22 ޖެނުއަރީ 2024 - 06:19

ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދޭ ހޫތީ ހަނގުރާމަވެރިނަށް އީރާނުން ފޮނުވި ކަމަށް ބުނާ މިސައިލްގެ ބައިތައް އަތުލައިގަތުމަށް އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަންގައި ގެއްލުނު ސިފައިންގެ ހާއްސަ ޓީމް "ސީލް" ގެ ދެ މީހުން މަރުވެފައިވާ ކަމަށް ނިންމައިފި އެވެ.
"ސީލް" އަކީ އެމެރިކާ ސިފައިންގެ އެންމެ ނުރައްކާ އޮޕަރޭޝަންތަކަށް ހާއްސަކޮށް ތަމްރީންކޮށްފައި ތިބޭ ބައެކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ކުރިން ބުނެފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ސީލްގެ ދެ މެންބަރަކު ގެއްލިފައިވާ ކަމަށާއި އެއީ އީރާނުން ފޮނުވި މިސައިލްގެ ބައިތަކެއް އުފުލި އުޅަނދެއް ސޯމާލިއާ ބޭރުން އަތުލައިގަތް އޮޕަރޭޝަންގައި ގެއްލުނު ބައެއް ކަމަށެވެ.
"ސިފައިންގެ ހާއްސަ ޓީމުގެ މެންބަރުން ހޯދުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ދިހަ ދުވަސް ވަންދެން ކުރުމަށް ފަހު ވެސް ފެނިފައިނުވާތީ، 'ގެއްލިފައި' ކަމަށް ނިންމި މީހުން 'މަރުވެފައި' ކަމަށް ހިތާމަޔާ އެކު ކަނޑައަޅައިފިން،" ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި ސިފައިންގެ އޮޕަރޭޝަންގައި އަތުލައިގަތީ އީރާންގައި އުފައްދާފައިވާ ވަރަށް ޒަމާނީ ހަތިޔާރުގެ ބައިތަކެވެ.
ސެންޓްކޮމް އިން ކުރިން ބުނެފައިވާ ގޮތުގައި އީރާނުގައި އުފައްދާ ބެލަސްޓިކް މިސައިލާއި ކްރޫޒް މިސައިލްގެ ބައިތައް އެ އުޅަނދުން ފެނުނެވެ.
"މިއީ ހޫތީން އުޅަނދުތަކަށް ހަމަލާދޭން ފެށި ފަހުން، އީރާނުން ހޫތީންނަށް ފޮނުވި އެޑްވާންސްޑް ކޮންވެންޝަނަލް ވެޕަން [އޭސީޑަބްލިޔު] އަތުލައިގަނެވުނު ފުރަތަމަ ފަހަރު،" ސެންޓްކޮމްގެ ކުރީގެ ބަޔާނުގައިވެ އެވެ.
ހޫތީން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާ ދެމުން ގެންދަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުމެއްގެ ގޮތުގަ އެވެ. އެ މީހުން ބުނަނީ ހަމަލާ ދެނީ އިޒްރޭލާ ގުޅުން ހުރި މުދާ އުފުލާ ނުވަތަ އިޒްރޭލާ ގުޅުން އޮންނަ އުޅަނދުތަކަށް ކަމަށެވެ. މި ހަމަލާތައް އިތުރުވެ އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ޔަމަންގައި ހޫތީންގެ ބާރު އޮންނަ ހިސާބުތަކަށް ހަމަލާ ވެސް ދޭން ފަށައިފަ އެވެ.
ރަތްކަނޑަކީ ބައިނަލްއަގުވާމީ ވިޔަފާރީގައި ހިމެނޭ މުދަލުގެ ގާތްގަނޑަކަށް 12 ޕަސެންޓް އުފުލާ މަގެވެ. އެހެންވެ އެ ސަރަހައްދުން ދަތުރުކުރުން ނުރައްކާވެ ދުރު މަގުތަކުން ދަތުރުކުރަން ޖެހުމުން މުދާ އުފުލުމުގެ އަގު އުފުލި މުދަލުގެ އަގު ބޮޑުވާ ސަބަބަކަށް ވެސް ވަނީ ވެފަ އެވެ. --އޭއެފްޕީ