އީމާންކަން ފުރިހަމަވުމަށް އިންސާނިއްޔަވަންތަ ލޯބި ދެމެހެއްޓުން
އީމާންކަން ފުރިހަމަވުމަށް އިންސާނިއްޔަވަންތަ ލޯބި ދެމެހެއްޓުން

އިންސާނާގެ ޢަޤީދާ އަކީ ލޯބީގެ އިހުސާސް ވަރުގަދަ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އިސްލާމީ ޢަޤީދާ ނުވަތަ އީމާންތެރިކަމުގެ ސަބަބުން ﷲ އާއި ކައުނުގެ ތަބީއަތާއި ދިރިހުރުމާއި މަރުވުން ދެކެ ލޯބިވެ އެވެ. ހަމަ އެފަދައިން އިންސާނުންނާއި އެ ނޫން ވެސް މަޚުލޫގުން ދެކެ ލޯބިވެ އެ ލޯބި އާލާކޮށް، ތަރައްގީ ކޮށްދެ އެވެ. ހަމަ މީގެ އަނެއްކޮޅުން ބަލާއިރު އީމާންކަން ފުރިހަމަވުމަށްޓަކައި އިންސާނިއްޔަވަންތަ ލޯބި ދެމިއޮތުން ވެސް މުހިންމެވެ.

މުއުމިނު އިންސާނަކު ނަމަ އެހެން އިންސާނުން ދެކެ ލޯބިވުން އެއީ އިންސާނާ ﷲ ދެކެވާ ލޯބީގެ މައްޗަށް ބިނާވެގެންވާ ކަމެކެވެ. ހަމަ މިއާ އެކު، މިގޮތުން ﷲ ދެކެ ލޯބިވާ ނަމަ އެ ލޯބި ފުރިހަމަވުމަށްޓަކައި އިންސާނުންގެ ސާހިބާ ކައުއިތުރު ރަސޫލާ ﷺ ދެކެ ލޯބިވާންޖެހޭ ކަން އޭނާ ދަންނާނެ އެވެ. ﷲ އާއި ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވުމަކީ ތިމާގެ އަމިއްލަ ނަފުސާއި މައިންބަފައިންނާއި އަނބިދަރިންނަށް ވުރެ ބޮޑަށް އޮންނަ ލޯތްބަކަށް ނުވާ ނަމަ އީމާންކަން ފުރިހަމަ ނުވާނެކަން މުއުމިނަކު ނަމަ ގަބޫލުކުރާނެ އެވެ.

އީމާންތެރިކަން ފުރިހަމަވުމަށްޓަކައި އިންސާނުންގެ ތެރެއިން މައިންބަފައިން ދެކެ ލޯބިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ލޯތްބަކީ ވަރަށް ވަރުގަދަ ލޯތްބެއް ކަމުގައި ވާން ޖެހެ އެވެ. ސަބަބަކީ އީމާންތެރިކަމުގެ ދަށުން މައިންބަފައިންނަށް ކިޔަމަންވުމާއި އެ މީހުންނަށް ހެޔޮކޮށް ހިތުމާއި އެ މީހުންނަށް ހެޔޮދުއާ ކޮށްދިނުން ފަދަ ކަންކަން ލާޒިމުވާތީ އެވެ. ހަމަ އެފަދައިން ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތައި އެ މީހުންނަށް އަދާކޮށްދޭން ޖެހޭ ހައްގުތައް އަދާކުރުމަށް އީމާންތެރިކަން ލާޒިމު ކުރާތީވެ ހަޔާތުގެ ބައިވެރިޔާ އާއި ދަރިންނާއި ދެން ވެސް ރަހިމުގެ ގުޅުން އޮންނަ ގާތްތިމާގެ މީހުން ދެކެ ލޯބިވާންޖެހެ އެވެ.

އަވަށްޓެރިން ދެކެ ލޯބިވުމަކީ ވެސް އީމާންތެރިކަމާ ގުޅިފައިވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި އަވަށްޓެރިޔާ އަށް އުނދަގޫކުރުމުން ދުރުހެލިނުވާ ނަމަ އެ މީހެއްގެ އީމާންތެރިކަން ފުރިހަމަ ނުވެ އެވެ. އިންސާނުންގެ ތެރެއިން ދެން އިންސާނިއްޔަވަންތަކަން ބޭއްވުން އީމާންތެރިކަމާ ގުޅެނީ އެންމެހާ މުސްލިމުން ދެކެ ލޯބިވުމާ އެވެ. ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި ހުރިހާ މުސްލިމުންނަކީ އަޚުންތަކެކެވެ. އަޚުންނަކީ އެކަކު އަނެކަކަށް ލޯބިވާން ޖެހޭ ބައެކެވެ. އެހެންކަމުން މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެއްބަނޑު އެއްބަފާ ކަމާއި ގާތް ގުޅުން ފުރިހަމަ ނުކުރާ ނަމަ އީމާންކަމަށް އުނިކަން ލިބެއެވެ. ވީމާ ތިމާއާ ކިތަންމެ ދުރުގައި އުޅުނަސް ހަމަ ކޮންމެ މުސްލިމަކު ދެކެވެސް ލޯބިވާން ޖެހެ އެވެ. އެއީ ހަމަ ތިމާގެ އެއްބަނޑު އެއްބަފާ އަޚުންތަކެއް ފަދައިންނެވެ.

އިންސާނުން ދެކެ ވާންޖެހޭ ލޯބީގައި އީމާންތެރިކަން އަދާކުރާ ދައުރު މި ހިސާބުން ވެސް ނުނިމެ އެވެ. އިންސާނެއްގެ ހައިސިއްޔަތުން ހަމަ ކޮންމެ އިންސާނަކު ދެކެ ވެސް ލޯބިވާން ޖެހެ އެވެ. ކީރިތި ޤުރްއާނުގެ އައްނިސާއު ސޫރަތުގެ ފުރަތަމަ އާޔަތުގައި ރަހިމުގެ ގުޅުން ދަމަހައްޓަން އަންގަވާފައިވާ އިރު، އެ ތަނުގައި އެ ގުޅުމަކީ ހަމައެކަނި ގާތްތިމާގެ މީހުން ނޫން ކަމާއި އޭގައި މުޅި އިންސާނިއްޔަތު ޝާމިލުވާ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެ އެވެ. ސަބަބަކީ އެ އާޔަތް ފެށޭއިރު މުޚާތަބު ކުރެވިފައި ވަނީ މުޅި އިންސާނިއްޔަތަށް ކަމަށް ވާތީ އެވެ. މުއުމިނު އިންސާނާ ހަމަ ކޮންމެ އިންސާނެއް ދެކެ ވެސް ލޯބިވާނެ އެވެ. ލޯބީގެ ދަރަޖައިގައި ތަފާތުތަކެއް ހުރި ނަމަވެސް މެ އެވެ. އެކަމަކު މުޅި އިންސާނިއްޔަތުގެ ވެސް އަދުއްވު ކަމުގައިވާ ޝައިތާނާ ދެކެ އިންސާނާ ލޯބި ނުވާ ފަދައިން އިންސާނުންގެ ތެރެއިން ވެސް ޝައިތާނާގެ ދައުރު އަދާކުރާ މީހުން ދެކެ މުއުމިނަކު ލޯބިވާކަށް ނުޖެހެ އެވެ. އިންސާނުން ދެކެވާ ލޯބީގައި އޮތް ހަމައެކަނި އިސްތިސްނާ އަކީ މި އެވެ.

އިންސާނުން ދެކެ ލޯބިވުމަކީ އީމާންތެރިކަން ފުރިހަމަ ކުރުމަށް މުހިންމު ކަމެއް ކަމުގައި އެއްކޮޅުން ވާ ހިނދު އަނެއްކޮޅުން އިސްލާމީ ޢަޤީދާ އަކީ އޭގެ ޒާތުގައި ވެސް އިންސާނުން ދެކެ ލޯބިވާން ބާރުއަޅައިދޭ އެތައް ސިފަތަކެއް މުއުމިނު އިންސާނާގެ ކިބައިގައި އަށަގަންނުވާ ބާރެކެވެ. އެއީ އެ ޢަޤީދާގެ ދަށުން ކޮންމެ މުއުމިނަކު ވެސް ގަބޫލުކުރަންޖެހޭ ކަންކަމުގެ ސަބަބުންނެވެ.

ގަބޫލުކުރަން ޖެހޭ އެއް ކަމަކީ، ހަސަބާއި ނަސަބާއި ގައިގެ ކުލަ އާއި ވާހަކަދައްކާ ބަހާއި މިފަދަ އެއްވެސް ކަމަކީ އިންސާނާ އަށް މަތިވެރިކަމެއް ގެނެސްދޭނެ ކަމެއް ނޫން ކަމެވެ. އެހެންކަމުން ދީނުގެ ނުވަތަ އިންސާނިއްޔަތުގެ އަދުއްވުން ފިޔަވައި އެހެން ކޮންމެ އިންސާނަކު ދެކެ ވެސް އިންސާނިއްޔަ ލޯތްބަކުން ލޯބިވާން ޖެހެ އެވެ. މީގެ މާނަ އެއްގޮތަކަށް ވެސް އޮޅުވާލައިގެން ނުވާނެ އެވެ. ﷲ އަށްޓަކައި ލޯބިވުން އޮންނަ ފަދައިން ﷲ އަށްޓަކައި އަދާވާތްތެރިވުމަކީ (އާދެ، އަލްވަލާއު އާއި އަލްބަރާއު އަކީ) އިސްލާމް ދީނުގެ ވަރަށް މުހިންމު އުސޫލުތަކުގެ ތެރެއިން ހިމެނޭ ދެ ކަންތައް ކަމުގައިވާތީ އެވެ. އެކަމަކު މިފަދަ ހާލަތުގައި ވެސް އަދުލުވެރިވާން ޖެހެ އެވެ. އިންސާނިއްޔަވަންތަކުގައި ހެޔޮކޮށް ކަންތައް ކުރަން ޖެހެ އެވެ. ވީމާ މި ތަނުގައި މި ބުނާ ލޯބީގެ ދަރަޖައަކީ މި އެވެ. އެއްގޮތަކަށް ވެސް އެފަދަ މީހުން ތިމާގެ އެންމެ ގާތް މީހުންނަށް ހެދުމެއް ނޫނެވެ.

އިސްލާމްދީނުގައި މިގޮތަށް އޮންނަނީ ހުރިހާ އިންސާނުންނަކީ ވެސް ބިމުގެ އަސްލުން އުފެދިފައިވާ އާދަމުގެ ދަރިންނަށް ވާތީ އެވެ. ކީރިތި ރަސޫލާ ﷺ ވެސް ނަމާދުގެ ފަހުން ކުރައްވާ ޒިކުރުތަކުގައި އެންމެހާ އަޅުންނަކީ އަޚުންތަކެއް ކަމަށް ހެކިވެވަޑައިގަންނަވާ ވާހަކަ ވިދާޅުވެ އެވެ.

އީމާންތެރިކަން ފުރިހަމަވުމަށްޓަކައި އިންސާނާގެ ހިތުގެ ތެރެއިން ހަސަދަވެރިކަމާއި ރުޅިވެރިކަން ނައްތާލަން ޖެހެއެވެ. މުއުމިނުން ދުއާކުރުމުގައި ވޭތުވެދިޔަ ސާލިހު މީސްތަކުންނާ މެދު ރުޅިވެރިކަމެއް ހަސަދަވެރިކަމެއް ނުލެއްވުމަށް އެދި ދުއާ ކުރަންޖެހެ އެވެ. އެކަކު އަނެކަކަށް ހަސަދަވެރި ނުވުމަށާއި ރުޅިވެރި ނުވުމަށާއި ދެކޮޅުވެރި ނުވުމަށް ކީރިތި ރަސޫލާ ﷺ ވަރަށް ބޮޑަށް ވަސިއްޔަތް ކުރައްވާފައި ވެ އެވެ. އެކަލޭގެފާނު ސިފަކުރައްވާ ގޮތުގައި ހަސަދައަކީ އުންމަތްތަކުގެ ބަލިމަޑުކަމެވެ. އެހެންވެ މުއުމިނަކު ނަމަ މިކަންކަމުން ދުރުހެލިވާން މަސައްކަތް ކުރާނެ އެވެ.

އީމާންތެރިކަން ފުރިހަމަވުމަށްޓަކައި ރުޅިވެރިކަމާއި ނަފުރަތްތެރި ކަމުން ވެސް ދުރުހެލިވާން ޖެހެ އެވެ. އިންތިގާމު ކުރުމުގެ ގާބިލުކަން ލިބިގެންވާ ހާލު ވެސް އަފޫކުރާ މީހާ އެއީ ﷲގެ ހަޒްރަތުގައި މަތިވެރިވެގެންވާ މީހެކެވެ. އަމިއްލަ ނަފްސުގެ މައްޗަށް އެހެން މީހުން އިސްކުރުން ނުވަތަ އީޘާރުގެ ސިފައަކީ ވެސް އީމާންތެރިކަން އިންސާނާގެ ކިބައިގައި އަށަގަންނުވާ ސިފައެކެވެ. އެހެން މީހުން ދެކެ ލޯބިވާ ނަމަ މި ސިފަތައް ދަމަހައްޓާނެ އެވެ. މައްކާ އިން މަދީނާ އަށް ހިޖުރަ ކުރި މުސްލިމުންނާ މެދު މަދީނާގެ މުސްލިމުންގެ ކިބައިން އީޘާރުގެ ސިފަ ވަރަށް މަތީ ދަރަޖައަކަށް ފެނިގެން ދިޔަ އެވެ. ކީރިތި ޤުރުއާނުގައި މި ކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައި ވެ އެވެ. ނަފްރަތާއި ރުޅިވެރިކަމާއި ބިރު ފަދަ އިހުސާސްތަކުގެ ބޭނުން މުއުމިނަކު ހިފާނީ ހަމައެކަނި ﷲއަށްޓަކަ އެވެ. އެހެނީ އޭނާ އިންސާނުން ދެކެ ލޯބިވަނީ ވެސް ﷲ އަށްޓަކައި ކަމަށް ވާއިރު އެކަލާނގެއަށްޓަކައި އޭނާ ރުޅި ވެސް އަންނާނެތީ އެވެ. ނަފުރަތު ވެސް ކުރާނެތީ އެވެ.

އީމާންތެރިކަން ފުރިހަމަ ކުރުމަށްޓަކައި މާފު ކުރުމުގެ ރީތި ސިފައަކީ ވެސް މުހިންމު ސިފައެކެވެ. މުއުމިނު އިންސާނާ އާންމުކޮށް އެންމެހާ އިންސާނުންނަށް މާފު ކުރާނެ އެވެ. މި މާފުކުރުން އީމާންކަމާއި ފިކުރުގެ ގޮތުން ތަފާތުވާ މީހުންނާ ހަމަ އަށް ވެސް ފޯރަ އެވެ. އެފަދަ މީހުންނަށް ހިދާޔަތު ދެއްވުމަށް އެދި ދުއާކުރެ އެވެ. މީސްތަކުން ދެކެ ލޯބި ނުވާ ނަމަ އެއީ އީމާންކަން ފުރިހަމަ ނުވާ ކަމެއްކަމާއި އަދި އީމާންކަން ފުރިހަމަ ނުވާނަމަ ސުވަރުގެ އަށް ނުވަދެވޭނެކަން މުއުމިނު އިންސާނާ ދަންނާތީވެ މި ލޯބި ވަކިން ބޮޑަށް އިތުރު ވެގެންދެ އެވެ. އެހެން އިންސާނުންނާ މެދު ވަރުގަދަވާ މި ލޯބި މިއީ އިންސާނާގެ ދިރިއުޅުމަށް ނުހަނު ބޭނުންތެރި ކަމެކެވެ. އެއީ އިންސާނާ އަށް ބާއްޖަވެރިކަން ގެނެސްދޭތީ އެވެ. މި ލޯބި ވަރުގަދަވާ ވަރަކުން ދުނިޔެ އާއި އާހިރަތް ބާއްޖަވެރި ކުރުމުގައި ކާމިޔާބު އިތުރު ވާތީ އެވެ.