ލަސްވުން
ލަސްވުން

ބުދަ ދުވަހާ ގުޅޭ

"ފަރޫ ތި ކުރީ ވަރަށް ގޮތްކުޑަކަމެއް." ވަގުތުން ތޫބާއަށް އެ ކަން ގޯސްވިއެވެ.

ފަރްހާ ވެސް އެ ކަން ގަބޫލުކުރެއެވެ. ތޫބާގެ ރުހުން ނުލިބިއްޖެ ނަމަ، ރަޒީންއާ ވަކިވާން މަސައްކަތް ފަށަން ވެސް ފަރްހާ ތައްޔާރެވެ. އެހެނަސް، ވަކިވެވޭނެކަމުގެ ޔަގީންކަމެއް ފަރްހާއަކަށް ނުދެވޭނެއެވެ. ލޯބީގެ މާ އަޑިޔަށް ފަރްހާއަށް ފީނިއްޖެއެވެ. ދެން އޮތީ ފެނަށް ނޭވާލާން ދަސްކުރުން ނުވަތަ ނޭވާހާސްވެގެން މަރުވުމެވެ.

"ހިތަށްއަރާ ކުރިން ބުނެވުނު ނަމައޭ!" ކުށްގަބޫލުކުރާ ކަހަލަ ރާގެއްގައި ފަރްހާ ބުންޏެވެ. "ބުނަން ޓްރައި ވެސް ކުރިން. ރުޅިއަންނާނެކަން އެނގޭތީ ނުކެރުނީ. ވަރަށް ސޮރީ ދޮންތާ!"

"ސޮރީ ބުނެލައިގެން ތި ކަމެއް ނުނިމޭނޭ ފަރޫ!" ތޫބާ ބުންޏެވެ. "ހަމަ މިހާރު ތި ކަން ހުއްޓާލާ! އެއްވެސް މީހަކަށް ތި ކަން ނާންގާތި! ދެ ފެމެލީ ކިހާ މައްސަލައެއްެ ޖެހޭނެ؟ ލުބާ ގެއްލިގެން އެންމެން ޝޮކުގަ ތިއްބާ އަނެއްކާ އަނެއް ޝޮކު. އަހަންނަށް ގޯހީ ފަރޫއެއް ނޫން. ރަޒީން ވެސް ކިހާ ގޮތެއްނެތީމަ ލުބާގެ ދައްތަޔާ އިންނަން އުޅޭނީ. އެ ވެސް މިހާ އަވަހަށް. ކީކޭ މީހުން ކިޔާނީ؟ ފަރޫ ވިސްނާލަބަލަ! ލުބާ އޭނަގެ ހުރިހާ ރައްޓެހިން ކައިރީގަ އަހަރުމެންނަށް ވަގަށްގޮވާފަ އޮއްވާ، ފަރޫ ވެސް ދިޔަ ދަތުރެއްގަ ލުބާ ގެއްލިފަ، ޓައްކިޔާފަ ފަރޫ ރަޒީނާ އިނީމަ، ދުރުހިލޭ މީހެއްގެ ވާހަކަދައްކާނެކަމެއް ނެތް އަހަރެން ވެސް ހިތަށްއަރާ ފަރޫބާއޭ ލުބާއަށް ކަމެއްކުރީ؟"

ފަރްހާ އެއްޗެއް ނުބުންޏެވެ. ލުބާއަށް ވީ ގޮތް ފަރްހާއަށް އެނގިފައިއޮތީމައެވެ. ހިތާމައަކީ އެ ސިއްރު ތޫބާއަށް ކިޔައިދޭން ފަރްހާއަށް ނުކެރުމެވެ.

"ކީއްވެ އެއްޗެއް ނުބުނީ؟" ކަންބޮޑުވެފައި ތޫބާ ބުންޏެވެ. "ފަރޫތަ.."

"ނޫން!" އަޑަށް ބާރުލައިފައި، އަވަހަސްއަވަހަށް ފަރްހާ ބުންޏެވެ. "އަހަރެން ލުބާއަކަށް އެއްވެސް ކަމެއް ނުކުރަން. އެކަމަކު.."

"އެކަމަކު؟" ތޫބާ އެހިއެވެ. "ކޮން އެކަމަކުއެއް؟"

"ރަޒީން.." ފަރްހާއަށް ބުނެވުނެވެ.

"ރަޒީނޭ؟" ތަންކޮޅެއް ބާރަށް ތޫބާއަށް ބުނެވުނެވެ. "ރަޒީނޭ؟"

"އައި މީން.." ފަރްހާ މައުލޫ ބަދަލުކޮށްލިއެވެ. "ރަޒީން ގާތުގަ ވެސް ލުބާ ބުންޏޯ އަހަރުމެން ހަމަ ވައްކަންކުރިޔޭ! މަންމަ ވެސް ބައިވެރިވިޔޯ! އެކަމަކު ރަޒީން ގަބޫލެއްނުކުރޭ! އޭނަ ހާދަ ނައިސްއޭ! ހާދަ ސްވީޓްއޭ! ހާދަ.."

"ބަލަ ފަރޫ! ރަޒީނަކީ އަދި ވެސް ލުބާގެ ފިރިމީހާޔޭ!" ތޫބާ ބުންޏެވެ. "ލުބާއަކީ ރަޒީންގެ ވައިފޭ! ނައިސްއޭ، ސްވީޓޭ ތި ކިޔަނީ ކައިވެނި ވެސް ހެޔޮނުވާ މީހަކަށޭ! ކިހިނެއްވެފަތަ ތި ހުންނަނީ؟ ލުބާއަކީ ނުލާހިކު ސައިކޯ ކުއްޖެއް! އޮވެދާނެ ފިލާ ވެސް. ޓަސްލާފަ މާދަމާ ވެސް އޭނަ ފެނިއްޖެއްޔާ..."

"ނުފެންނާނެ!" ބޭއިހުތިޔާރުގައި ފަރްހާއަށް ބުނެވުނެވެ.

އެ ހިސާބުން ފަރްހާ ތެދުވެގެން ހިނގައިގަތެވެ. ތޫބާ އެއްލި އަތުން ހިފުނީ ފަރްހާގެ ހެދުމުގެ ފަސްބައިގައެވެ.

"ކީކޭ ތި ބުނީ؟" ތޫބާ އެހިއެވެ. "ނުފެންނާނޭ؟"

"އަހަރެން ބޭނުމެއް ނޫން އޭނަ ފެންނާކަށް،" ތޫބާގެ އަތް ފޮޅުވައިލަމުން ފަރްހާ ބުންޏެވެ. "އެހެންވެ އެހެން މި ބުނީ! އެ ވީ ހަމަ ރަނގަޅަށް. އަހަންނަކަށް ނޭނގެ ދޮންތަ ކީއްވެކަމެއް އޭނަގެ ސައިޑް ތި ނަގަނީ. ގަބޫލުކުރަން! އަހަރުމެންގެ ބައްޕަގެ ދަރިއެއް އެއީ. އެކަމަކު ދެޓް އިޒް އިޓް! އަހަރުމެންނަކީ އޭނަ އެންމެ ރުޅިއަންނަ، އެންމެ ފޫހިވާ މީހުން. އަހަންނެއް ނޫނޭ ގޮތްގުޑައީ ދޮންތާ! އޭނަ ގޮތްކުޑައީ! އޭނަ ލަދުކުޑައީ ވެސް. އެކަމަކު ދޮންތަ ހާސްނުވޭ! އަހަރެން ރަޒީނާ ރުޅިވެދާނަން. ކީއްވެކަން އެނގޭތަ؟ ދޮންތަ ހިތްހަމަނުޖެހޭތީ! ނިމުނީނު!"

ފަރްހާ ދިޔުމުން ތޫބާ ގޮނޑީގައި ހަމަޖެހިލިއެވެ. ރަޒީން ދެކެ ފަރްހާ ލޯބިވެދާނެކަމަކަށް ތޫބާ ފަހަރެއްގައި ވެސް ހިޔެއްނުކުރެއެވެ. އެހެނަސް، ވިސްނައިލީމައި ދެން ވަރަށް ގިނަ ކަންކަމަށް ޝައްކުކުރެވުނެވެ. ލުބާގެ ގެއަށް ތޫބާ ނުދާން ނިންމުމުން ވެސް ފަރްހާއަކަށް ނުގޮހެއް ނުހުރެވުނެވެ. ރަޒީނާ ދިމާއަށް ލުބާ ބުނެލާ އެއްޗެހި ކަމުނުގޮސްގެން އެތައް ފަހަރަކު ފަރްހާ އެ ވާހަކަ ތޫބާ ގާތުގައި ދައްކާފައި އެބަހުއްޓެވެ. ރަންކިއި ދުވަހު ފަރްހާއަށް ގިނައިން ނެގިފައިހުރީ ރަޒީންގެ ފޮޓޯއެވެ. ކައިވެނި ހަފުލާގައި ފަރްހާ ބައިވެރިވި ކޮންމެ ފޮޓޯއެއްގައި، ލުބާއާއި ރަޒީންގެ ދެމެދުގައި ނޫނީ ފަރްހާއަކަށް ނުހުރެވެއެވެ. އެ ފަދަ އެތައް ކަމެއް ހުރީ ހިނގައިފައެވެ. ކުރިން ތޫބާއަށް ނުވިސްނުނީއެވެ. ތޫބާގެ ހިތުގައި ރަޒީނާމެދު އޮތް އެއްޗެއްގެ ބޮޑުކަމުންނެވެ. ތޫބާ އިތުރަށް ވިސްނިއެވެ. ފަރްހާއާއި ރަޒީންގެ ގުޅުން ބަދަހިވީ ކިހިނެއްހެއްޔެވެ؟ އެ ކަމަށް ފުރުސަތު ފަހިވީ ކިހިނެއް، ކޮން އިރަކުހެއްޔެވެ؟ ތޫބާ ޝައްކުކުރި ގޮތުގައި އެ ކަމެއް ހިނގައިފައިއޮންނާނީ، ކައިވެނި ކައިރިވަމުންއައި އިރު، ލުބާގެ ގޭގައި ފަރްހާ އުޅުނު ދުވަސްކޮޅުގައެވެ. ލުބާޔާ އެ ވަރަށް ފަރްހާ ގުޅާލައިގެން އުޅުނީ ލުބާގެ ދެކެ ލޯތްބަކުން ނޫނެވެ. ފަރްހާގެ މަގުސަދު ތަފާތެވެ.

ރޭގަނޑުގެ ވަގުތެވެ. ހަލުވި ދުވެލީގައި ދަތުރުކުރަމުންއައި ލާންޗު، ސިނަމާލެ ބުރިޖު ދަށުން ދިޔައެވެ. މޯހިރުގެ ފޮނުގަނޑު މުޅި ތަނަށް ފަތުރާލައިފައެވެ. ރަޒީންއާއި ފަރްހާ ތިބީ ބުރިޖު މަތީގައެވެ.

"ކީއްވެބާ ދޮންތަ އެހާ ހިތްހަމަނުޖެހުނީ ދޯ؟" ވިސްނަން ހުރެލާފައި ރަޒީން ބުންޏެވެ. "އަހަރެންނާ ގުޅައިގެން ވާހަކަދެއްކި އިރު ނުލާހިކު އޯކޭކޮށް ހުރީ. ބުނަން ވެސް ބުނި، ދޮންތަ އެންމެ ކުރިން ވެސް ބޭނުންވީ އަހަރުމެން ދެމީހުން މެރީކުރާށޯ! މާލެއަށް އައިސް އަހަންނާ މީޓުކުރާނަމޭ ވެސް ބުނި. އެކަމަކު ނުއެއް ގުޅާ!"

"ރިއަލީ؟" ފަރްހާއަށް ބުނެވުނެވެ. "ދޮންތަ މާ ބިރުގަތީކަން ނޭނގެ. އަހަންނާ ދޮންތަޔާ ވަރަށް ތަފާތުވާނެ. ދޮންތަ އޯކޭނުވަނީސް މެރީއެއް ނުކުރެވޭނެ އިނގޭ. ޔަގީން މަންމަޔާ ޑެޑް ވެސް އޯކޭއެއް ނުވާނެ. އެންމެން އައިސް އަހަންނަށް ހަޅޭއްލަވައިގަންނަ އިރު އަހަރެން ސަލާމަތްކޮށްދޭން ދޮންތަ ނައިއްސިއްޔާ ދިޔައީ ދުވަސް. ހިނގާ އަހަރުމެން ބްރޭކެއް ނަގަމާ!"

"ވަރިހަމަ އެކަކު ނެތަސް،" އަތްއަޅައިގެންހުރި ދަގަނޑުގައި ނިކަން ބާރަށް ޖަހާފައި ރަޒީން ބުންޏެވެ. "އެކަކަށް ވެސް ޑިޕެންޑްވާނެކަމެއް ނެތް. އަހަރެން ފަރޫއަށް ކެއަރކުރާނަމޭ! ފަރޫ ނުޖެހޭނެ އެމީހުންނާ ފޭސްކުރާކަށް. އަހަރެން ލޯބިވާ ވަރަށް ކާކު ފަރޫ ދެކެ ލޯބިވާނީ؟ ބުނެބަލަ! ހީވޭތަ އަހަރެން މި ކުރި ވަރުގެ ކަމެއް އެކަކު ވެސް ކުރާނެހެން؟ ލުބާއަކީ އަހަރެންގެ ވައިފޭ! ދުވަހަކު ވެސް އަހަންނަކަށް ދެނެއް އޭނައެއް ނުފެންނާނެ. އެކަމަކު ފަރޫ ތި އުޅެނީ އަހަންނަށް ޓަކާ ފަރޫގެ ފެމެލީޔާ ފޭސްކޮށްލަން ނުކެރިގެން. ތީ ހަމަ އެހާ ފިނޑި މީހެއް؟"

"އޯކޭ!" ފަރްހާ އެއްބަސްވިއެވެ.

"އޯކޭ ފޯ ވަޓް؟" ރަޒީން އެހިއެވެ.

"ހިނގާ މެރީކުރަން،" ފަރްހާ އެދުނެވެ. "މީހުން ކިޔާ އެއްޗެއް ކިޔާފާނެއްނު!"

ލުބާނާ ހޯދުން ފުލުހުން މެދުކަނޑައިލިއެވެ. އެކަމަކު ތަހުގީގު ކުރިޔަށްގެންދިޔައެވެ. އާންމުކޮށް ދިވެހިން ނުކުރާ ކަމެއް ރަޒީން ކުރިއެވެ. ލުބާނާގެ ތަހުގީގަށް ކުރިއެރުމެއް ލިބޭ ފަދަ އާ މައުލޫމާތެއް ފުލުހުންނަށް ފޯރުކޮށްދޭ މީހަކަށް، ފަންސާސް ހާސް ރުފިޔާގެ އިނާމެއް ހުށައެޅުމެވެ. ރަޒީން އެ ގޮތަށް ކަންތައްކުރީ، އެ އިނާމު ދޭން ނުޖެހޭނެކަން ރަޒީނަށް ކަށަވަރުވާތީއެވެ.

މޫސަ ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ. ދަރިފުޅު ގެއްލުމުގެ ހިތާމައިން މޫސައަށް އަރައިނުގަނެވުނީއެވެ. އެ ޚަބަރުލިބުމުން ބައްޕަޔާ ބައްދަލުކުރަން ތޫބާއާއި ފަރްހާ ހޮސްޕިޓަލަށް ދިޔައެވެ. އެ ތަނުގައި ރަޒީންގެ މަންމައާއި ލުބާނާގެ މަންމަ ވެސް ހުންނާނެކަން އެނގިހުރެއެވެ. ތޫބާއަށް މައްސަލައަކީ އެޔެއް ނޫނެވެ. އެ ތަނުގައި ރަޒީން ހުންނާނެތީއެވެ. އެހެން މީހުންނަށް ނޭނގޭ ސިއްރެއް ތޫބާއަށް އެނގޭތީއެވެ. ތޫބާގެ ހިތް ކުދިކުދިކޮށްލި ޚަބަރަށް ފަހު، ތިން މީހުން އެކުގައި ދިމާވާ އެއީ ފުރަތަމަ ފަހަރެވެ. މޫސަ ބާއްވައިފައިވާ ކޮޓަރިއަށް ދެބެން ވަން އިރު ރަޒީނެއް ނެތެވެ. ލުބާނާގެ މަންމަ ހުއްޓެވެ. އޭނަ ވަގުތުން އެ ތަނުން ނުކުތެވެ. ދެން ފެނުނީ ރަޒީން ވަންތަނެވެ. ފަރްހާއާއި ރަޒީން އެ ތަނުގައި ކުޅުނު ޑުރާމާގެ ފުރިހަމަކަމުން ތޫބާ އަންތަރީސްވިއެވެ. އެ ދެ މީހުންގެ މެދުގައި އެއްވެސް ގުޅުމެއް އޮތްހެން ހީ ވެސް ނުވެއެވެ. ތޫބާ ހިތަށްއެރިއެވެ. ކުރިން ވެސް އެ މީހުން ކުޅުނީ ހަމަ އެ ޑުރާމާއެވެ. އެއްވެސް ތަފާތެއް ނެތެވެ.

މޫސަގެ ވާހަކައިން އެނގުނު ގޮތުގައި، ލުބާނާ ގެއްލުނީއްސުރެ މޫސައަކަށް ރަނގަޅަކަށް ނުކެވެއެވެ. އޭގެ ސަބަބުން މޫސަ އަނބުރައިގަތީއެވެ. އެހެނަސް ޑަކުޓަރު ބުނި ގޮތުގައި އަނބުރައިގަތުމާ ގުޅިފައިވަނީ މޫސައަށް ލިބިފައިވާ ހިތްދަތިކަމާއެވެ. ވާހަކަދެއްކުމުގެ ތެރޭގައި މޫސަ ކަރުހިއްކާ ވާހަކައާއި، ކުރުނބާ ފެންފޮދެއް ބޭނުންކަމަށް ބުންޏެވެ.

"އަންނާނަށް ކުރުނބައެއް ހިފައިގެން،" ފަރްހާ ހިނގައިގަންނަމުން ބުންޏެވެ. "ކޮން ތާކުން ލިބޭނީ؟"

"ހިނގާ! މަ ވެސް ދާނަން!" ފަރްހާގެ ފަހަތުން ހިނގައިގަންނަމުން ރަޒީން ބުންޏެވެ.

"ރަޒީން މި ތާ މަޑުކޮށްލާ!" ތޫބާ އެދުނެވެ. "އަހަރުމެން އަންނާނަން ކުރުނބާ ހިފައިގެން."

ރަޒީން ބަހައްޓައިފައި ދެބެން ހިނގައިގަތެވެ. ކޮޓަރިން ނުކުތުމާއެކު ތޫބާގެ ޝަކުވާފޮށި ހުޅުވައިލިއެވެ.

"ނޫނޭވާ ކުޅަދާނަ!" ތޫބާ މަޑުމަޑުން ބުންޏެވެ. "އަހަރެން ބުނީމެއްނު ތި ކުޅިވަރު ހުއްޓާލާށޭ! ތަންކޮޅެއް އަވަހަށް ބައްޕަ މަރާލާފަ، އެ ބަދުނާމު ވެސް އަހަރުމެންގެ ބޮލުގަ ނޭޅުވިގެންތަ ފަރޫ ތި އުޅެނީ؟ ފެނޭތަ ބައްޕަ އޮތް ހާލު؟"

"އަހަރެން ކުރި ކަމެއްތަ އެއީ؟" ފަރްހާ ސުވާލުކުރިއެވެ. "އަބަދު ވެސް އަހަރުމެން ކީއްވެގެންތަ ސަފަރކުރަން ޖެހެނީ؟ ހުރިހާ މޮޅެއް އެކޮޅަށް. ހުރިހާ ދެރައެއް މިކޮޅަށް. ނޫންތަ އަޅެ؟ ދޮންތަ ވިސްނާލިންތަ އަހަރުމެންގެ އޭޖު؟ އަހަރުމެންގެ ހުރިހާ ރައްޓެހިން މެރީކޮށް، ވިހާ، ކުދިން އެ ތިބަ ބޮޑުވަނީ. ކީއްވެތަ އަހަރެން ބޭނުން މީހަކާ މެރީނުކުރެވެންވީ؟ ވައި؟"

"މެރީނުކުރާށެކޭ ދޮންތަ ނުބުނަމޭ ފަރޫ!" ތޫބާ ވިސްނައިދިނެވެ. "ފިރިހެނުން ހުސްވީކީ ނޫނެއްނު! ލުބާގެ ފިރިމީހާޔާ ނީންނާށޭ!"

"ދޮންތާ! އަހަރެން ބުނަންތަ ވާހަކައެއް؟" ހިނގަހިނގާ ހުރެފައި، ހުއްޓިފައި ފަރްހާ ބުންޏެވެ. "އިރުއިރުކޮޅާ ލުބާގެ ހަސްބަންޑޭ ނުކިޔަބަލަ! ލުބާއަށް ވުރެ ކުރިން އަހަންނަށޭ ރަޒީން ފެނުނީ."

"ފަރޫއަށް ވުރެ ކުރިން އަހަންނަށޭ ރަޒީން ފެނުނީ." ތޫބާއަށް ބުނެވުނެވެ.

ނުނިމޭ