24 ޖެނުއަރީ 2024 - 06:05

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރާ ނަމަ ދެ މަސް ދުވަހަށް ހަމަލާތައް މެދުކަނޑާލަން ގަތަރާއި މިސްރު މެދުވެރިކޮށް އިޒްރޭލުން ހުށަހަޅާފައިވާ ކަމަށް އެމެރިކާގެ ނިއުސް ވެބްސައިޓް އަކްސިއޯސް އިން ބުނެފި އެވެ.
އިޒްރޭގެ އޮފިޝަލުންނާ ހަވާލާދީ އެ ވެބްސައިޓުން ބުނީ މިއީ އެކި މަރުހަލާތަކަށް ބަހާލައިގެން މީހުން މިނިވަންކުރުމުގެ ހުށަހެޅުމެއް ކަމަށެވެ. ފުރަތަމަ މަރުހަލާގައި ހިމެނެނީ އަންހެނުންނާއި އުމުރުން 60 އަހަރުން މަތީގެ ފިރިހެނުން އަދި ސިއްހީ ފަރުވާ ވަގުތުން ބޭނުންވާ ހާލަތުގައި ތިބި މީހުން މިނިވަންކުރުން ކަމަށް ބުނެފައިވެ އެވެ.
އެހެން މަރުހަލާތަކުގައި ސިފައިންގެ އަންހެނުންނާއި އާންމުންގެ ޒުވާން ފިރިހެނުންނާއި ފިރިހެން ސިފައިން އަދި މަރުވެފައިވާ ރަހީނުންގެ ހަށިތައް ދޫކުރުން ހިމެނޭ ކަމަށް އޮފިޝަލުންނާ ހަވާލާދީ ބުނެފައިވެ އެވެ.
މި ހުށަހެޅުމުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިނިވަންކުރުން ވެސް ހިމެނޭ ކަމަށާއި އެކަމަކު ހުރިހާ ގައިދީން ދޫކުރުމުގެ ހުށަހެޅުމެއް ނެތް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
މިއީ ހަމާސް އިން އޮކްޓޫބަރު ހަތެއްގައި އިޒްރޭލަށް ހަމަލާ ދިނުމުން އިޒްރޭލުން ދޭން ފެށި ހަމަލާތައް އެއްކޯށް ހުއްޓާލުމުގެ ހުށަހެޅުމެއް ނޫން ކަމަށް އަކްސިއޯސް އަށް އޮފިޝަލުން ވިދާޅުވި އެވެ. މިއީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިޒްރޭލު ސިފައިންގެ އަދަދު މަދުކޮށް އަސްކަރީ ހަރަކާތްތައް ވެސް މަދުކުރުމާ އެކު އާންމުން އެނބުރި އެ ސަަރަހައްދުތަކަށް ދިއުމުގެ ހުއްދަ މަޑުމަޑުން ދެމުން ގެންދާ ގޮތަށް އޮތް ހުށަހެޅުމެއް ކަމަށް ބުނެފައިވެ އެވެ.
މި ހުށަހެޅުމުގެ ދަށުން ދެ މަހަށް ހަމަލާތައް މެދުކަނޑާލަނީ ހުށަހެޅުމުގައިވާ ކަންކަން ފުރިހަމަކޮށް ނިންމަން ޖެހެނީ ގާތްގަނޑަކަށް ދެ މަސް ތެރޭގައި ކަމަށް ވާތީ، އެ މުއްދަތަށް ބަލައިގެންނެވެ.
ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1،140 މީހަކު މަރާލި ދުވަހު 250 މީހަކު ރަހީނު ވެސް ކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން ކުރީގެ ޑީލްތަކުގައި މިިނިވަންކޮށްފައި ވާއިރު އަދިވެސް 132 މީހަކު ޣައްޒާގެ ތެރޭގައި އެބަ ތިބި ކަމަށް ލަފާކުރެވެ އެވެ.
ހަމާސްގެ ހަމަލާ އާއި ރަހީނުންގެ މައްސަލައިގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 25،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އިޒްރޭލުން ބުނަމުން ދަނީ ހަމާސް ނައްތާލާފައި ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށެވެ. --އޭއެފްޕީ