ބަދަލުގެ ގޮތުގައި ދެ ހަފްތާ ތެރޭ 26 މިލިއަން، ކުންފުނި ހާމައެއް ނުކުރި
ބަދަލުގެ ގޮތުގައި ދެ ހަފްތާ ތެރޭ 26 މިލިއަން، ކުންފުނި ހާމައެއް ނުކުރި

މިދިޔަ ދެ ހަފްތާ ތެރޭ ސަރުކާރުން ބަދަލުގެ ގޮތުގައި 26 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުގެ ރިޕޯޓުގައިވާ ބަދަލުގެ ގޮތުގައި ފައިސާ ހޭދަކޮށްފައިވާކަން ހާމަކޮށްފައި ވިޔަސް އެ ފައިސާ ދިނީ ކޮން ބަޔަކަށް ކަމެއް ހާމައެއް ނުކުރެ އެވެ. މިނިސްޓްރީން ބުނީ، ބަދަލު ދިން ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން ކުންފުނީގެ ނަން ސިއްރުކުރަން ޖެހޭ ކަމަށެވެ.

މިއަހަރުގެ ބަޖެޓުގައި ބަދަލުގެ ގޮތުގައި ދޭން 101 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

މިދިޔަ އަހަރު ދައުލަތުން ވަނީ ބަޖެޓުކުރި އަދަދުގެ ފަސް ގުނަ، ބަދަލު ދިނުމަށް ހޭދަކޮށްފަ އެވެ. މިދިޔަ އަހަރު 101 މިލިއަން ރުފިޔާ ބަދަލު ދޭން ބަޖެޓު ކުރި އިރު އަހަރު ނިމުނު އިރު 557 މިލިއަން ރުފިޔާ ދީފައިވެ އެވެ.

ވޭތުވެދިޔަ ފަސް އަހަރު ދައުލަތުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދެ ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެ ބަދަލުތައް ދޭންޖެހެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބާތިލުކޮށްފައި ވުމުގެ ސަބަބުންނެވެ. އަދި ކޮންމެ އަހަރަކު ވެސް ބަޖެޓުކުރާ އަދަދަށް ވުރެ އިތުރަށް ބަދަލު ދޭން ހަރަދު ކުރެ އެވެ.

ބަދަލު ދިނުމުގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލާ މެދު ގިނަ ބައެއްގެ ފާޑުކިޔުން ކުރީގެ ސަރުކާރަށް އޮތެވެ. ވެރިކަން ބަދަލުވުމަށް ފަހު މިދިޔަ ނޮވެމްބަރު 21، ގައި މި ސަރުކާރުން ވަނީ ބަދަލު ދިނުމަށް ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމެޓީ އުވާލައިފަ އެވެ.