23 ޖެނުއަރީ 2024 - 06:27

ސްރީ ލަންކާގައި އެ ގައުމުގެ ގޭންގަކާ މައްސަލަ ޖެހުނު ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ބަޑިން ހަމަލާދީ އަވަހާރަކޮށްލައިފި އެވެ.
ލަންކާ ފުލުހުން ބުނީ "އަވަ ޕަވަ އޮފް ޕީޕަލް ޕާޓީ" ގެ ލީޑަރު ސަމަން ޕެރޭރާ އާއި އިތުރު ހަތަރު މީހަކަށް ބަޑިން ހަމަލާދީ އަވަހާރަކޮށްލީ ދެކުނުގައި އޮންނަ ބެލިއާޓާ އަވަށުގައި ރެސްޓޯރަންޓެއްގެ ކައިރިއަށް ވެހިކަލް މަޑުކުރި ވަގުތު ޓްރަކެއްގައި އަދި ބަޔަކު ކަމަށެވެ. އެއީ ވެރިރަށް ކޮލަމްބޯއާ 200 ކިލޯމީޓަރު ދުރެވެ.
ފުލުހުން ބުނީ މިއީ ކޮން ސަބަބަކާ ހުރެ ދިން ހަމަލާއެއް ކަމެއް ނޭނގޭ ކަމަށާއި އެކަމަކު ހަމަލާގެ އަމާޒަކީ ޕެރޭރާ ކަމަށް ބެލެވޭ ކަމަށެވެ.
ޕެރޭރާގެ ޕާޓީއަށް، ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބު ކުރެވިފައިވެ އެވެ. އެކަމަކު ޕެރޭރާ އަކީ މަޖިލިސް މެންބަރެއް ނޫނެވެ.
ފުލުހުން ބުނީ ލަންކާގެ ގޭންގެއްގެ އިސް މީހަކާ ޕެރޭރާއާ ދެމެދު މައްސަލައެއް ޖެހިގެން އުޅޭ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވާއިރު އެކަން ފުލުހުންގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށެވެ.
މި ހަމަލާ ދީފައި މި ވަނީ ލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށައި 44،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވަނިކޮށެވެ. --އޭއެފްޕީ