13 ފެބުރުއަރީ 2017 - 17:15

ޔަންގޫން (ފެބްރުއަރީ 13) - މިއަންމާ ފުލުހުންގެ ބޯޑާ ޕޯސްޓަކަށް ހަމަލާ ދިން ކަމަށް ބުނެ ރޮހިންޖާ މުސްލިމަކު މަރަން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
މިއަންމާ ފުލުހުން ބުނީ ޕޮލިސް ޕޯސްޓަށް ދިން ހަމަލާގައި އެންމެ އިސްކޮށް އުޅުނު މީހާ މަރަން މި މަހު 10 ވަނަ ދުވަހު ހުކުމްކޮށްފައި ވަނީ ރަކީން ސްޓޭޓުގެ ކޯޓަކުން ކަމަށެވެ. ޕޮލިސް ޕޯސްޓަށް ދިން ހަމަލާގެ ތުހުމަތުގައި 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަނެއް 13 މީހުން ކޯޓަށް ހާޒިރު ކުރި ނަމަވެސް އެ މީހުންގެ މައްޗަށް އަދި ހުކުމް ކޮށްފައެއް ނުވެ އެވެ.
މިއަންމާ ސިފައިން ބުނީ ބަންގްލަދޭޝްގެ ބޯޑަރު ކައިރީގައި ހުންނަ ޕޮލިހުންގެ ތިން ޕޯސްޓަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 9 ވަނަ ދުވަހު ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާއާ ގުޅިގެން މިއަންމާ ސިފައިން ވަނީ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އޮޕަރޭޝަނެއް ފަށާ މުސްލިމުންގެ ގެތަކާއި މިސްކިތްތަކުގައި އަލިފާން ޖަހާ އެތައް މުސްލިމުންނެއް މަރައިފަ އެވެ. މިއަންމާ ސިފައިންގެ އަނިޔާވެރި ކަމަަށް ކެތް ނުވެގެން އެތައް ބަޔަކު ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.
ރަކީންގެ މުސްލިމަކު މަރަން ހުކުމް ކުރި އިރު އދ. އިން ވަނީ މިއަންމާ ސިފައިން ރޮހިންޖާ މުސްލިމުން މަރާ އަދި ރޭޕްކުރަމުންދާ ކަމަށް ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފަ އެވެ.
މުސްލިމުންނަށް އަނިޔާ ކުރަމުންދާ އިރު، ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ މިއަންމާގެ ލީޑަރު އަން ސަން ސޫކީ ހިމޭނުން ހުންނަވާތީ އެކަމަނާ އަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
ރަކީންގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކީންގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކީންގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޖާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޖާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.