18 ޖެނުއަރީ 2024 - 20:47

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުން މިއަދު ބާއްވައިފި އެވެ.
މި ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފުރިހަމަކުރި 13 ފަރާތަކަށް ވަނީ ސެޓްފިކެޓް ދީފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވަނީ އެ ޕްރޮގުރާމްގެ ސަބަބުން ދިވެހި ޒުވާނުންގެ ކުރިއެރުމާއި ހުނަރު އިތުރުކުރުމަށް މުހިންމު މަގުތަކެއް ފަހިވެގެންދާކަމަށް ވިދާޅުވެފަ އެވެ. އަދި ޒުވާނުން ބިނާ ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތައް ވެސް އިހްސާން ފާހަގަ ކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ޒުވާނުން ބާރުވެރި ކުރުވައި ކުރިއެރުވުމަށް ފުރުސަތުތައް ފަހިކޮށް ދިނުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިރާގުގެ އިންކްލޫސިވް އަދި ދެމެހެއްޓެނިވި 'ޑިޖިޓަލް ރާއްޖެ'އެއް އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޕްރަންޓިސްޝިޕް ޕްރޮގުރާމްގެ ދަސްވެނިވުން އޮތް ރަސްމިއްޔާތުގައި އެޕްރެންޓިސް ޕްރޮގްރާމްގެ ކުރިއަށް އޮތް 14 ވަނަ ބެޗުގެ ބައިވެރިންނަށް ވަނީ ޕްރޮގްރާމާއި ގުޅުނުކަމުގެ ލިޔުން ދީފަ އެވެ. މި ބެޗުގައި 21 ފަރާތެއް ހިމެނެ އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާ އަދާކުރުމުގެ ހުނަރު ތަރައްގީ ކުރުމަށް އިސްކަންދޭ އެ ކުންފުނީގެ އެންމެ މުހިންމު އެއް ސީއެސްއާރު ޕްރޮގްރާމެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
މި ޕްރޮގުރާމް ތައާރަފް ކުރީ 2009 ވަނަ އަހަރު އެވެ. ކޮންމެ އަހަރަކު ވެސް ދިރާގުން މި ޕްރޮގުރާމް ދަނީ ހިންގަމުންނެވެ. މި ޕްރޮގުރާމްގައި މިހާތަނަށް 268 ޒުވާނުން ވަނީ ބައިވެރިވެފައެވެ.