އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު ރާއްޖޭގައި
އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު ރާއްޖޭގައި

އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ ރާއްޖެ ވަޑައިގެންފި އެވެ.

އޭނާ ވަނީ މިއަދު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި އެކުއިލީނޯ ވަނީ ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ރައީސް ވަނީ އެމްއެންޑީއެފްގެ ސިފައިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދީ، ކެޕޭސިޓީ ބިލްޑްކުރުމަށް އިންޑޯ ޕެސިފިކް ކޮމާންޑުން ރާއްްޖެއަށް ދޭ އެހީތެރިކަން ފާހަގަކުރައްވައި، އެމެރިކާ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެޑްމިރަލް ޖޯން އެކުއިލީނޯ ވަނީ ޑިފެންސް ފޯސްގައި ކެޕޭސިޓީ ބިލްޑިން ހަރުދަނާ ކުރުމަށް ފުރިހަމަ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ އިސްތިގުލާލާއި ސުލްހަ އާއި އަމާންކަން ދެމެހެއްޓުމަށް ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެއްބާރުލުން ދިނުމުގެ އާ ދާއިރާތައް ހޯދުމުގެ ޝައުގުވެރިކަން ވެސް އޭނާ ފާޅުކުރެއްވި އެވެ.