17 ޖެނުއަރީ 2024 - 18:00

މާލޭގެ ކެފޭއެއް ތެރޭގައި "ގޭސް އެކްސްޕްލޯޝަން" އެއް ހިނގައި އެ ކެފޭގެ ކައްކާ އާއި އިތުރު ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ކިނބިގަސް މަގުގައި ހުންނެ ފާސްޓްފުޑް އައުޓްލެޓެއްގަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ހާދިސާގައި ކެފޭގެ ކައްކާއަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
ސްރީ ލަންކާގެ އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައިި ފަރުވާދެމުން އަންނައިރު ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ކައްކާގެ އިތުރުން އެ ސަރަަހައްދު މަގުމަތީ ތިބި ދެ މީހަކަށް ވެސް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގޭސް އެކްސްޕްލޯޝަންް ނުވަތަ ގޭސް ލީކުވެފައި ހުއްޓާ ރޯވުމުގެ ސަބަބުން ކެފޭގެ ބިއްލޫރިގަނޑު ވަނީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފަ އެވެ.
މީގެ ދެ ހަފުތާ ކުރިން ވެސް މާލޭގެ ގެއެއްގެ ތެރޭގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައި އަންހެނަކަށް އަނިޔާވި އެވެ. އެ ހާދިސާ ހިނގީ ގޭސް ފުޅިން އުނދުނަށް ގުޅާފައި ހުރި ހޮޅި ބާރުކުރަން ހަރުކޮށްފައި ހުންނަ ނަޓު ދޫވެފައި ހުއްޓައި އެތަނުން ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގަ އެވެ.