އޯފް-ޝޯ ފައިނޭންސިން ހިދުމަތް ދޭ އިދާރާ އުފައްދައިފި
އޯފް-ޝޯ ފައިނޭންސިން ހިދުމަތް ދޭ އިދާރާ އުފައްދައިފި

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ" ނަމުގައި އާ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި އިދާރާއަކީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު ގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ހިދުމަތްތައް ދިނުމަށް ގާއިމްކުރި ތަނެއް ކަމަށެވެ.

އަދި އޭގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމާއި ރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމަކީ ވެސް އާ އިދާރާގެ މަސައްކަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އަނެއް ބޭނުމަކީ ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމެވެ.

މި އިދާރާއަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެކެވެ.