އެހީ ދޭން ނުޖެހޭ ފަރާތްތަކަށް 19 މިލިއަން ރުފިޔާ އެންސްޕާއިން ދީފައިވޭ: އޮޑިޓް
އެހީ ދޭން ނުޖެހޭ ފަރާތްތަކަށް 19 މިލިއަން ރުފިޔާ އެންސްޕާއިން ދީފައިވޭ: އޮޑިޓް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދާ އެލަވަންސް ލިބެން ނުޖެހޭ ފަރާތްތަކަށް 19 މިލިއަން ރުފިޔާ ކުރީގެ ސަރުކާރުން ދީފައިވާ ކަން އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓް އޮފީހުން 2022 ވަނަ އަހަރު ހެދި އެންސްޕާގެ މާލީ އޮޑިޓްގައިވާ ގޮތުން އެ އަހަރުގެ ނިޔަލަށް އެންސްޕާއިން އިތުރަށް ހަރަދުކުރި 19 މިލިއަން ރުފިޔާ އަނބުރާ ހޯދަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީގެ ގޮތުގައި އިތުރަށް ދީފައިވާ 11 މިލިއަން ރުފިޔާ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް އެހީއަށް އިތުރަށް ދީފައިވާ 8 މިލިއަން ރުފިޔާ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީގެ ގޮތުގައި އިތުރަށް ހަރަދުކުރި ދެ ލައްކަ ރުފިޔާ އެވެ.

މިފައިސާ އިތުރަށް ދީފައިވަނީ އެހީ ލިބޭ ފަރާތުގެ ހާލަތު ބަދަލުވުމަށްފަހު ނުވަތަ ނިޔާވާ ފަރާތްތަކުގެ މައުލޫމާތު އެ އިދާރާއާ ފަސޭހަކަމާ އެކު ހިއްސާ ކުރެވޭނެ ނިޒާމެއް ނެތުމުން ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެފަދަ ފައިސާ ހޯދަން އެންސްޕާއިން ރިކަވަރީ ޔުނިޓެއް ގާއިމްކޮށްފައިވީ ނަމަވެސް އެ ޔުނިޓުގައި އެންމެ މުވައްޒަފަކު މަސައްކަތް ކުރާތީ، ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެ އިދާރާއިން ބޭނުންވާ ގޮތަށް ކުރިއަށް ނުގެންދެވޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިގޮތަށް އިތުރަށް އެކި ފަރާތްތަކަށް ޖަމާކުރެވިފައިވާ ފައިސާގެ ތެރޭގައި 2015، 2016 އަދި 2018 ވަނަ އަހަރު އެންސްޕާއިން ދޫކޮށްފައިވާ ފައިސާ ވެސް ހިމެނެ އެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އޭގެތެރެއިން އެއްވެސް ފައިސާއެއް އެންސްޕާއަށް ހޯދިފައެއް ނުވެ އެވެ.

ސަރުކާރުން ސަބްސިޑީގެ ގޮތުގައި ބޮޑު ހޭދައެއް ކުރާއިރު އެއް އަހަރުން އަނެއް އަހަރަށް އެންސްޕާ މެދުވެރިކޮށް ދޭ އެހީގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެކަން ކޮންޓްރޯލުކޮށް، އެހީ އެންމެ ބޭނުންވާ ފަރާތްތަކަށް ލިބޭނެ ގޮތް ހެދުމަށް ފިނޭންސް މިނިސްޓްރީން މިއަހަރު ޕްލޭންކޮށްފައިވެ އެވެ.