ޑައިވިން އަށް ދިޔަ ޓޫރިސްޓަކު ބުރަފަތީގައި ޖެހި އަނިޔާވެއްޖެ
ޑައިވިން އަށް ދިޔަ ޓޫރިސްޓަކު ބުރަފަތީގައި ޖެހި އަނިޔާވެއްޖެ

ގއ. ގެމަނަފުށި ކައިރި އަށް ޑައިވިން އަށް ގޮސް އުޅުނު ޓޫރިސްޓަކު، ދޯންޏެއްގެ ބުރަފަތީގައި ޖެހި، ބޮޑެތި އަނިޔާތަކެއް މިއަދު ވެއްޖެ އެވެ.

ގެމަނަފުށި ކައިރީގައި އޮންނަ ޑައިވިން ޕޮއިންޓް "މާރިޔާ" އަށް ގޮސް އުޅެނިކޮށް އަނިޔާވީ ފްރާންސްގެ ފިރިހެނަކަށެވެ. ގާތްގަނޑަކަށް 50 އަހަރުގެ އެ މީހާ އަކީ ޗުއްޓީ އަށް ސަފާރީ އަކަށް އައި މީހެކެވެ. އޭނާ މިރޭ ވަނީ ފަރުވާ ދިނުމަށް މާލެ ގެނެސްފަ އެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް ޝަމްވީލް އިބްރާހިމް މިރޭ ވިދާޅުވީ ޓޫރިސްޓް މީހާގެ ފައި ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ކަމަށެވެ.

"ފައިތިލަ ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ހުރީ. އަދި ފައިގެ ތިން ތަނުން ބުރިވެފައިވާ ކަމަށް ހެލްތް ސެންޓަރުން ބުނޭ. ބައި އިންޗީގެ އެސްލޯނު ހޮޅިއެއްގެ އެހީގައި ފައި ބަނދެފައި ބެހެއްޓި،" ޝަމްވީލް ވިދާޅުވި އެވެ.

ޓުއާ ގައިޑާ ހަވާލާދީ، ޝަމްވީލް ވިދާޅުވީ އެ ހާދިސީ ހިނގީ، ޑައިވް ކުރުމަށް ފަހު ފެން މައްޗަށް އެރުމުގެ ތެރޭގައި ބުރަފަތީގައި ޖެހިގެން ކަމަށެވެ.

"މާރިޔާ" އަކީ ޓޫރިސްޓުން މެދުގައި ވަރަށް މަގުބޫލު ޑައިވިން ޕޮއިންޓެކެވެ. މިހާރު ވެސް ގިނަ އަދަދެއްގެ ސަފާރީ އެ ސަރަހައްދުގައި އަޅާފައިވާ ކަމަށް ޝަމްވީލް ވިދާޅުވި އެވެ.