13 ފެބުރުއަރީ 2017 - 16:53

ޖަކާޓާ (ފެބްރުއަރީ 13) - ޖިންސީ ކަންކަމަށް ހިތްވަރު ދިނުމަށް ހުޅަނގުގެ ގައުމުތަކުން ފާހަގަ ކުރާ ދުވަހެއް ކަމަށް ބުނެ އިންޑޮނީޝިއާގެ މުސްލިމް ސްކޫލެއްގެ ދަރިވަރުންތަކެއް ވެލެންޓައިންސް ޑޭ އާ ދެކޮޅު ހަދައިފި އެވެ.
ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ވެލެންޓައިންސް ޑޭ ގައި، ވަރަށް ގިނަ ގައުމުތަކުގައި، ޒުވާން ކުދިންނާއި އެކި އުމުރުފުރާތަކުގެ މީހުން އެ މީހުންގެ ބައިވެރިންނަށް އޮންނަ ލޯބި ހާމަކުރެ އެވެ. އެކަމަކު އިންޑޮނީޝިއާގެ ސުރަބަޔާ ސިޓީގައި އެކަން ތަފާތެވެ. އެ ސިޓީގެ ސްކޫލެއްގެ ދަރިވަރުންތައް ނުކުމެ ވަނީ ލޯބިވެރިންގެ ދުވަސް ފާހަގަކުރުމާ ދެކޮޅަށް މިއަދު އިހްތިޖާޖް ކޮށްފަ އެވެ.
"ލޯބިވެރިންގެ ދުވަހަށް ނޫނެކޭ ބުނަމާ ހިނގާ،" އިހްތިޖާޖުގައި ބައިވެރިވި 13-15 އަހަރުގެ ކުދިން ގޮވަމުން ދިޔަ އެވެ.
އިހުތިޖާޖް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނު ފަރާތެއް ކަމަށްވާ ޕަންޑޫ ސަޓްރިއާ ބުނީ ވެލެންޓައިންސް ޑޭ ފާހަގަ ކުރަން ބާރު އެޅުމަކީ ފާހިޝް އަމަލުތަކަށް ހިތްވަރު ދިނުން ކަމަށެވެ.
ދުނިޔޭގެ އެންމެ މުސްލިމުން ގިނަ ގައުމުގައި ވެލެންޓައިންސް ޑޭ ފާހަގަ ކުރުމަކީ މަނާ ކަމެކެވެ. އެކަމަކު އެ ގައުމުގެ ގިނަ ސިޓީތަކުގެ މީހުން އެ ދުވަސް ފާހަގަ ކުރެ އެވެ.