22 ޖެނުއަރީ 2024 - 05:49

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާތަކާ އެކު އިޒްރޭލުގެ ސެކިއުރިޓީ އާއި އަސްކަރީ މުޅި ނިޒާމު ފޫވެއްޓުނުލެއް ފަސޭހަކަމުން ގޯސްތަކެއް ވެސް ހެދުނު ކަމަށް ހަމާސް އިން ބުނެފި އެވެ.
ހަމާސް އިން އިޒްރޭލަށް ދިން ކުއްލި އަދި ވަރުގަދަ ހަމަލާތަކާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ހަމާސް އިން ނެރުނު 16 ސަފުހާގެ ރިޕޯޓްގައި ބުނެފައިވަނީ އިޒްރޭލުގެ ސެކިއުރިޓީ އާއި އަސްކަރީ ނިޒާމު އެހާ ފަސޭއިން ބާރު ކެނޑި ވާނުވާ ނޭނގޭ ހާލަތަށް އެ ދުވަހު ކަންތައް ދިޔަ ކަމަށެވެ. އެހެންވެ އެ ހާސްކަމުގައި ބޯޑަރު ސަރަަހައްދުގައި ހަމާސް އަށް ވެސް ގޯސްތަކެއް ހެދުނު ކަމަށް ބުނެފައިވެ އެވެ.
އިނގިރޭސި އަދި އަރަބި ބަހުން ނެރުނު ރިޕޯޓްގައި ބުނީ އެ ދުވަހު އިޒްރޭލަށް ދިން ހަމަލާތަކަކީ އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައި އަޅުވެތިކޮށް ނަސްލު ނައްތާލަށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ދޭންޖެހޭ، އެކަށީގެންވާ ހަމަލާތަކެއް ކަމަށެވެ.
ހަމާސް އިން އެއްގަމާއި ވައިގެ މަގުން އިޒްރޭލު ތެރެއަށް ވަދެގަނެ ދިން ހަމަލާތަކުގައި އިޒްރޭލުގެ 1،140 މީހަކު މަރާލި ކަމަށް އޭއެފްޕީގެ ހިސާބުތަކުން ދައްކަ އެވެ. މަރާލި މީހުންގެ އިތުރުން، ހަމާސް އިން އިޒްރޭލުގެ 250 މީހަކު ރަހީނު ވެސް ކުރި އެވެ. ރަހީނުކުރި މީހުންގެ ތެރެއިން މިހާތަނަށް 27 މީހަކު މަރުވެފައިވާ ކަމަށް ބެލެވެ އެވެ.
ޣައްޒާއަށް މިހާރު ދޭ ހަމަލާތަކަށް ފަހު ޣައްޒާގެ ކުރިމަގު ކަނޑައަޅާނެ ގޮތަކާ މެދު އެމެރިކާ އާއި އިޒްރޭލުން ވާހަކަތަކެއް ދައްކާފައި ވާތީ ހަމާސް އިން ބުނީ ޣައްޒާގެ ކުރިމަގު ކަނޑައަޅާނީ ފަލަސްތީނު ރައްޔިތުން ކަމަށެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ބަޔަކަށް ބަސް ބުނުމުގެ ހައްގު އޮތް ކަމެއް ނޫން ކަމަށް ހަމާސް އިން ބުންޏެވެ.
ހަމާސްގެ ހަމަލާތަކުގެ ބަދަލު ހިފައި ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން، ހަމާސްގެ ބާރު އޮންނަ ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު އިއްޔެއާ ހަމަޔަށް ވަނީ 25،000 އިން މައްޗަށް އަރައިފަ އެވެ. ހަމާސްގެ ރިޕޯޓްގައި މިކަމަށް އިޝާރާތްކޮށް ބުނީ އިޒްރޭލުން ހިންގަނީ ނަސްލު ނައްތާލުމުގެ އުދުވާނެއް ކަމަށާއި އެކަން ވަގުތުން ހުއްޓުވަންޖެހޭ ކަމަށެވެ. --އޭއެފްޕީ