18 ޖެނުއަރީ 2024 - 05:59

ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ މީހުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށް އެއްބަސްވި ޝަރުތުތަކަށް ހަމާސް އިން ބައެއް ކަންކަން އިތުރުކޮށްފި އެވެ.
ގަތަރާއި ފްރާންސް މެދުވެރިއަކަށް ވެގެން ހަމާސްއާ އެކު އެއްބަސްވުމަކަށް އައުމަށް ފަހު ހަމާސްގެ އޮސް އޮފިޝަލަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފޮނުވާ ބޭސް ޣައްޒާއަށް އެތެރެކުރާއިރު އެ އުފުލާ ޓްރަކްތައް އިޒްރޭލުން ފާސްކޮށްގެން ނުވާނެ ކަމަށެވެ.
މިހާރު އެއްބަސްވެފައި އޮތީ ރަހީނުންނަށް ބޭސް ފޯރުކޮށްދޭއިރު ހޮސްޕިޓަލްތަކާއި އާންމުންނަށް ބޭނުންވާ ބޭހާއި އަސާސީ އެހެން ބައެއް ސާމާނު ވެސް ދޭންޖެހޭ ގޮތަށެވެ.
ހަމާސް އިން ރަހީނުކުރި ކަމަށް ބެލެވޭ 250 މީހުންގެ ތެރެއިން އެއްބަޔަކު ކުރިން ވަނީ ރަހީނުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލައިފަ އެވެ. އެކަމަކު އަދިވެސް ޣައްޒާ ތެރޭގައި 45 ރަހީނަކު ތިބި ކަމަށް ބެލެވެ އެވެ.
"އެ މީހުންނަށް [ރަހީނުންނަށް] ދޭ ކޮންމެ ބޭސް ފޮއްޓަކަށް 1،000 ފޮށި ޣައްޒާގެ އާންމުންނަށް ލިބެން ޖެހޭނެ،" ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އިސް އޮފިޝަލެއް ކަމަށްވާ މޫސާ އަބޫ މަރްޒޫކް އެކްސްގައި ލިޔުއްވާފައިވެ އެވެ.
މަރްޒޫކް ވިދާޅުވީ ބޭސް ސަޕްލައިކުރަން ޖެހޭނީ ހަމާސް އިން އިތުބާރުކުރާ ގައުމަކުން ކަމަށާއި އެއީ ފްރާންސް ނޫން ކަމަށެވެ.
"މި ބޭސްތައް އެކި ހޮސްޕިޓަލްތަކަށް ދޭންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އަދި މި ބޭސް ގެންނަ ޓްރަކްތައް އިޒްރޭލުން ފާސްކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޣައްޒާއަށް އެހީގެ ސާމާނު ގެންނަ ކޮންމެ ޓްރަކެއް އިޒްރޭލުން ބަލައި ފާސްކުރެ އެވެ.
މިސްރުގެ އޮފިޝަލުން ވިދާޅުވީ ބޭސް ހިފައިގެން ގަތަރުގެ ބޯޓު ބުދަ ދުވަހު ޖައްސާފައިވާ ކަމަށެވެ. ފްރާންސުން ބުނީ މި ބޭސްތައް ގެންދާނީ ރަފާހްގެ ހޮސްޕިޓަލްތަކަށް ކަމަށާއި އެތަނުން ރެޑް ކްރެސެންޓާ މި ތަކެތި ހަވާލުކުރާނެ ކަމަށެވެ. އަދި އާންމުންނަށް ރެޑް ކްރެސެންޓުން ބޭސް ދޭނެ ކަމަށާއި ރަހީނުންނަށް ބޭސް ލިބޭނީ އޭގެ ފަހުން ކަމަށް ވެސް ބުންޏެވެ. --އޭއެފްޕީ