24 ޖެނުއަރީ 2024 - 10:01

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި އެތަނަށް ލިބޭ ގެއްލުންތަކާއި އާންމުންގެ ހާލަތު ދުނިޔެއަށް ހާމަކުރުމުގައި މަޝްހޫރުކަން ހޯދި ފޮޓޯގްރާފަރު މުއުތައްޒު އަޒާޔިޒާ ޣައްޒާއިން ނުކުމެ ގަތަރަށް ހިނގައްޖެ އެވެ.

އަޒާޔިޒާ އިއްޔެ އިންސްޓަގްރާމްގައި ބުނީ އޭނާ ޣައްޒާއިން ނުކުމެ މިސްރަށް ވަދެފައިވާ ކަމަށާއި އެތަނުން އޭނާ ގަތަރުގެ އަސްކަރީ މަތިންދާބޯޓެއްގައި ގަތަރަށް ދަތުރުފަށާނެ ކަމަށެވެ. މެދުނުކެނޑި ހަމަލާ ދެމުން ގެންދާ އަދި އިޒްރޭލުން އެއްކޮށް ހިސާރުކޮށްފައިވާ ޣައްޒާއިން އޭނާ ނުކުތީ ކިހިނެއް ކަމެއް އަދި އޭނާ ޣައްޒާ ދޫކޮށް ދަނީ ކީއްވެ ކަމެއް ބުނެފައެއް ނުބުނެ އެވެ.
"މިއީ އަހަރެން މި ބަރު އަދި ދާވެފައިވާ [ޕްރެސް] ވެސްޓްގައި ފެންނާނެ ފަހަރު. މިތަން ދޫކޮށް ދާން އަހަރެން ނިންމައިފިން. އުންމީދަކީ އަދި އަލުން އެނބުރި އައިސް ޣައްޒާ އާރާސްތުކުރުމުގައި ބައިވެރިވުން،" އަޒާޔިޒާ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ބުނެފައިވެ އެވެ.
މިއީ އަޒާޔިޒާ މަތިންދާބޯޓެއްގައި ދަތުރެއް ކުރާ ވެސް ފުރަތަމަ ފަހަރެވެ.
އޭނާ ބުނީ ޣައްޒާ ދޫކޮށް ދާން ނިންމީ ވަރަށް ގިނަ ސަބަބުތަކާ ހެދި ކަމަށާއި އޭގެ ތެރެއިން ބައެއް ސަބަބުތައް އާންމުންނަށް އެނގޭނެ ކަމަށާއި އެކަމަކު ހުރިހާ ސަބަބެއް މީހުންނަކަށް ނޭނގޭނެ ކަމަށެވެ.
ފަލަސްތީނުގެ، އުމުރުން 24 އަހަރުގެ މި ފޮޓޯގްރާފަރުގެ ފޮޓޯތަކާއި ވީޑިއޯތަކުން މިފަހަރު ވަނީ ޣައްޒާގެ ހާލަތު ދުނިޔެއަށް ވަރަށް ތަފްސީލްކޮށް އަންގައިދީފަ އެވެ. އޭނާ ބޮޑަށް މަޝްހޫރުވީ ޣައްޒާގެ ބިމާ ހަމަކުރަމުން ދިޔަ ގޮތާއި އާންމުން މަރުވެ އަދި ބިކަ ހާލުގައި ތިބި މަންޒަރުތައް އެ ހުރި ގޮތަށް، މަންޒަރުތަކަށް އުނި އިތުރެއް ނުގެނެސް ހާމަކުރަމުން ދިއުމުންނެވެ.
ލިބުނު މަޝްހޫރުކަމުގައި އަޒާޔިޒާއަށް ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ލިބުނެވެ. އޭނާގެ ފޭސްބުކް ފޮލޯވަރުންގެ އަދަދު ވެސް މި ހަަމަލާތަކުގެ ތެރޭގައި ބައި މިލިއަނަށް އަރާފައި ވާއިރު އެކްސްގެ ފޮލޯވަރުންގެ އަދަދު ވަނީ މިލިއަނަކަށް އަރައިފަ އެވެ. އޭނާ ވަނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އަށް ވެސް ކޮންޓެންޓް އުފެއްދުމުގައި މަސައްކަތްކޮށްދީފަ އެވެ.
އަޒާޔިޒާގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ހާލަތުގައި ވެސް ދުނިޔެއަށް ހަގީގަތް ހާމަކޮށްދިނުމުގައި ކުރި މަސައްކަތަށް ޝޯޝަލް މީޑިއާގައި ދަނީ ޝުކުރު އަދާކުރަމުންނެވެ.
އިޒްރޭލަށް ހަމާސް މިދިޔަ އޮކްޓޫބަރު މަހު ދިން ހަމަލާގެ ބަދަލު ހިފުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 25،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އިޒްރޭލުން ބުނަމުން ދަނީ ހަމަލާތައް ހުއްޓާލާނީ ހަމާސް ނައްތާލާފައި ކަމަށެވެ.