21 ޖެނުއަރީ 2024 - 22:22

ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ޗައިނާގައި ވެރިކަން ކުރާ ކޮމިޔުނިސްޓު ޕާޓީގެ އިންޓަނޭޝަނަލް ޑިޕާޓުމަންޓުގެ ވައިސް މިނިސްޓަރު ސަން ހައިޔާން މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ޒަމީރުގެ ދައުވަތަކަށް ތިން ދުވަހުގެ ދަތުރުފުޅެއްގައި ހައިޔާން ރާއްޖެއަށް ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
އޭނާއަށް ވެލާނާ އެއާޕޯޓުން މަރުހަބާ ދަންނަވާފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހައިޔާން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އިތުރުން ޒަމީރުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން، މާދަމާ ހދ. މަހިބަދޫގައި އޮންނަ ޑޮނޭޝަން ހަރަކާތެއްގައި ވެސް އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޗައިނާގެ ކޮމިޔުނިސްޓު ޕާޓީގެ އިސް ބޭފުޅަކު ރާއްޖެއަށް ވަޑައިގެންފައިވަނީ، ޗައިނާގެ ރައިސް ޝީ ޖިންޕިންގެ ދައުވަތަކަށް މި މަހުގެ 8 އިން 12 އަށް ރައީސް މުއިއްޒު އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައިވަނިކޮށެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް މުއިއްޒު ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި، ޗައިނާ އާ އެކު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ތަފާތު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އަދި އެ ދަތުރުފުޅުގައި ދިވެހި ސަރުކާރުން ކަނޑައަޅާ މަޝްރޫއުތަކެއް ހިންގުމަށް ހިލޭ އެހީގެ ގޮތުގައި ޗައިނާ ސަރުކާރުން ވަނީ 130 މިލިއަން ޑޮލަރު ވެސް ދީފަ އެވެ.