18 ޖެނުއަރީ 2024 - 20:41

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ދެ ބޭފުޅުން ބައްދަލުކުރެއްވީ ޔޫގަންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށް ގެންދާ ނޮން އެލައިންޑް މޫވްމަންޓް (ނޭމް) ގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި ބޭއްވި އެ ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު މިހާރު ކުރިއަށް ގެންދާ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ބެހޭ ހައިލެވެލް ކޮމިޓީގެ މަޝްވަރާތަކާ ގުޅޭ ވާހަކަ އެ ދެ ބޭފުޅުން ވެސް ދެއްކެވި ކަމަށެވެ.
އިންޑިއާ އިން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތައް އަވަހަށް ނިންމުމާ ގުޅޭ ގޮތުންނާއި ނޭމް ސަމިޓާއި ސާކް ސަމިޓާ ގުޅޭ މަޝްވަރާތައް ވެސް ކުރެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ. ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރަން ވެސް މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަނބުރާ ގެންދިއުމަށް ސަރުކާރުން އަންގާފައި ވަނިކޮށް ދާދި ފަހުން ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރަށް ކުޑައިމީސްވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކެވުމުން މައްސަލަ ހޫނުވި އެވެ. އެ މައްސަލާގައި އެ މީހުން މަގާމުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.