މިނިސްޓްރީގެ ހުއްދަ ނެތި ދެ ކުންފުންޏަކުން އުމްރާއަށް މީހުން ގެންދަން ފައިސާ ނަގަނީ
މިނިސްޓްރީގެ ހުއްދަ ނެތި ދެ ކުންފުންޏަކުން އުމްރާއަށް މީހުން ގެންދަން ފައިސާ ނަގަނީ

އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައި ނުވާ، "އަލް މަޝްއަރު ހައްޖު އުމްރާ" އާއި "ވަޑި ހައްޖު އެންޑް އުމްރާ" އިން އުމްރާ އަށް މީހުން ގެންދާތީ އެ ދެ ކުންފުނިން އުމްރާ އަށް ދިއުމަށް ފައިސާ ނުދެއްކުމަށް މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ކުންފުންޏަކީ މިނިސްޓްރީގެ ހުއްދަ ނޯންނަ ދެ ކުންފުނި ކަމަށެވެ.

އެ ދެ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް އިއުލާންކޮށް ފައިސާ ނަގަމުންދާކަން މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށް ވެސް ބުންޏެވެ.

މިނިސްޓްރީގެ ވެބްސައިޓުގައި އުމްރާއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތައް ފެންނަން ހުންނާނެ ކަމަށާއި މިނިސްޓްރީގެ ލިސްޓުގައި ނެތް ކުންފުންޏެއް ނަމަ ފައިސާ ނުދެއްކުމަށް ވަނީ އެދިފަ އެވެ.

"މިއީ މަނާ ކަމެއް ކަމުގައި ވާތީ، މިކަން މިގޮތަށް ނުކުރުމަށާއި މިފަދަ ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް ފައިސާ ނުދެއްކުމަށް އިލްތިމާސް ކުރަމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެނީ ޖެހިޖެހިގެން ދެ އަހަރަށެވެ. އެ ހުއްދަ ނެތި ނުވަތަ އުމްރާ ހުއްދައިގެ މުއްދަތު ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ ވެސް އެ އުސޫލާ ހިލާފު ކަމެކެވެ.