21 ޖެނުއަރީ 2024 - 10:29

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ ކަންކަން ހިންގާ ގޮތާ މެދު "މާޔޫސްކަން ލިބިއްޖެ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް އޮތަސް ގޭ ބަންދުގައި ހުންނެވި ޔާމީން މިހެން ވިދާޅުވީ ސަރުކާރާ މެދު ހިތްޕުޅާނުވެ ޕީޕީއެމުން ވަކިވެ ވަޑައިގެން އަލަށް އުފައްދަން މަސައްކަތްކުރާ ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންފް) އިން ބޭއްވި އިވެންޓެއްގަ އެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނޯންނާތީ ޔާމީން އިވެންޓުގައި އިންނެވީ އާންމު މެންބަރެއްގެ ގޮތުގަ އެވެ. އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކެވީ ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލަށް ކުރެއްވި ސުވާލެއްގަ އެވެ.
އާންމު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދޭ އުސޫލުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އެންމެ ބޮޑު ވައުދަކީ އިންޑިއާގެ ސިފައިން ބޭލުން ކަމަށާއި ވެރިކަމުގެ ފުރަތަމަ ދުވަސްވަރު އެކަން ވަރަށް ބާރަށް ހިނގަމުން އައި ކަމަށެވެ.
އިންޑިއާ ސިފައިން ބޭލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ އެ ވާހަކައިން "މާޔޫސްކަން ގެނުވި" ކަމަށެވެ.
"މިގޮތަށް އިންޑިއާ ސިފައިން ބާލަން އަޅުގަނޑުމެން ވަރަށް ހިތްވަރާ އެކީ އައި ސަރުކާރެއް ސަރުކާރުގެ ރައީސް އޮފީހުގެ ވަޒީރަކު ވިދާޅުވީމާ އަޅުގަނޑު ވަރަށް ނާއުއްމީދު ވިޔޭ، އެއްވެސް ކަމެއް ފަސޭހަ ނުވެދާނެ،" ޔާމީން ވިދާޅުވި އެވެ.
މި މަހުގެ ދެ ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވެފައިވަނީ މިއީ ގޮންޖެހުން ހުރި އަދި ފަސޭހެ ކަމެއް ނޫން ކަމަށް އަބަދުވެސް ދެކެމުން އައި ކަމަށެވެ.
"ޑިޕްލޮމެޓިކް އުސޫލުތަކާއި ހަމަތަކާއި ދުނިޔޭގެ ރީތި ތަހުޒީބު ނިޔާކުރާ ގޮތުން މިކަން ކުރަންޖެހޭނެ ކަމަށް [އަޅުގަނޑުމެން ދެކެނީ]. ގާނޫނީ އިމުގެ ތެރެއިން މިކަން ކުރަންޖެހޭނެ ކަމަށް،" ނާޒިމް ވިދާޅުވެފައިވެ އެވެ.
އެ މަސައްކަތުގައި ކުރިއެރުން ލިބެމުން އަންނަ ކަމަށާއި ރައްޔިތުން ނާއުންމީދު ނުވުމަށް ސަރުކާރުން އެދޭ ކަމަށް ވެސް ނާޒިމް އެ ދުވަހު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ބާލަން އެ ގައުމުގެ ސަރުކާރަށް ނޯޓިސް ދީފައިވާ ކަމަށް ސަރުކާރުން ބުންޏަސް، އެ ގައުމުގެ ސަރުކާރާ ހަވާލާދީ އިިންޑިއާ ނޫސްތަކުގައި އެފަދަ ވާހަކައެއް ރިޕޯޓުކޮށްފައި ނުވާތީ ކަންކަން މިހާރު ސާފުނުވާ ކަމަށެވެ.
"[އިންޑިއާ ނޫސްތަކުން ރިޕޯޓުކުރީ] އެ ބައްދަލުކުރުމުގައި އެއްގޮތަކަށް ވެސް އިންޑިއާ ސިފައިން ފައިބަންވީ ދުވަހުގެ ވާހަކައެއް ނެތޭ،" ޔާމީން ވިދާޅުވި އެވެ.
އެކަމަކު މިދިޔަ ހަފްތާގައި ފޮރިން މިނިސްޓްރީގައި ބޭއްވި، އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ބައްދަލުވުމުގެ އެޖެންޑާގައި، ރައީސް ޑރ. މުއިއްޒު ބޭނުންފުޅާ ގޮތަށް އަންނަ މާޗު 15 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ހުށަހަޅާފައި ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެތައް ގަޑިއިރަކަށް ދިގު ދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު، ފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އިންޑިއާއިން ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ ސީދާ ވާހަކައެއް އިންޑިއާ ސަރުކާރުން ހާމަކޮށްފައިނުވެ އެވެ.