ބަންގީގެ އަޑު މަޑުކުރަން ހުށަހެޅި ބިލް ކެބިނެޓުން ފާސްކޮށްފި
ބަންގީގެ އަޑު މަޑުކުރަން ހުށަހެޅި ބިލް ކެބިނެޓުން ފާސްކޮށްފި

ގުދުސް (ފެބްރުއަރީ 13) - ބަންޑީގެ އަޑު މަޑު ކުރަން އިޒްރޭލުން ފާސްކުރަން އުޅޭ ޚިޔާލު ތަފާތުވުން ބޮޑު ބިލް ވަޒީރުންގެ ކޮމިޓީއަކުން ފާސްކޮށްފައިވާ ކަމަށް ޖަސްޓިސް މިނިސްޓްރީން ބުނެފި އެވެ.

މި ބިލް ފާސްކޮށްފައި ވަނީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ޔަހޫދީ ޕާޓީއެއް ކަމަށްވާ ހޯމް ޕާޓީގައި ހިމެނޭ ޖަސްޓިސް މިނިސްޓަރު އައިލާތު ޝާކެޑް ރިޔާސަތު ބެލެހެއްޓެވި މިނިސްޓަރުންގެ ކޮމިޓީއަކުންނެވެ. މި ބިލް ދެން ފޮނުވާނީ ޕާލަމެންޓަށެވެ. މި ބިލް ހުށަހަޅާފައި ވަނީ ވެސް ހޯމް ޕާޓީގެ ފަރާތުންނެވެ. އެ ޕާޓީން ބުނެފައި ވަނީ މިފަދަ ބިލެއް ހުށަހަޅާފައި ވަނީ އިޒްރޭލުގައި ދިރިއުޅޭ މުސްލިމް ނޫން މީހުންނަށް ކޮންމެ ދުވަހަކުވާ އުނދަގުލުން ސަލާމަތް ކުރުމަށް ކަމަށެވެ.

ބަންގީގެ އަޑު މަޑުކުރަން އިޒްރޭލުން ފާސްކުރަން އުޅޭ ބިލުގައި ވަކި ދީނެއްގެ ނަން ލިޔެފައި ނެތް ނަމަވެސް ތަޖްރިބާކަރުން ބުނަނީ މިއީ މުސްލިމުންނަށް އަމާޒުކޮށް ފާސްކުރަން އުޅޭ ބިލެއް ކަމަށެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވިދާޅުވެފައި ވަނީ ބަންގީގެ އަޑު ގަދަވުމުން ވަރަށް ގިނަ ޝަކުވާ އޭނާ އަށް ލިބެމުންދާ ކަމަށެވެ. ކެބިނެޓުގެ ބައްދަލުވުމުގައި ނަތަންޔާހޫ ކުރިން ވިދާޅުވެފައި ވަނީ އަޅުކަން ކުރާ ގެތަކުން ޕީއޭ ސިސްޓަމް ބޭނުންކޮށްގެން ނަމާދަށް ގޮވާލާ އަޑު ގަދަވުމުން ހުރިހާ ދިމާއަކުން ވެސް ޝަކުވާ ހުށަހަޅާ ކަމަށެވެ.

މި ބިލް ފާސްކޮށްފި ނަމަ މިސްކިތްތަކުގައި އަޑު ގަދަކުރާ ބޭނުންކޮށްގެން ފަސް ވަގުތު ބަންގި ގޮވުން ހުއްޓުމަކަށް އަންނާނެ އެވެ. އޭގެ ތެރޭގައި ފަލަސްތީނު މީހުން ގިނަ އަދަދަކަށް ދިރިއުޅޭ އިރުމަތީ ގުދުސްގެ މިސްކިތްތައް ވެސް ހިމެނެ އެވެ. ނަމަވެސް މި ބިލުން އަގްސާ މިސްކިތް އިސްތިސްނާވެ އެވެ.

އިޒްރޭލުގައި ދިރިއުޅޭ 17.5 ޕަސެންޓް މީހުންނަކީ އަރަބިންނެވެ. މީގެ ތެރޭން ގިނަ މީހުންނަކީ މުސްލިމުންނެވެ. އަރަބިން ތުހުމަތު ކުރި ގޮތުގައި އިޒްރޭލުގައި އަޣުލަބިއްޔަތު އޮންނަ ޔަހޫދީން ދަނީ މުސްލިމުންނާ ވަރަށް ބޮޑަށް ތަފާތު ކުރަމުންނެވެ.

އިޒްރޭލުގެ ރައީސް ރެއުވެން ރިވްލިން ވަނީ މި ބިލަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވައިފަ އެވެ.