25 ޖެނުއަރީ 2024 - 05:52

ސައޫދީ އަރަބިއްޔާގައި ޣައިރު މުސްލިމު ޑިޕްލޮމެޓުންނަށް ރާ ވިއްކުން ހުއްދަކުރަން ނިންމާފައިވާ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ދެ ފަރާތުން އޭއެފްޕީ އަށް ކަށަވަރުކޮށްދީފި އެވެ.
މިއީ ރާ ގަނެވިއްކުމުގައ ހަރުކަށި އުސޫލުތަކެއް އޮންނަ ސައޫދީގައި މިގޮތަށް މި ހުއްދަ ދޭ ފުރަތަމަ ފަހަރެވެ.
މުސްލިމް ނޫން ޑިޕްލޮމެޓުންނަށް ކުރިން ރާ ގެނައުން ހަމައެކަނި ހުއްދަ އޮންނަނީ ޑިޕްލޮމެޓިކް ބޭނުމަށް އެއްޗެހި އެތެރެކުރާ އުސޫލުގެ ތެރެއިން ކަމަށް އޭއެފްޕީއާ ވާހަކަ ދެއްކި އެކަކު ބުނެފައިވެ އެވެ.
ސައޫދީގައި ރަލާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުސޫލުތަކަކީ 1952 ވަނަ އަހަރުން ފެށިގެން އެކަން އޮންނަ ގޮތެވެ. އެއީ އޭރުގެ ރަސްގެފާނު އަބްދުލްއަޒީޒްގެ ދަރިކަލަކު ރަލުގެ މަސްތުގައި ހުރެ އިނގިރޭސި ވިލާތުގެ ޑިޕްލޮމެޓެއްގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލި ހާދިސާއަކަށް ފަހު ކަނޑައެޅި ގޮތެވެ.
ސައޫދީ ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ޑިޕްލޮމެޓިކް މިޝަންތަކަށް ގެންނަ ރަލާއި އެޔާ ގުޅުން ހުރި އުފެއްދުންތަކުން އުސޫލުތަކާ ހިލާފަށް ވިޔަފާރިކުރާ މައްސަލަ ހައްލުކުރުމަށް އާ އޮނިގަނޑަކަށް އަމަލުކުރަން ފަށާނެ ކަމަށް ބުނެފައިވެ އެވެ. އެ ބަޔާނުގައި ބުނީ ޑިޕްލޮމެޓިކް މިޝަންތަކަށް ރާ އެެތެރެކުރުން އޮންނަނީ ރެގިއުލޭޓް ނުކުރެވި ކަމަށާއި އަލަށް ކަނޑައަޅާ އުސޫލުގައި އެތެރެކުރެވޭ މިންވަރު ކަނޑައަޅައި ރެގިއުލޭޓްކުރެވޭނެ ނިޒާމެއް ގާއިމުކޮށް ގައުމުގެ ތެރޭގައި މި ތަކެތި ދައުރުވުން ހުއްޓުވޭނެ ގޮތް ހޯދާނެ ކަމަށެވެ.
ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ސައޫދީ އަރަބިއްޔާ ބަދަލުކުރުމަށް ފައްޓަވާފައިވާ މަސައްކަތުގެ ތެރޭގައި ރަލުގެ ހަރުކަށި އުސޫލުތައް ދޫކޮށްލުމުން ހިމެނޭ ކަމަށް މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ވަރަށް ގަދަޔަށް ވާހަކަ ދެކެވުނެވެ. ސިނަމާތައް ހުޅުވުމާއި އަންހެނުންނާއި ފިރިހެނުން އެއްތަނަކަށް ޖަމާވާ ގޮތަށް މިއުޒިކް ޝޯތައް ބޭއްވުން ސައޫދީގައި މަނާކޮށްފައި އޮތް އޮތުން ވަނީ މިހާރު އުވާލައިފަ އެވެ. -- އޭއެފްޕީ