21 ޖެނުއަރީ 2024 - 12:02

ޖިނާއީ ބޮޑެތި މައްސަލަތުގައި ދައުވާ އުފުލުމާ އެކު، ދައުވާ ލިބޭ މީހާގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފަހައްޓަން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު މިގޮތަށް ކަނޑައެޅީ ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދިން މައްސަލައިގައި އިއްވި ހުކުމްގަ އެވެ. ސުޕްރީމް ކޯޓުން ވަނީ އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު ބާތިލްކޮށްފަ އެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދު، އޭނާގެ ރައުޔުގައި ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ކޯޓެއްގައި ދައުވާ އުފުލުމަކީ ސީރިއަސް ކަމެއް ކަމަށާއި ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހަކު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފި ނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގިނެތި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭނެ ކަމަށެވެ.
އެހެންވެ، އެކަން އެހެން ވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
"ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާ އެކު ދައުވާލިބޭ ފަރާތް ރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަންއަށް އެންގުމާ އެކު އެފަދަ މީސްމީހުން ބްލެކްލިސްޓުކުރެވި އެފަދަ މީސްމީހުން ރާއްޖެއިން ބޭރަށް ނުފުރޭނެ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާއެއް،" ހުކުމްގައިވެ އެވެ.
ފަނޑިޔާރު ވިދާޅުވީ ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ މައްސަލަ އިސްތިއުނާފީ މަރުހަލާތަކުން ނިމެންދެން އެ މީހަކު ރާއްޖެއިން ބޭރަށް ފުރުން މަނާވެފައި އޮންނަ އޮތުން ދަމަހައްޓަންޖެހޭނެ ކަމަށެވެ. އަދި ޖިނާއީ ބޮޑު މައްސަލައެއްގެ ޝަރީއަތުގެ މަރުހަލާގައި ދައުވާލިބޭ މީހެއްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދޭންވާނީ އެ ފަރުވާއަކީ ރާއްޖެއިން ލިބެންނެތް ބޭސްފަރުވާއެއް ކަމަށް ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދޭ ރައުޔެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
"...އެ ރައުޔާ މެދު ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ދެކޭ ގޮތް ސާފުކުރުމަށްފަހުގައި، އެ މީހަކު ބޭސްފަރުވާ ނިމުމުން އެނބުރި ދިވެހިރާއްޖެއަށް އަންނާނެކަން ކަށަވަރުކުރުމަށް ޝަރުތުކޮށްފައިވޭ. އެގޮތުން ކަނޑައެޅޭ ޝަރުތުތަކުގެ ތެރޭގައި ކަފާލާތުގެ ގޮތުގައި ދައުވާގައި ހިމެނޭ ފައިސާގެ އަދަދާ އެއްވަރުގެ ފައިސާގެ އަދަދެއް ނުވަތަ ބޭންކް ގަރަންޓީއެއް ނުވަތަ ބޮންޑެއް ބެހެއްޓުމަށް ޝަރުތުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވޭ،" ސުއޫދުގެ ރައުޔުގައިވެ އެވެ.
މިގޮތުން ކަނޑައަޅާ ޝަރުތަކީ ފަނޑިޔާރު ވިދާޅުވި ގޮތުގައި، ޕްރޮސިކިއުޓާ ޖެނެރަލް ގަބޫލުކުރާ ޝަރުތެއް ކަމަށް ވާންޖެހޭނެ އެވެ. އަދި ބޭސް ފަރުވާއަށް ނޫން ބޭނުމަކު ޖިނާއީ ބޮޑު ކުށެއްގައި ދައުވާލިބޭ އެއްވެސް މީހަކު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކޯޓުން ދޭންވާނީ އެކަމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލަކާ އެއްގޮތަށް ޕްރޮސިކިއުޓާ ޖެނެރަލް އެކަމަށް އިއުތިރާޒު ނުކުރާނަމަ ކަމަށް ވެސް ވިދާޅުވި އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދުގެ މި ރައުޔަށް ފަނޑިޔާރު މަހާޒު އަލީ ތާއިދު ކުރެއްވުމާ އެކު، އަގުލަބިއްޔަތު ވަނީ ލިބިފަ އެވެ. މައްސަލާގެ ބެންޗުގައި އިންނެވި ފަނޑިޔާރު އައިޝާ ސުޖޫން އިއްވެވި ރައުޔުގައި މިބައި ނެތް ނަމަވެސް، ފަނޑިޔާރު ޝުޖޫންގެ ވެސް ރައުޔަކީ އައްމަޓީގެ ޕާސްޕޯޓް ދޫކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.
ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން އެތައް ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު އޭނާ ފުރަން ހުއްދަ ދިނީ ބޭސްފަރުވާއަކަށެވެ.
އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ މަހު ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. އެހެންވެ، އެ މައްސަލަ ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ބޭސްފަރުވާއަށް ވަކި މުއްދަތަކަށް ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނަސް، ދައުލަތުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން އައްމަޓީއަށް ސްރީލަންކާއަށް އެތެރެ ނުވެވުނު ކަމަށް އޭނާގެ ފަރާތުން ކޯޓުގައި ކުރިން ބުނެފައިވެ އެވެ.