22 ޖެނުއަރީ 2024 - 15:32

ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ، ޗައިނާގައި ވެރިކަންކުރާ ކޮމިޔުނިސްޓު ޕާޓީގެ އިންޓަނޭޝަނަލް ޑިޕާޓުމަންޓުގެ ވައިސް މިނިސްޓަރު ސަން ހައިޔާން، ރައީސް ޑރ. މުހައްމަދު މުއިއްޒާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުންތަކުގައި އަމަލީ ސިފަ ޖެއްސޭނެ ގޮތްތަކާ ގުޅޭ ގޮތުން ކަމަށެވެ.
ރައީސް ވަނީ މި އެއްބަސްވުންތައް ތަންފީޒުވާން އެދޭ ކަމަށް ސަން ހައިޔާން އަރިހުގައި ދަންނަވައިފަ އެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފަށާފައިވާތީ، އެ ދަތުރުތައް ޗައިނާގެ އެހެން ސިޓީތަކަށް އިތުރުކުރުމާ ގުޅޭ މަޝްވަރާތަކާއި ޗައިނާ އާއި ރާއްޖޭގެ އެއް ސިޓީ އަނެއް ސިޓީއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސް އޮފީހުން ބުނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ލީޑަރޝިޕްގެ ދަށުން ޗައިނާގެ ކަމާގުޅޭ ހުރިހާ އިދާރާތަކުން ދިވެހިރާއްޖޭގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަމުގެ ޔަގީންކަން ސަން ހައިޔާން ދެއްވެވި ކަމަށެވެ.
ހައިޔާން ރާއްޖެއަށް ވަޑައިގަތީ ތިން ދުވަހުގެ ދަތުރުފުޅަކަށެވެ. އެކަމަނާ މާދަމާ ފުރާވަޑައިގަންނަވާނެ އެވެ.