22 ޖެނުއަރީ 2024 - 19:46

އެއްމެދު އިމާރާތްތަކުގެ ރަޖިސްޓްރީކުރުމުގެ ކަންކަން ލުއިކުރުމަށް ސަރުކާރުން ތައްޔާރުކޮށްފައިވާ "ސްޓްރާޓާ" ޕޯޓަލް މިއަދު ތައާރަފުކޮށްފި އެވެ.

ހ. މީރުމާ ހޯލުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް ތައާރަފުކޮށްދެއްވީ ކުރީގެ ހައުސިން މިނިސްޓަރު އިބްރާހިމް ރަފީގެވެ. އެ ރަސްމިއްޔާތުގައި މިހާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ހައިދަރު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި ހިމަނައިގެން ތައާރަފުކުރި މި ޕޯޓަލްއާ އެކު އެއްމެދު އިމާރާތްތަކުގެ ރަޖިސްޓްރޭޝަންގެ ކަންކަމާއި އެކަމާ ގުޅޭ އެހެނިހެން ކަންކަން ވެސް އާންމުންނަށާއި ރިއަލް އެސްޓޭޓް ވިޔަފާރިކުރާ ފަރާތްތަކަށާއި އާކިޓެކްޓްސް އަދި ވަކީލުންނަށް ވެސް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ތައްޔާރުކުރަމުން އަންނަ އެއްމެދު އިމާރާތާ ގުޅޭ ގާނޫނު ވެސް ވުޖޫދަށް އައުމާ އެކީގައި މި މަސައްކަތަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމަށް އަޅުގަނޑު ދެކެން،" ހައިދަރު ވިދާޅުވި އެވެ.
މި ޕޯޓަލް އަކީ އެއްމެދު އިމާރާތްތައް ރަޖިސްޓްރީކުރުމާއި އެއްމެދު އިމާރާތްތަކަށް ނިސްބަތްވާ "މެނޭޖުމަންޓް ކޯޕަރޭޝަން"ތައް ރަޖިސްޓްރީކޮށް ސަރުކާރުން ރެގިއުލޭޓްކުރުމަށް މަގުފަހިވާނެ ޕޯޓަލްއެއް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ޕޯޓަލް އަކީ ރާއްޖޭގައި ރިއަލް ސްޓޭޓް ވިޔަފާރި ފުޅާކުރުމަށް އެ ދާއިރާގެ ކުންފުނިތަކުން ތަރައްގީކުރާ މަޝްރޫއުތައް އެއްމެދު އިމާރާތްތަކުގެ ގޮތުގައި ރަޖިސްޓްރީކުރުމާއި ގަނެވިއްކުމާ އަދި ހިންގައި ބެލެހެއްޓުމާ ގުޅޭ ކަންކަން މަގުފަހިކުރުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ.
ކުރިމަގުގައި މި ޕޯޓަލް ވާނީ ސަރުކާރުގެ އިދާރާތަކާއި ގުޅުންހުރި ހުރިހާ އިދާރާތަކާ ގުޅާލައި އެކަމާ ގުޅުންހުރި ހުއްދަތައް ދޫކުރެވޭ އަދި ރާއްޖޭގެ އެއްމެދު އިމާރާތްތަކުގެ ހުރިހާ މައުލޫމާތުތަކެއް ރިކޯޑް ކުރެވޭ ޕޯޓަލްއަކަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެއްމެދު އިމާރާތް ނުވަތަ "ސްޓްރާޓާ ސްކީމް" އަކީ އިމާރާތެއް ނުވަތަ އިމާރާތްތަކެއްގައި ހިމެނޭ ޔުނިޓްތައް ވަކިވަކި މީހުންނަށް މިލްކުކުރެވޭ ގޮތަށް ހަދާފައިވާ، އެ އިމާރާތް ނުވަތަ އިމާރާތްތަކުގައި ހިމެނޭ އާންމު ތަންތަން ހުރިހާ ޔުނިޓްތަކުގެ މިލްކުވެރި ފަރާތްތަކުގެ މެދުގައި ހިއްސާވެ، އެ ތަންތަން ހިންގައި ބެލެހެއްޓުމެވެ.
އެއްމެދު އިމާރާތްތެއްގެ ޔުނިޓެއް މިލްކުކުރުމުން އެ ޔުނިޓާ ގުޅިގެން ވަކި އުސޫލުތަކެއްގެ ދަށުން އިމާރާތް ނުވަތަ އިމާރާތްތައް ހިންގައި ބެލެހެއްޓުމުގެ ޒިންމާ ނުވަތަ ހިއްސާ ލިބޭނެ އެވެ.