22 ޖެނުއަރީ 2024 - 09:14

އަހުމަދު ރިލްވާން (ރިލޭ) ގެ ހެޓްރިކަކާ އެކު ޓެންޓް ސްޕޯޓްސް ކްލަބުން 9-1 ގެ ނަތީޖާއަކުން ކްލަބް ޓީނޭޖް ބަލިކޮށްފި އެވެ.
ދެވަނަ ޑިވިޝަން މުބާރާތުގައި އިއްޔެ ހަވީރު ޓެންޓު ބޮޑު ތަފާތަކުން ކާމިޔާބުކުރުމާ އެކު އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ކުއާޓާ ފައިނަލުން ޖާގައެއް ޔަގީންކޮށްފަ އެވެ.
އެންމެ ފަހުގެ ރަނަރަޕް ޓީނޭޖް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ، ބާކީ މެޗެއް އޮއްވައި މުބާރާތުން ކަޓައިފަ އެވެ. ގުރޫޕް ބީގައި ދެން ހިމެނޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވެސް ވަނީ ކުޅުނު ފުރަތަމަ ތިން މެޗުން ބަލިވެފަ އެވެ.
މިގުރޫޕްގައި ހިމެނޭ ބީޖީ ސްޕޯޓްސް ކްލަބް ތިން މެޗުން ހަ ޕޮއިންޓް ހޯދާފައި ވާއިރު ނިއު ރޭޑިއަންޓް ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ހާފު ޓެންޓުން ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. ދެވަނަ ހާފުގައި ވަނީ ހަތް ގޯލު ޖަހައިފަ އެވެ.
ފުރަތަމަ ހާފުގައި ލީޑު ނެގީ ރިލްވާން ޖަހައިދިން ގޯލުންނެވެ. ލީޑް ފުޅާ ކުރި ގޯލު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އަހުމަދު އަބްދުލްފައްތާހެވެ. ތިންވަނަ ގޯލެއް ޖަހަން ޕެނަލްޓީއެއް ލިބުނު ނަމަވެސް އަބްދުލްފައްތާހު ފޮނުވާލި ޕެނަލްޓީ ޓީނޭޖްގެ ގޯލްކީޕަރު ހުސެއިން ފާޒިލް ދިފާއު ކުރި އެވެ.
ދެވަނަ ހާފުގައި ޓެންޓުގެ ތިންވަނަ ލަނޑު 57 ވަނަ މިނިޓުގައި ޖަހައިދިނީ އާދަމް އާޒިމް އެވެ. އޭގެ ފަހުން ރިލޭ ފުންމައިގެން އަރައި ބޮލުން ފޮނުވާލި ބޯޅައަކުން އެޓީމުގެ ހަތަރުވަނަ ގޯލު ޖަހައިދިން އިރު ފަސްވަނަ ގޯލު ޖަހައިދިނީ އަބްދުލްފައްތާހެވެ. އޭގެ ދެ މިނިޓު ފަހުން 68 ވަނަ މިނިޓުގައި، ކުރިން އެއްވަނަ ޑިވިޝަންގައި ގިނަ ކްލަބްތަކަކަށް ކުޅެފައިވާ ރިލޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
މެޗުގެ 80 ވަނަ މިނިޓުގައި ކޯނަރަކުން ހުރަސްވި ބޯޅަ ބޮލުން ފޮނުވާޅައިގެން ޓެންޓްގެ ނުވަވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން އަހުމަދު އަމްޖަދު (އަމްޖު) އެވެ. އޭޣެ ދެ މިނިޓު ފަހުން އަހުމަދު ފިރާޝް އަށްވަނަ ގޯލު އެޓީމަށް ކާމިޔާބު ކޮށްދިންއިރު ފަހު ގޯލު ޖަހައިދިނީ ސްރީލަންކާގެ ޗަލަނަ ޗަމީރާ އެވެ.
ޓެންޓުން ނުވަ ގޯލު ޖެހި ފަހުން ލިބުނު ފުރުސަތަކުން ޓީނޭޖުން ސުން ކަނޑުވާލައިދިނީ އަހުމަދު ޝުޖާއު އެވެ.