17 ޖެނުއަރީ 2024 - 11:34

އދ. ދިގުރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮއްވައި ފެނުނު ތުއްތުކުއްޖާގެ މަރާލީ ފާހާނާ ތަށި ތެރެއަށް ވިހެއުމަށް ފަހު ކަމަށާއި މި މައްސަލައިގައި އެ ކުއްޖާގެ މަންމަ ސްރީ ލަންކާގެ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާއަށް އެކު ތިން ދައުވާއެއް އިއްޔެ ކޮށްފި އެވެ.
ޕީޖީ އޮފީހުން ބުނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރު ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑާ ގުޅިގެން، އެ އަންހެން މީހާއަށް ކުރި ދައުވާތަކަކީ؛
- އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ
- ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްތުގައި ހިންގުމުގެ ކުށުގެ ދައުވާ
- އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ
އެ އޮފީހުން ބުނީ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، އޭނާ ވިހާފައިވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުގެ ރޭގަނޑު 22:00 އާއި ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި ދިގުރަށު ކޮޓަރިއެއްގެ ފާހާނާގައި ކަމަށެވެ.
ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ކުނިވާ ޒާތުގެ ކުނި އަޅަން ހާއްސަކޮށްފައިވާ ޑަސްބިނަށް ލާފައިވަނީ، މިދިޔަ މަހުގެ ތިން ވަނަ ދުވަހުގެ ފަތިހު 05:30 ހާއިރު ކަމަށް ޕީޖީން ބުންޏެވެ. އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކުރަނީ ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާ މެދު ޢަމަލުކޮށް ކުއްޖާ މަރާލާފައިވާތީ އެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ 10-25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ.
ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްތުގައި ކުރުމުގެ ދައުވާކުރަނީ، އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް މީހަކަށްވެ ހުރެ، އެ ކުއްޖާގެ ސިއްހަތާއި ރައްކާތެރިކަމާއި މަސްލަހަތަށް އުނިކަން އަންނާނެ އަމަލުތައް ގަސްތުގައި ހިންގާފައިވާތީ އެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އޭނާގެ މައްޗަށް އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ ކުރަނީ ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު ލައި، ކުއްޖާ މަރުވިކަން އެނގިހުރެ އެކަން ފޮރުވާފައިވާތީ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެވެ.