ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން އެދިއްޖެ
ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން އެދިއްޖެ

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެމްޑީޕީއާ ޑިމޮކްރެޓްސް އިން މިއަދު އެދިއްޖެ އެވެ.

އެ ދެ ޕާޓީ ގުޅިގެން މިހާރު ބާއްވާ ނިއުސް ކޮންފަރެންސްގައި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އަންނަ މަހުގެ 5 ވަނަ ދުވަހު ފަށާ 19 ވަނަ މަޖިލީހުގެ ފަހު ދައުރުގެ ކުރިން ޖަލްސާއެއް ބާއްވައިދިނުމަށް އެދި އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން އެދިފައިވާނެ ކަމަށެވެ.

ޖަލްސާ ބާއްވަން ހުށަހެޅި ސަބަބަކީ ރޯދަ މަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ނުބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމާއި ކެބިނެޓް ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ސަރުކާރުގެ މިނިސްޓްރީތަކުގެ މެންޑޭޓް ފާސް ކުރުމެވެ.

މަޖިލީހުގެ ދައުރު ފަށާ ގޮތަށް އޮތީ އަންނަ މަހު އެވެ. އަދި މަޖިލިސް އިންތިހާބު ބާއްވަން ހަމަޖައްސާފައި އޮތީ ރޯދަ މަސް ތެރޭގައި، އަންނަ މާޗް މަހު އެވެ.

ރޯދަ މަސް ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހެއް މިހާރު އޮތީ ހުށަހަޅައިފަ އެވެ.