ އަށް ފުރުސަތު ލިބުނު ނަމަވެސް ބާންލީއާ 1-1 އިން އެއްވަރުވުމާ އެކު އެ ފުރުސަތު ގެއްލުނީ އެވެ. އެ މެޗުން ޗެލްސީ މޮޅުވި ނަމަ އެ ޓީމު އޮންނާނީ 10 ޕޮއިންޓުގެ ލީޑެއްގަ އެވެ.
ބޯންމައުތުގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި ސިޓީ އަށް ފުރަތަމަ ގޯލް ޖަހައިދިނީ ރަހީމް ސްޓާލިން އެވެ. ދެ ވަނަ ލަނޑު 69 ވަނަ މިނެޓުގައި ވަނީ ބޯންމައުތުގެ ޓައިރޯން މިންގްސް އަތުން ބައިކޮޅަށެވެ. މެޗުގެ 15 ވަނަ މިނެޓުގައި ސިޓީގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް އަނިޔާވެގެން ވަނީ ބާލައިފަ އެވެ. ބަދަލުގައި އެރީ ސިޓީ ދޫކޮށްލަން އުޅޭ ކަމަށް އަޑުއަރާފައިވާ ސާޖިއޯ އަގުއޭރޯ އެވެ.
ސިޓީގެ ފުރަތަމަ އެގާރައިގައި އެންމެ ފުރަތަމަ ކުޅުނު ދެ މެޗުގައި ވެސް ލަނޑު ޖެހި އުމުރުން 19 އަހަރުގެ ފޯވާޑުގެ ކުޑަހުޅަށް އަނިޔާވެފައިވާ އަނިޔާގެ އިތުރު ތަފްސީލް އެނގޭނީ މިއަދެވެ. ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ޖީސަސްގެ އަނިޔާ އެހާ ސީރިއަސް ކަމަށް ނުބެލެވޭ ކަމަށެވެ.
ގާޑިއޯލާ ބުނީ ސިޓީގެ ކުޅުން ވަރަށް ރަނގަޅު ކަމަށާއި ޖުމްލަކޮށް ބަލާއިރު ހުރިހާ ކަމަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ އެއް ވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތް ފަރަގު އަދިވެސް ވަރަށް ބޮޑު ކަމަށާއި މަދު މެޗުތަކެއް ހުރުމުން އެ ފަރަގު ނައްތާލުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.