22 ޖެނުއަރީ 2024 - 05:50

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 25،000 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އިޒްރޭލުން ޣައްޒާގެ ދެކުނުގައި މިހާރު ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު މިފަހަރު ޣައްޒާއަށް ދިން ހަމަލާތަކަކީ ތާރީހުގައި ވެސް ދިން އެންމެ ނުރައްކާތެރި ހަމަލާތަކެވެ. އިޒްރޭލުން ބުނަމުން ދަނީ މިއީ ހަމާސް ނައްތާލަން ދޭ ހަމަލާތަކެއް ކަމަށެވެ.
މި މަހުގެ ކުރީކޮޅު އިޒްރޭލުން ބުނެފައިވާ ގޮތުގައި ޣައްޒާގެ އުތުރުގައި އޮންނަ ހަމާސްގެ ކޮމާންޑް ސްޓްރަކްޗާ މިހާރު ވަނީ ރޫޅާލައިފަ އެވެ. އަދި މިހާރު ބާކީ އުޅެނީ ވަކިވަކިން، ކޮމާންޑެއް ނެތި ހަރަކާތްތެރިވާ ހަނގުރާމަވެރިން ކަމަށް ވެސް ބުންޏެވެ.
އެކަމަކު މަންޒަރު ދުށް މީހުން އޭއެފްޕީއަށް ބުނި ގޮތުގައި ހުކުރު ދުވަހުގެ ވަގުތެއްގައި އިޒްރޭލން ޣައްޒާ ސިޓީ އާއި އުތުރުގެ އެހެން ސަރަހައްދުތަކަށް އަނެއްކާވެސް ބޮމުގެ ވަރުގަދަ ހަމަލާތަކެއް ދިނެވެ. އަދި ހަމާސް އިން ރައްދުގައި ވެސް ވަރުގަދަ އަށް ހަމަލާ ދެމުން ދިޔަ އެވެ.
ހަމާސް އިން ބުނި ގޮތުގައި އިޒްރޭލުން އެންމެ ފަހުން ދިން ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް އެތައް ބަޔަކު ތާށިވެފައި އެބަ ތިއްބެވެ. އަދި އިޒްރޭލުން ހަމަލާތައް މެދުކަނޑާނުލައި ކުރިއަށް ގެންދާތީ، ޒަހަމްވެފައިވާ މީހުން ހޮސްޕިޓަލަށް ވެސް ނުގެންދެވޭ ކަމަށް ބުންޏެވެ.
ހަމަލާތަކަށް ފަހު އިޒްރޭލުން ބުނީ ދެކުނުގެ މައި ސިޓީ ޚާން ޔޫނިސްގައި "ގިނަ އަދަދެއްގެ ޓެރަރިސްޓުން މަރާލި" ކަމަށާއި ފާއިތުވި ދުވަހުގެ ތެރޭގައި ޣައްޒާގެ އުތުރުގައި 15 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 1،140 މީހުން މަރާލައި 250 މީހުން ރަހީނުކުރުމުން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި އިއްޔެއާ ހަމައަށް ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 25،105 އަށް އަރާފައިވާ ކަމަށް ހަމާސް އިން ހިންގާ ހެލްތު މިނިސްޓްރީން ބުންޏެވެ.
މި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނެވެ.
އދ. އިން ބުނެފައިވާ ގޮތުގައި ހަމަލާތަކުގެ ސަބަބުން ޣައްޒާގައި 1.7 މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފަ އެވެ. މީގެ ތެރެއިން މިލިއަނެއްހާ މީހުން ތޮއްޖެހިފައި ތިބީ ރަފާ ސަރަހައްދަށް ކަމަށް އދ. ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ބުންޏެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީގެ ސާމާުނު ފޯރުކޮށްދިނުމަށް ވެސް އިޒްރޭލުން ދަނީ ހުރަސްއަޅަމުންނެވެ. އެހެންވެ މުޅި ޣައްޒާ ބަނޑަށް ޖެހި މިހާރަށްވުރެ ވެސް ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވަމުންދާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. --އޭއެފްޕީ