24 ޖެނުއަރީ 2024 - 06:27

އާދިއްތަ ދުވަހާ ގުޅޭ
"ފަރޫއަށް ވުރެ ކުރިން އަހަންނަށޭ ރަޒީން ފެނުނީ." ތޫބާއަށް ބުނެވުނެވެ.
އިތުރު ތަފުސީލު ނުދެވުނަސް، އެހެން ނުބުނެ ތޫބާއަށް ހަމަ ކެތްނުވީއެވެ. ފަރްހާ އެއްޗެއް ނުބުނެ ތޫބާއަށް ބަލަހައްޓައިގެން ހުއްޓެވެ. އިތުރު ތަފުސީލު ބޭނުންވާތީއެވެ. ތޫބާ ބުނި އެއްޗަކުން ފަރްހާއަށް ވަރަށް ތަފާތު މާނައެއް ދޭހަވީތީއެވެ. އެހެންނަމަވެސް ތޫބާ އެއްޗެއް ނުބުނެ ހިނގައިގަތެވެ. ފަރްހާ ފަހަތުން އައިސް ތޫބާޔާ އެއްވަރުކުރިއެވެ.
"ދޮންތާ! ކޮބާހޭ ތީގެ މާނައަކީ؟" ފަރްހާ އެހިއެވެ.
ތޫބާ ހިތަށްއެރިއެވެ. އޭގެ މާނަ ކިޔައިދޭންވީހެއްޔެވެ؟ އަޑުއަހަން ކެރޭނެހެއްޔެވެ؟ ތޫބާގެ ލޯބި ފަރްހާ ޖަހައިގަތް އިރު އެކައްޗެކޭ ވެސް ހިތަކަށްނާރާހެއްޔެވެ؟ ފަރްހާގެ ހިތުން ރަޒީންގެ ނަން ޖެހޭނީ ފުހެލާށެވެ. ތޫބާއަށް ރަޒީން ނުލިބުނިއްޔާ ފަރްހާއަށް ވެސް ރަޒީން ލިބިގެން ނުވާނެއެވެ.
"ހަލޯ!" ފަރްހާ ތަންކޮޅެއް ބާރަށް ބުންޏެވެ. "އޭގެ މާނައަކީ ކޮބައިހޭ؟"
"އޭގެ މާނައަކީ ތަނަކުން މީހަކު ފެންނަ އިރަށް އޭނަޔާ ހިތާވާކަށް ނުޖެހެޔޭ!" ތޫބާ އެހެން ބުނި އިރު ފަރްހާގެ މޫނަކަށް ނުބަލައެވެ. އެ ހިތްވަރު ނުލިބިގެންނެވެ. "ކުރިން ހިތުގަ އެއްޗެއް އޮތަސް، އެއްބަފާ ކޮއްކޮޔާ އިނދެގެން ގެއަށް އައިމަ ދެން އެ ވީ ފެމެލީ މީހަކަށް. މިސާލަކަށް، ދޮންތަ އޭނަޔާ އިންނަން ދިމާކޮށްފިއްޔާ ފަރޫ ކީކޭ ބުނާނީ؟ އަޅެ ބުނެބަލަ!"
"ދޮންތަ އަޑުއަހަން ބޭނުން؟" ފަރްހާ އެހިއެވެ. އަދި ބުންޏެވެ. "އަހަރެން ބުނާނީ، މިހާރު އެ ޗާންސް ގެއްލިއްޖޭ! އަހަރެން ނޫން މީހަކަށް ދެނެއް ރަޒީނަކާ މެރީއެއް ނުކުރެވޭނޭ! އެ ވަރިހަމައޭ ދޮންތަ ވިޔަސް."
މޫސަ ހޮސްޕިޓަލުން ގެއަށް ބަދަލުކުރިއެވެ. އެއްކޮށް ރަނގަޅުވެގެނެއް ނޫނެވެ. ޑަކުޓަރު ލަފާދިން ގޮތުގައި މޫސަ އުޅޭނޫޅޭ ގޮތް ވަރަށް ގާތުން ބަލަންޖެހޭނެއެވެ. މޫސަގެ ހިތްނުތަނަވަސްވާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ހިތްއުފާވާނެ ހުރިހައި ކަމެއް ކުރުމަށް އިރުޝާދުދިނެވެ. ބޭހަކީ ވެސް ފަރުވާއަކީ ވެސް އެއީއެވެ. ހަފީޒާ އެ ކަން ހަނދާންބެހެއްޓިއެވެ. އެހެނަސް، ލުބާނާގެ ހަނދާންތަކުން ހަފީޒާއަށް ވަމުންދިޔަ އުނދަގޫތައް ކުޑައެއް ނުވެއެވެ. ލޮލުން ކަރުނައެއް ނުހިކެއެވެ. އެހެން މީހުންނަށް އެ ކަރުނަތައް ފޮރުވުމަށް ހަފީޒާ އެހައި ކުޅަދާނައެއް ވެސް ނޫނެވެ.
"ހަފީޒާގެ ލޯ ހާދަ ރަތޭ!" ކަޅިޖަހައިނުލައި ހަފީޒާގެ ލޮލަށް ބަލަން އިނދެފައި މޫސަ ބުންޏެވެ. "ލޮލުރޯގާ ޖެހުނީތަ؟"
"އުހުނ!" ވަރަށް ހަމަޖެހޭ ގޮތް ދައްކަމުން، ސޯފާގެ ބާލީސްތައް ރީތިކުރަމުން ހަފީޒާ ބުންޏެވެ.
ހަފީޒާ ސޯފާ ރީތިކުރަނިކޮށް ލުބާނާއަށް ފެނިއްޖެ ނަމަ، ފުންމައިގެން އައިސް ސޯފާގައި އިށީންނާނެއެވެ. މަންމަޔާ ސަމާސާކޮށްލުމުގެ ގޮތުންނެވެ. އެ ހަނދާންވެފައި އޭރު ވެސް ހަފީޒާ ހުރީ ކިރިޔާ ނުރޮވިއެވެ. އަނެއްކޮޅުން ފިރިމީހާއަށް ޓަކައި ހިނިތުންވާން ހަފީޒާ ދިޔައީ މަސައްކަތްކުރަމުންނެވެ. އެކަނި އިނދެ ރޯލަން ބޭނުންވި ދަނޑިވަޅު، އެތައް ކަމެއް ހިތާ ދެކޮޅަށް ކުރަންޖެހުމުން އެ ކަމާ ވެސް ހަފީޒާ ހުރީ ހިތްހަމަނުޖެހިފައެވެ.
"ރޭގަ ނުނިދަނީތަ؟" މޫސަ އެހިއެވެ.
"އުހުނ!" ކެތްތެރިކަމާ އެކުގައި ހަފީޒާ ބުންޏެވެ.
"ލޮަލަށް އެއްޗެއް ވެއްޓުނީ؟" މޫސަ އެހިއެވެ.
ހަފީޒާގެ ކެތްތެރިކަން ކޮޅުންލިއެވެ. އަތުގައި އޮތް ބާލީސް ސޯފާއަށް ޖަހައިފައި ސޯފާގައި ނިކަން ބާރަށް އިށީނެވެ.
"ލުބާ ހަނދާންވަނީ،" ކަރުނަތައް މިނިވަންކުރަމުން ހަފީޒާ ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން މޫސަ ގާތުގަ މި ވާހަކަދައްކާކަށް. ޑޮކްޓަރު ވެސް ބުނެފަ އޮތީ މި ކަހަލަ ވާހަކަ ނުދައްކާށޭ! އެކަމަކު އަހަންނަށް މި ވާ ވަރު އަހަންނަށްތާ އެނގޭނީ. އެންމެން އެ ކިޔަނީ ލުބާ އަމިއްލައަށް މަރުވީޔޭ! އޭނަ ކީއްވެ އަމިއްލައަށް މަރުވާންވީ؟ އަހަރެން ގަބޫލެއް ނުކުރާނަން. ނުލާހިކު ލޯބިން އެ ދެކުދިން އުޅުނީ. ކުދިކުދި މައްސަލަ ނުޖެހެޔެކޭ ނޫން އެކަމަކު ލުބާއަށް ރަޒީން ނުލާހިކު ހެޔޮ."
މޫސަ އެއްޗެއް ނުބުނުމުން މޫސަގެ މޫނަށް ހަފީޒާ ބަލައިލިއެވެ. ކަނދުރާ އެލުވާލައިގެން އިސްޖަހާލައިގެން މޫސަ އިނެވެ.
"ލުބާއަށް ކިހިނެއްބާ ވީ؟" މޫސަ މަޑުމަޑުން ބުންޏެވެ.
"ތި ސުވާލުގެ ޖަވާބެއް އަހަންނަކަށް ނޭނގޭ،" ހަފީޒާ ބުންޏެވެ. "އެކަމަކު ރަޒީންހާ ހެޔޮ ފިރިއެއް ލިބުނު މީހަކު އަމިއްލައަކަށް މަރެއްނުވާނެ. އަހަންނަށް ޔަގީން ރަޒީން ދެން މީހަކާ ނުވެސް އިންނާނެކަން. މަ ބުނީތީ ވެސް ބަލާތި!"
ސަފިއްޔާ ވަރަށް ބާރަށް ރޮއިގަތް އަޑުއިވިގެން ތޫބާ ދުވެފައި ކޮޓަރިން ނުކުތެވެ. ތޫބާއަށް ފެނުނީ މަންމަ ދުވެފައި ކަހަލަ ގޮތަކަށް ގޮސް މަންމަގެ ކޮޓަރިއަށް ވަންތަނެވެ. ފަރްހާ ސޯފާގައި އިށީނދެލައިގެން ފޯނާކުޅެން އިނެވެ. ވީ ގޮތް ތޫބާއަށް ވިސްނުނެވެ. އެހެންނަމަވެސް ތޫބާ ސުވާލުކުރިއެވެ.
"މަންމަ ކައިރީގަ ބުނީ ދޯ؟" ތޫބާ އެހިއެވެ. "އަޅެ އެ ވަރަށް ނުބުނާށޭ ބުނީމަ ވެސް.."
ފަރްހާ އެއްވެސް އެއްޗެއް ނުބުނެއެވެ. ފޯނުން އެ ކުރާ ކަމެއް ކުރަން އިނީއެެވެ. ތޫބާ ރުޅިއައިސްފައި ގޮސް ފަރްހާގެ ފޯނު ޖަހައިގަތެވެ.
"އަހަރެން މި ކިޔާ އެއްޗެއް ނީވޭތަ؟" ތޫބާ މަޑުމަޑުން އެހިއެވެ.
"އިވެޔޭ!" ތޫބާ އަތުން ފޯނު ޖަހައިގަންނަމުން، ރުޅިއައިސްފައި އެހެނަސް މަޑުމަޑުން ފަރްހާ ބުންޏެވެ. "އަހަރެން ބީރެއް ނޫނޭ! ކިހާ ވަރަކަށް ދޮންތަ ގާތުގަ ބުނިން މަންމަ ކައިރީގަ އެ ވާހަކަ ބުނެދޭށޭ، ދޮންތަ ބުނާ ގޮތަށް ހަކުރުލާފަ ބުނާކަށް އަހަންނަކަށް ނޭނގޭނޭ! ނުބުނަންތަ؟"
ތޫބާ ހިތަށްއެރިއެވެ. ރަޒީންގެ ލޯބީގައި ފަރްހާ ދުނިޔެއިން މޮޔަވެއްޖެއެވެ.
"ފަރޫ މިހާރު ހާދަ ޗޭންޖުވެއްޖޭ!" ތޫބާ ބުންޏެވެ. "ހެޔޮނުވާނެ އަޅެ ތި ކަން ހުއްޓާލަބަލަ! ފެމެލީއަށްޓަކާ!"
"ފެމެލީއަށްޓަކައޭ އަހަރެން މި ކަން މި ކުރަނީ ދޮންތާ!" ހިތާމަޔާއެކު ފަރްހާ ބުންޏެވެ. "ނެތޭ އެހެން ޗޮއިސްއެއް."
"ޗޮއިސްއެއް ނެތޭ؟" ހައިރާންވެފައި ތޫބާ ބުންޏެވެ. "އަހަންނަކަށް ނުވިސްނޭ ތި ކިޔާ އެއްޗެއް."
"ވިސްނޭނެ! ދޮންތައަށް ހަމަ ރަނގަޅަށް އަންޑަސްޓޭންޑްވާނެ މި ކިޔާ އެއްޗެއް." ވަރަށް ޔަގީންކަމާ އެކުގައި ފަރްހާ ބުންޏެވެ.
ތޫބާއަކަށް ގަބޫލެއް ނުކުރެވުނެވެ. ފަރްހާ ގައިގައި ހިފައި ތަޅުވައިގަތެވެ. އޭރުން ހުވަފެނީ ދުނިޔެއިން ފަރްހާއަށް ހޭލެވޭނެކަމަށެވެ.
"އެނގޭތަ ތި ކިޔޭ އެއްޗެއް؟" ތޫބާ ވައިއަޑުން ބުންޏެވެ. "ތި އުޅެނީ އަހަރެން ބިރުގަންނަވަންތަ؟ ބުނޭ ތީ ދޮގެކޭ!"
"ހާދަ ބޭނުމޭ ބުނަން،" ފަރްހާ ބުންޏެވެ. "އެކަމަކު، އައި ކާންޓް ދޮންތާ!"
ތޫބާގެ ފޫހިކަން ދެގުނައަށް އިތުރުވިއެވެ. އެ ކައިވެނީގެ އެއްވެސް ދައުރެއް އަދާކުރަން ތޫބާ ދެކޮޅުހެދިއެވެ.
"ބައްޕަ ކައިރިއަށް ރަޒީން ފޮނުވާ!" ތޫބާ ބުންޏެވެ. "އޭނަ ވެސް ކޮންމެވެސް ކަމެއް ކުރަންޖެހޭނެއްނު!"
"އޭނަ ހުރީ ދާގޮތަށޭ! އަހަރެން ބުނީ ނޫނެކޭ ރަޒީނަކަށް ނޭނގޭނޭ ވާހަކަދައްކާކަށް، މިސްޓޭކެއް ހެދިދާނޭ!" ފަރްހާ ސަބަބު ކިޔައިދިނެވެ. "ދޮންތައަށް ނުބުނެވެންޏާ އަހަރެން ބުނާނީ. އެކަމަކު އަދިވެސް އެއްފަހަރު ރިކްއެސްޓު މިކުރަނީ، ދޮންތަ އަހަންނަށް މި ކަންތައް ކޮށްދީ! ޑެޑް އޯކޭކުރެވޭނީ ހަމަ އެކަނި ދޮންތައަށް."
ތޫބާއަށް ވެސް އެ ކަން އެނގެއެވެ. ބިރުގަންނަނީ ވެސް އެ ކަމާއެވެ.
"ތި ކަމުގަ އަހަރެންގެ އެއްވެސް ހެލްޕެއް ފަރޫއަކަށް ނުލިބޭނެ،" ތޫބާ ބުންޏެވެ. "ދެން ފަރޫއަށް ފެންނަ ގޮތެއް ހަދާ!"
ބައްޕައަށް ގުޅަން ފަރްހާ ފޯނު ނެގިއެވެ. ތޫބާ އަނެއްކާ ވެސް ފޯނު ޖަހައިގަތެވެ.
"ދެން ދާނީ ގެއަށް!" ފަރްހާ ތެދުވެގެން ހިނގައިގަންނަމުން ބުންޏެވެ. "އިނދޭ ފޯނުހިފައިގެން."
"މަޑުކުރޭ!" ތޫބާ އެންމެ ފަހުން ގޮތްދޫކުރިއެވެ. "އެކަމަކު ފޯނަކުން ތި ވާހަކައެއް ނުދެއްކޭނެ. އެ ގެއަށް ގޮސް ބުނާނީ. އަހަރެން ބޭނުމެއް ނޫން އެ ގެއަށް ވަންނާކަށް ވެސް އެކަމަކު... އަހަރެން ހިތަށްއަރާ ފަރޫ ހުރިހާ ހަޑިއެއް ހާވާފަ ކީއްކުރަންހޭ އަހަރެން.."
"އަހަރެން ވެސް ދަންތަ؟" ފަރްހާ އެހިއެވެ. "ދޮންތަ އޯކޭދީފިއްޔާ..."
"އާނ! ރަޒީން ވެސް ގޮވައިގެން، ހެކިވެރިންނާ ވެސް އެކީގަ ދާނީ ދޯ؟" ރުޅިއައިސްފައި ތޫބާ ބުންޏެވެ. "އަހަރެން ފަހަތުން އަންނާނެކަމެއް ނެތް. ސަހަރާއަށް ދާން ރެޑީވެގެން ހުރޭ! އެއްވަރުގެ ކަންތައް. އަހަރެން ހިތަށްއަރާ ކީކޭ ކިޔާފަބާއޭ ފަށާނީ ވެސް."
ރޭގަނޑުގެ ވަގުތެވެ. ފަރްހާ ޓީވީބަލަން އިން އިރު ވެސް ގިނަ ވަގުތު ބެލެނީ ފޯނަށެވެ. ގަޑިޔަށެވެ. ތޫބާ ދިޔަތާ ބައިގަޑިއެއްހައި އިރު ވަނީއެވެ. އެއްވެސް ޚަބަރެއް ނުވެއެވެ. ރިމޯޓުން ޗެނަލުތައް ބަދަލުކުރުމަށް ފަހު އެންމެ ފަހުން ޓީވީ ނިއްވައިލައިފައި ކޮޓަރިއަށް ވަންނަން ފަރްހާ ހިނގައިގަތެވެ. މަންމަގެ ކޮޓަރީގެ ދޮރު ހުޅުވިފައި ހުރުމުން ދޮރުމައްޗަށް އެރިއެވެ. އެނދުގައި އިށީނދެގެން ފިކުރަކަށް ގެއްލިފައިއިން ސަފިއްޔާއަށް ފަރްހާ ބަލަން ހުއްޓައި ފެނުނެވެ. އައި ގޮތަށް އައިސް ނިކަން ބާރަށް ދޮރުލެއްޕިއެވެ. ފަރްހާއާއި ރަޒީން ކައިވެނިކުރާ ވާހަކަ ދެއްކި ފަހުން ފަރްހާޔާ ވާހަކަދެއްކުން ސަފިއްޔާ ހުއްޓައިލިއެވެ. މަންމަ ވާހަކަނުދައްކާތީ ފަރްހާއަށް ވަރަށް އުނދަގޫވެއެވެ. އެހެނަސް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ރަޒީން އުޅެން ބޭނުންވަނީ ފަރްހާގެ ގޭގައެވެ. ތޫބާ ޖެހޭނީ މަންމަ ކޮޓަރިއަށް ބަދަލުވާށެވެ. އެ ހިސާބުން ދެން ކުރިމަތިވާނެ ކަންކަމާ މެދު ވިސްނައިލިޔަސް ފަރްހާގެ ބޮލުގަރިއްސައެވެ. ފަރްހާ އުންމީދުކުރަނީ ވަކި ހިސާބަކުން ރަޒީނަށް ކެތްނުވެގެން ފަރްހާއަށް އެހެން ގޮތެއް ހޯދައިދޭނެކަމަށެވެ. ފަރްހާ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ. ހިތަށްއެރިއެވެ. ބައްޕަގެ ކަންފަތާ ހަމައަށް އެ ވާހަކަ ގެންދަން ތޫބާއަށް ކެރޭނެބާއެވެ؟ ދެން ވާނީ ކިހިނެއްބާއެވެ؟
ރޭގަނޑު އެގާރަޖެހި ފަހުން ތޫބާ އައި އަޑުއިވުނެވެ. ފަރްހާ ބަލަން އޮއްވައި ތޫބާ އައިސް ކޮޓަރިއަށް ވަނެވެ. ވީ ކިހިނެއްކަމެއް ފަރްހާއަކަށް ނޭނގެއެވެ. ތޫބާގެ މޫނުމަތިން ފެންނަންހުރީ ނުތަނަވަސްކަމެވެ. ނަފުރަތެވެ. ހިތާމައިގެ އަސަރު ވެސް ފަރްހާއަށް ފެނުނެވެ. ތޫބާ އައި ގޮތަށް އެނދުގައި އޮށޯތެވެ. ފަރްހާއަށް ފުރަގަސްދިނެވެ.
"ކިހިނެއްވީ؟" ފަރްހާ އެހިއެވެ. "ދޮންތައަށް ކެރުނުތަ ބުނަން؟"
"ހޫނ!" ވަރަށް ފޫހިވެފައިވާ ރާގަކަށް ތޫބާ ބުނެލި އަޑުއިވުނެވެ.
"ކީކޭ ބުނީ؟" ފަރްހާ ޖެހުނީ އެ ސުވާލު ވެސް ކުރާށެވެ.
"ފަރްހާ ކައިރީގަ ބުނޭ ފުރަތަމަ އަހަރެންގެ ކަރުގަހިފާ މަރާލާށޭ! ބުނި ގޮތަށް މި ބުނީ!" ތޫބާ ބުންޏެވެ.
ނުނިމޭ