18 ޖެނުއަރީ 2024 - 21:30

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މަސައްކަތް ކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާނީ ރައީސް ފޮނުއްވާ ނަންފުޅުތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.
އީސީގެ މެމްބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. ހަބީބުގެ ދައުރު ހަމަވާނީ، އަންނަ މާޗު މަހުގަ އެވެ. މިއީ ހަބީބުގެ ދެ ވަނަ ދައުރެވެ.