25 ޖެނުއަރީ 2024 - 05:53

ސްރީ ލަންކާގެ ޖަލުތަކުގެ ޖާގައިގެ އިތުރަށް 290 ޕަސެންޓް މީހުން މިހާރު ބަންދުގައި އެބަތިބި ކަމަށް ކޮމިޝަނަ ޖެނެރަލް އޮފް ޕްރިޒަންސް ތުޝާރާ އުޕުލްދެނިޔާ ވިދާޅުވެއްޖެ އެވެ.
އުޕުލްދެނިޔާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޑިސެމްބަރު 31، 2022 ގެ ނިޔަލަށް ބަލާއިރު ލަންކާގެ ޖަލުތަކުގައި ޖާގަ އަކީ 11،291 ކަމަށެވެ. އެކަމަކު އެ މުއްދަތުގައި 26،176 މީހަކު ޖަލުތަކުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުތަކުގެ ޖާގަ ވެސް 232 ޕަސެންޓް އިތުރުކުރި ކަމަށެވެ.
ކޮމިޝަނަރު ވިދާޅުވީ ޖަލުތައް ތޮއްޖެހުމުގެ މައްސަލަ މި ދުވަސްވަރު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންގައި 30،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވާއިރު އަދި މިއަށްވުރެ އިތުރަށް މީހުން ހައްޔަރުކުރަން އެބަ ތިބި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޖަލުތަކުގެ ޖާގައިގެ މައްސަލަ ލަންކާގެ އޮޑިޓަ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައި ވާއިރު ޖަލުތަކުގެ ޕާފޯމަންސް އޮޑިޓްގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަަލަށް ލަންކާގައި ޖަލަށް ލާފައި ތިބި މީހުންގެ ތެރެއިން 53 ޕަސެންޓް މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން ކަމަށެވެ. -- ނިއުސް ވަޔަ