16 ޖެނުއަރީ 2024 - 20:36

އިސްރަށްވެހިންނަށް ހާއްސަ ކްލިނިކެއް ހުޅުވައި، އެ މީހުން ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ގޭގައި ތިބެގެން މެމޯ ހެއްދުމުގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްފި އެވެ.

އެ ކްލިނިކް ހުޅުވީ އައިޖީއެމްއެޗްގަ އެވެ.
އެ ހިދުމަތް ތައާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މިއަދު ތައާރަފް ކުރި ހިދުމަތަކީ ޒަމާންތަކެއް ވަންދެން އިސްރަށްވެހިން ކުރަމުން އައި އުންމީދުތަކެއް ހަގީގަތަކަށް ވެގެން ދިއުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ހިދުމަތާއެކު އިސްރަށްވެހިންނަށް ހާއްސަ ސަމާލުކަމެއް ދީ އެ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް އިތުރު މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށެވެ.
ފުރަތަމަ ކްލިނިކް އައިޖީއެމްއެޗްގައި ހުޅުވި ނަމަވެސް ކުރިއަށް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަސައްކަތް، މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވެސް ބަލަމުން އެބަ ގެންދަން އެންމެ ފަސޭހައިން އެންމެ އަވަހަށް ރާއްޖޭގެ ކޮން ދިމާލެއްގަތޯ މިކަން ދެން ކުރެވޭނެ އިންތިޒާމުތައް އަޅުގަނޑުމެންނަށް ހަމަޖެހިގެންދާނީ،" ހަލީލް ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާގައި އެ ދާއިރާއިން ތައުލީމު ހާސިލްކުރަން ބޭނުންވާ މީހުން ތިބި ކަމަށާއި އެ މީހުންނަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިނިސްޓްރީގެ ބައެއް ބޭފުޅުން އިސް ނަންގަވައިގެން މިހާރު ވެސް ދަނީ [އަވައްޓެރި ބައެއް ގައުމުތަކާ] ކޮންޓެކްޓް ކުރައްވަމުން. އެ ގައުމުތަކުގައި ހުރި ތައުލީމު ދޭ އެކި އިންސްޓިޓިއުޝަންތަކާ ވާހަކަ ދައްކައިގެން ދުވަސްވީ ބޭފުޅުންނަށް ހިދުމަތް ދިނުމަށް [ޖިއެރިއެޓިކް ކެއާ] އަށް ހާއްސަ އިންސްޓިއުޝަންތަކުން ތައުލީމު އުނގެނޭނެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ކުރަމުން،" ހަލީލް ވިދާޅުވި އެވެ.
މިއީ ރާއްޖެއަށް މުޅިން އާ ފަންނަކަން ވެގެންދާނެ ކަމަށާއި މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރަށްވެހިންނަށް ހާއްސަ ކްލިނިކެއް ހުޅުވާފައި ވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ހަދަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.