އިޒްރޭލު ސިފައިންނަށް އެންމެ ގެއްލުން ބޮޑު ދުވަސް، 24 މަރު
އިޒްރޭލު ސިފައިންނަށް އެންމެ ގެއްލުން ބޮޑު ދުވަސް، 24 މަރު

އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާއަށް އެއްގަމު މަގުން އަރައި ދެމުން ގެންދާ ހަމަލާތަކުގައި މިދިޔަ އާދީއްތަ ދުވަހު ސިފައިންގެ 24 މީހަކު މަރުވި ކަމަށާއި މިއީ މި އޮޕަރޭޝަންގައި އެއް ދުވަހެއްގައި އެންމެ ގިނަ ސިފައިން މަރުވި ދުވަސް ކަމަށް ބުނެފި އެވެ.

އިޒްރޭލުގެ އަސްކަރީ ތަރުޖަމާނު ޑެނިއެލް ހަގަރީ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުނީ ގިނަ ސިފައިން މަރުވީ ސިފައިން ތިބި ޓޭންކަަކަށާއި ގޮއްވާލަން އުޅުނު ގެޔަކަށް ރޮކެޓް-ޕްރޮޕެލްޑް ގްރެނޭޑުން ދިން ހަަމަލާއެއްގެ ސަބަބުން ކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި ރިޒާވް ސިފައިންގެ މީހުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

"މަރުވި މީހުންގެ ހަށިތައް ހޯދަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރިން،" ހަމަލާގައި ފުނޑުފުނޑުވެފައިވާ އެއްޗެހިތަކުގެ ތެރެއިން މީހުންގެ ހަށިތައް ހޯދުން އުނދަގޫކަން ފާހަގަކުރަމުން ތަރުޖަމާނު ބުންޏެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގެ ބަދަލު ހިފައި ހަމާސް ނައްތާލުމުގެ ނަމުގަ އެވެ. އެކަމަކު ހަމަލާތަކަށް ތިން މަސް ވެގެން ދިޔައިރު ޣައްޒާއިން 25،000 އަށް ވުރެ ގިނަ މީހުން ޝަހީދުވި އިރު އޭގެ ތެރޭގައި ހަނގުރާމަވެރިންނަށް ވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުން ބުނެ އެވެ. --އޭއެފްޕީ