23 ޖެނުއަރީ 2024 - 14:31

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް ފޯމު ގަނޑުކޮށް ފޯމު ހުށަހެމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށް ނުލިބޭނެ ކަމަށާއި ފޯމު ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

މަޖިލިސް އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި އީސީގެ މެންބަރު މުހައްމަދު ނަޝާތު ވިދާޅުވީ، ކޮމިޝަނުގެ އަމާޒު ހުރީ ކަރުދާސް ފޯމު ބޭނުންކުރުން ހުއްޓާލަން ކަމަށެވެ.
އޭނާ ވިދާޅުވީ، ހަމައެކަނި އޮންލައިންކޮށް ރީރެޖިސްޓްރޭޝަން ކުރެވޭ ގޮތަށް ކަނޑައެޅީ، ފިޒިކަލްކޮށް ފޯމު ހުށަހެޅުމުގައި ސައްހަ ނޫން ފޯމު ހުށަހެޅުމުގެ ފުރުސަތު ބޮޑުވުމުން ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ތެރޭގައި އޮންލައިން ސްޓެޓްތަކަށް ބެލިއިިރު އޮންލައިން ނިޒާމުގައި ވެރިފައި ކުރެވޭ ލެވެލެއްގައި އަޅުގަނޑުމެންނަށް ފޯމުތައް ލިބިފައި ހުރީ. އެއްވެސް ކަހަލަ އިޝޫއެއް އޭގެ މާ ބޮޑަކަށް ނެތް. ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން އޭރުގައި ބަލާފައި، ފިޒިކަލް އަށް ވުރެ މާ ކްރެޑިބަލް މިހާރު އަޅުގަނޑުމެންނަށް އޮންލައިން،" ނަޝާތު ވިދާޅުވި އެވެ.
މި ބަދަލާ އެކު ސިޔާސީ ޕާޓީތަކުން ގަނޑުކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަން ފާހަގަކޮށް ނަޝާތު ވަނީ ސިޔާސީ ޕާޓީތަކުން ވެސް އިލެކްޝަންސް ޕޯޓަލްގެ ތެރެއިން އޮންލައިންކޮށް އެކަން ކުރުމަށް އެދިވަޑައިގެންފަ އެވެ.
އޮންލައިންކޮށް ފޯމު ހުށަހަޅަން ޖެހެނީ އީ-ފާސް ނުވަތަ އިލެކްޝަންގެ ރީރެޖިސްޓްރޭޝަން ލިންކު މެދުވެރިކޮށެވެ. އީ-ފާސް މެދުވެރިކޮށް އެކަން ކުރެވޭނެ ގޮތް ހަމަޖެއްސީ އިތުބާރު ހިފޭ އަދި ރާއްޖެއިން ބޭރުގައި ވެސް ބޭނުން ކުރެވޭތީކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އީ-ފާސް ފެއިލްވާ ހާލަތެއްގައި ވެސް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.