21 ޖެނުއަރީ 2024 - 06:16

ފަލަސްތީނުގެ ރައްޔިތުންނަށް ވެސް އެ މީހުންގެ އަމިއްލަ ދައުލަތެއް އުފެއްދުމުގެ ހައްގު ލިބިގެންވާކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރެސް އިއްޔެ ވިދާޅުވެއްޖެ އެވެ.
"އިޒްރޭލާއި ފަލަސްތީނަށް ވެސް ދައުލަތެއް އޮންނަ ޖެހޭނެކަން ގަބޫލު ނުކުރުމާއި އަމިއްލަ ދައުލަތެއް އުފެއްދުމުގެ ހައްގު ފަލަސްތީނު މީހުންނަށް ނޯންނާނެ ކަމަށް ގަބޫލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ވަކި ފަރާތަކަށް ނުޖެހޭ ގައުމުތަކުގެ ބައްދަލުވުމުގައި ގުޓަރޭޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަލަސްތީނަށް ދައުލަތެއް ނުއުފެއްދޭނެ ކަމަށް ވިސްނުން ގެންގުޅޭ މީހުން އެ ވިސްނުން ދޫކޮށްލަންޖެހޭ ކަމަށާއި އެހެން ނޫނީ އުފެދޭ ހަމަނުޖެހުންތައް މުޅި ދުނިޔެއަށް ފެތުިދާނެ ކަމަށް ގުޓަރެސް ވިދާޅުވި އެވެ.
"ފަލަސްތީނު މީހުންނަށް ވެސް އަމިއްލަ ދައުލަތެއް އުފެއްދުމުގެ ހައްގު އޮންނާނެ ކަމަށް އެންމެން ވެސް ގަބޫލުކުރަންޖ،" ދުނިޔޭގެ ބޮޑު އެއްވެސް ބާރަކަށް ރަސްމީކޮށް ތާއީދު ނުކުރާ 120 ގައުމުގެ މައްޗަށް އެކުލެވޭ ޖަމިއްޔާގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.
ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލުމާ އެކު، ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 25،000 މީހަކު ވަނީ ޝަހީދުވެފަ އެވެ. ހަމަލާތަކަށް ތިން މަސް ވީ އިރު ވެސް އަދިވެސް ގެންދަނީ ގަދަޔަށް ހަމަލާ ދެމުންނެވެ. --އޭއެފްޕީ