17 ޖެނުއަރީ 2024 - 06:19

އާދިއްތަ ދުވަހާ ގުޅޭ
"ފަރޫއަށް ވެސް އެނގޭ؟" ކަންބޮޑުވެފައި ތޫބާ އެހިއެވެ.
"އާނ!" ރަޒީން ބުންޏެވެ. "އޭނައަކަށްނު ފުރަތަމަ އެނގޭނީ. އޭނަ ބުނި އޭނަޔޯ ދޮންތަޔާ ފުރަތަމަ ޝެއަރކުރާނީ. ކުށްވެރިވާ ވަރުގެ ކަމެއް މި ކުރެވުނީ. އިހަށް ސީކްރެޓެއް ގޮތަށް ބާއްވާ! އަހަރެން ބުނިކަމަށް ނަހަދާތި! ރަނގަޅު ނިންމުމެއްތަ އަހަންނަށް މި ނިންމުނީ؟ ގަބޫލުތަ؟"
ތޫބާ ވަރަށް ރަކިވިއެވެ. އެހައި ސީދާކޮށް އެހެން އެހީމައެވެ. ތޫބާ ހިތުން އެއީ ތޫބާގެ ރުހުން ހޯދަން އެހި އެހުމެކެވެ.
"ދެން މި ވާހަކަ ނުބުނެ ހުންނާނެކަމެއް ނެތް،" ތޫބާ ހިތް ހުޅުވައިލިއެވެ. "އެންމެ ފުރަތަމަ ރަޒީން ފެނުނު ދުވަހުއް ސުރެ ހިތުއަޅައިގެންހުރި ކަމެއް ތިވީ. ބުނަން ނުކެރިފަ ހުރީ. ހުއްޓާ ލުބާޔާ ރަޒީން މެރީކުރީ. ދެން ވެސް އުންމީދުކަނޑައެއްނުލަން. އެކަމަކު ފެމެލީ ތެރޭގަ ވަރަށް މައްސަލަޖެހޭނެ. ފާޑުފާޑުގެ އެއްޗެހި ވެސް ކިޔާނެ. ލުބާގެ މަންމަޔާ އަހަރެންގެ މަންމަ ވެސް ނުވާނެ އެއްބަހެއް. ސަތޭކަ ޕަސަންޓް ގެރެންޓީ. އަހަރުމެން ޖެހޭނެ ވަރަށް ކެތްކުރަން. މާދަން މާލެދާނަން އިނގޭ. މީޓްކުރަންވާނެ."
ވާހަކަދައްކައި ނިންމައިފައި ފޯނުބޭއްވި އިރު ވެސް ކުށްހީ އޮތް ގޮތަށް އޮތީއެވެ. ރަޒީނަށް ހީވީ ތޫބާ ވާހަކަދެއްކީ ފަރްހާގެ ދޮންތަގެ ހައިސިއްޔަތުންކަމަށެވެ. ތޫބާއަށް ހީވީ ރަޒީން އެ ދެއްކީ ތޫބާގެ ވާހަކަހެންނެވެ. އެ ގޮތަށް ނިންމައިގެންހުރެ އަޑުއެހުމުން، ރަޒީން ދެއްކި ކޮންމެ ވާހަކައެއް ވެސް ތޫބާ ބޭނުންވާ ވަތްގަނޑަށް ފެތުނެވެ. މޭމަތީގައި ފޯނު ބާއްވައިލައިގެން، ވިސްނަން އެތައް އިރަކު ތޫބާ އޮތެވެ. ލޯބިވާ ވާހަކަ ނުވެސް ބުނަނީސް ރަޒީންގެ ހިތުގައި އެ ލޯބި ކުރިފަޅައި، ފެތުރުނު ގޮތެއް ތޫބާއަކަށް ނުވިސްނެއެވެ. ރަޒީންގެ އެއްވެސް ހަރަކާތަކުން ވެސް ތޫބާއަކަށް އެ މާނައެއް ދޭހައެއް ނުވެއެވެ. ތޫބާ ހިތަށްއެރިއެވެ. ކަމެއް ވާންވެއްޖިއްޔާ ވަނީތާއެވެ. ފަރްހާއަށް ގުޅައިފައި އެ ޚަބަރު ދޭހިތުން ދެ ފަހަރަކު ތޫބާއަށް ފޯނު ނެގުނެވެ. އެހެނަސް، ފަރްހާ ގާތުގައި ނުބުނަން ރަޒީން އެދިފައިވާތީ އެ ކަން ނުކުރީއެވެ.
ލުބާނާގެ އެއްވެސް ޚަބަރެއް ނުވިއެވެ. ނޫސްރިޕޯޓަރުން އަމިއްލައަށް ވެސް އެކި ގޮތްގޮތަށް އެ މައްސަލަ ތަހުގީގުކުރިއެވެ. ތަފާތު ކޮޅުތައް ނަގައިގެން އެ ވާހަކަ ޖެހިއެވެ. ރުހުމުގައި ނުވަތަ ނުރުހުމުގައި ލުބާނާ ލޯންޗަކަށް ލައިގެން ކަނޑުމަތިން އެހެން އުޅަނދަކަށް ބަދަލުކުރީއެވެ. ފަތުރުވެރިޔަކާ ރައްޓެހިވެގެން ޔޮޓެއްގައި ލުބާނާ ފިލީއެވެ. އެ ރިސޯޓަކީ ޖިންނި ފެންނަ ތަނެއްކަމާއި، ކުރިން ވެސް އެކި ހާދިސާ ހިނގާފައިހުރިކަމަށް ބުނެ، ރޫހާނީ ބާރަކާ ގުޅުވައިފައި ވެސް ހުއްޓެވެ. ބާކީ ބައި ތަހުގީގުކުރީ ކޮމެންޓުކުރި މީހުންނެވެ. ތަންކޮޅެއް ގަބޫލުކުރެވޭ ހަމަތައް ކޮމެންޓުގައި ހުއްޓެވެ. މާލެއިން ކުރިން ގެއްލުނު މީސްމީހުންގެ ހާދިސާތަކުން މިސާލު ނަގައި، ހިޔާލުފާޅުކޮށްފައި ހުއްޓެވެ. އެކަކު ބުނެފައި އޮތެވެ. އަޑި ނޭނގޭ ކޮންމެވެސް ކަންތައްގަނޑެއް އޮންނާނެއެވެ. ދަލީލަކަށް އެ މީހާ ދައްކަނީ ލުބާނާގެ މީސްމީޑިޔާ އެކައުންޓުތަކެވެ. ގެއްލުނު ރޭ ލުބާނާގެ އެކައުންޓުތަކުގައި އޭނަ ލިޔެފައިހުރި އެއްޗިއްސާއި، ލާފައިހުރި ފޮޓޯތަކެވެ. ލޯތްބަށް ލުބާނާގެ ހިތުގައި އޮތް އިހުތިރާމު ގެއްލިއްޖެކަމާއި، މީހަކަށް އިތުބާރުކުރުމަކީ ދެން ލުބާނާއަށް ފަސޭހަކަމަކަށް ނުވާނެކަމަށް ބުނެފައިވާ ވާހަކައެވެ. ސީދާ ރަޒީނަށް ޝައްކުކޮށް ލިޔެފައިވާ ކޮމެންޓު ވެސް ހުއްޓެވެ. ވަކި ހިސާބަކުން ކޮމެންޓުތައް ހުރީ ސިޔާސީވެފައެވެ.
އެކަނި ވިސްނައިވިސްނައި ވަރުބަލިވެފައިވާ ފަރްހާއަށް ދެން ވެސް މަޖުބޫރުވީ ވިސްނާށެވެ. މީހަކު މަރާފައިވާ މީހަކާ އިންނަން ފަރްހާއަށް ފަސްޖެހެވެނީއެވެ. ރަޒީން އެ ކަން ކުރީ ކިހިނެއްހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ވެސް ފަރްހާ ބޭނުމެވެ. އެހެނަސް، އޭގެ ފަހުން ދެން ވާނީ ކިހިނެއްހެއްޔެވެ؟ މެރި ގޮތް އިރުއިރުކޮޅާ ފަރްހާގެ ހިތަށްނާރާނެހެއްޔެވެ؟ ކޮންމެ ފަހަރަކު ވެސް އެ ހިސާބަށް ހިޔާލުގެ އޮއިވަރު ދަތުރުކުރާ އިރަށް ސައިތާނާގެ ވަސްވާސް ފަރްހާގެ ހިތަށް ވެރިވާން ފަށައެވެ. ޝައްކުއުފައްދަން ފަށައެވެ. ބުނެއެވެ. ލުބާނާއާ ދޭތެރޭގައި ވިސްނުން ހުއްޓާލާށެވެ. އޭނައަށް ހަމުދަރުދީވާނެކަމެއް ނެތެވެ. ފަރްހާގެ މުޅި އާއިލާއަށް ވަގަށްގޮވައި ބަދުނާމުކޮށްފިއެވެ. އޭނައަށް އެ ލިބުނީ އޭގެ ބަދަލެވެ. ރަޒީން އެ ކޮށްދިނީ ހެޔޮކަމެކެވެ. ރަޒީން ބޭޒާރުކޮށްލައިފި ނަމަ ފަހުން ހިތާމަކުރަންޖެހޭނެއެވެ. އެއީ ފަރްހާގެ ފިރިމީހާއަށް ވާންހުރި މީހާއެވެ. ދަރިފުޅުގެ ބައްޕައެވެ. ލުބާނާޔާ ދޭތެރޭ ވިސްނުމަށް ވުރެ ކައިވެނި އަވަސްކުރުން މާ މުހިންމެވެ. ނޫން ނަމަ، ފަރްހާ ފަލީހަތްވެ އާއިލާ ބަދުނާމުވެދާނެއެވެ. ފަރްހާ ހިތަށްއެރިއެވެ. ހިތްވަރުކޮށްފައި ދޮންތަ ގާތުގައި އެ ވާހަކަ ބުނަންވީއެވެ
ކޮންމެ ވަގުތެއްގައި ވެސް ފަރްހާގެ ފޯނެއް އަތުވެދާނެކަމަށް އުންމީދުކޮށްގެން ތޫބާ ހުއްޓައި، ނުދަންނަ ނަންބަރަކުން ފޯނެއްއަންނަން ފެށިއެވެ. ނޫނެކެވެ. އެއީ ތޫބާ ނުދަންނަ ނަންބަރެއް ނޫނެވެ. ފެނިބާވެފައިވާ ނަންބަރެކެވެ. އެ ނަންބަރަށް ނަމެއް ދޭން ވެސް ތޫބާ ބޭނުން ނުވާހައި ފޫހި މީހެއްގެ ނަންބަރެކެވެ. އެކަމަކު ފޯނަށް ޖަވާބެއް ނުދީ ސަލާމަތެއް ނުވާނެއެވެ. ތޫބާ ފޯނުނެގިއެވެ.
"ހަލޯ!" ފޫހި ގޮތަކަށް ތޫބާ ބުންޏެވެ.
"ކޮބާ ހާލު ކިހިނެއް؟" ރަޝާދު އެހިއެވެ.
"ވަރަށް ރަނގަޅު،" ތޫބާ ބުންޏެވެ. "ރަޝާދު ކިހިނެއް؟
"ހަމަ ވަރަށް ރަނގަޅު." ވަރަށް އުފާވެފައި ރަޝާދު ބުންޏެވެ
އެ ހިސާބުން ރަޝާދު ފޯނު ބޭއްވިއެވެ. ފަސޭހަކަމަކީ އެއީއެވެ. ދެން އަނެއްކާ ވެސް އެތައް ދުވަހެއްވަންދެން ރަޝާދެއް ނުގުޅާނެއެވެ. އަޖައިބެއް ކަހަލަ މީހެކެވެ. ތޫބާ ވިސްނަން އިނދެލައިފައި ފުން ނޭވައެއް ބޭރުކޮށްލިއެވެ
"އަހަންނަށް އެނގޭ ކާކުކަން ގުޅީ!" ފަރްހާގެ އަޑުއިވުނެވެ
ސޯފާގައި އިން ތޫބާ ބަލައިލި އިރު ފަރްހާ ކޮޓަރީގެ ދޮރުކަނީގައި ލެނގިލައިގެން ހުއްޓެވެ. އޭނަގެ ތުންފަތަށް ވެެރިވެފައިވަނީ ލާނެތް ހިނިތުންވުމެކެވެ. ރަޒީން ކުރީ ދުވަހު ކުރި ކޯލަށް ފަހު، ފަރްހާ ފެންނަ ކޮންމެ ފަހަރަކު ތޫބާ ކުޑަކޮށް ރަކިވެއެވެ. ތޫބާއަށް ހީވަނީ ތޫބާ ދެކެ ރަޒީން ލޯބިވާ ވާހަކަ ފަރްހާ ގާތުގައި ރަޒީން ބުނެފައިވާހެންނެވެ. އަނެއްކޮޅުން ފަރްހާ އެ ދުވަހު ވެސް މަސައްކަތްކުރީ ރަޒީން ދެކެ ފަރްހާ ލޯބިވާ ވާހަކަ ތޫބާ ގާތުގައި ބުނެވޭތޯއެވެ.
"ޔަގީން ރެޓޭކަން،" ސޯފާގައި އިށީންނަމުން، ސަމާސާ ރާގެއްގައި ފަރްހާ ބުންޏެވެ. "އޭނައަށް މިހާރު ސިކްސްޓީ ވެދާނެ ދޯ؟"
"ފިފްޓީ ނައިން!" ފޫހި ގޮތަކަށް ތޫބާ ބުންޏެވެ.
"ދޮންތަ އެ ވަރު ވެސް ބަލަންތަ؟" ފަރްހާ އެހިއެވެ.
"މަހަކު އެއްފަހަރު ގުޅާ މީހަކު ހަނދާންނެތޭނީ ކިހިނެއް؟" ސޯފާގައި ހަމަޖެހިލަމުން ތޫބާ ބުންޏެވެ
"ދޮންތަ ދެކެ އޭނަ ކިހާ ލޯބިވޭ؟" ދިމާކުރާ ރާގަށް ފަރްހާ ބުންޏެވެ. "ރިޖެކްޓްކުރީމަ ވެސް ސިންގަލްކޮށް އެ ހުންނަނީ.
"ހުރެދާނެއްނު!" އަހަންނަށް ކީއްހޭ ބުނާ ކަހަލަ ރާގެއްގައި ތޫބާ ބުންޏެވެ. "އަހަރެން އިންނާނީ އެހެން މީހަކާ. އޭނަ ވެސް މިހާރު ސިންގަލްވެއްޖެ! ކުރީ ދުވަހު ރަޒީންއާ ގުޅީމޭ!
އެ ދެ ވާހަކަ ތޫބާ ގުޅުވައިލީ ބޭނުމަކުއެވެ. އަހަން ބޭނުންވާ ވާހަކަ ބުނަން ފަރްހާއަށް ހަނދާންކޮށްދިނުމަށް ޓަކައެވެ. އަނެއްކޮޅުން ފަރްހާ އައީ ފަރްހާގެ ލޯބީގެ ސިއްރު ތޫބާޔާ ހިއްސާކުރުމަށް ޓަކައެވެ. ތޫބާ ރުޅިއަންނާނެކަން އެނގޭތީ ބުނާކަށް ނުކެރެއެވެ
"އެހެންތަ؟" ފަރްހާއަށް ބުނެވުނީ އެހެންނެވެ
ތޫބާއަށް ހީވަނީ ރަޒީން ބުނި ވާހަކަ ބުނަން ފަރްހާއަށް ނުކެރިގެން އުޅޭހެންނެވެ.
"ކަމަކުތަ ތި އައީ؟" ފަރްހާއަށް ހިތްވަރުދިނުމުގެ ގޮތުން ތޫބާ އެހިއެވެ.
"ނޫން!" ފަރްހާ ބުންޏެވެ. "ދޮންތަ ފެނުނީމަ ހަމަ އައީ."
"އެހެންނުވާނެ!" ކެތްތެރިކަން ކުޑަވެފައިވާ ތޫބާ ބުންޏެވެ. "ކޮންމެވެސް ކަމަކު ތި އައީ. ކިހިނެއްތަވީ؟ ބުނެބަލަ!"
ފަރްހާ އެތައް ބަހަނާއެއް ދެއްކިއެވެ. އެއްވެސް ބަހަނާއެއް ތޫބާ ގަބޫލެއް ނުކުރިއެވެ.
"ދެން ބުނެބަލަ ފަރޫގަނޑާ!" ތޫބާ އެދުނެވެ. "ތި އުޅޭ ވައްތަރަކުން އަހަންނަށް އެނގޭ ފަރޫ ތި އުޅެނީ ބުނަން ނުކެރިގެންކަން. ކޮބައިތަ މައްސަލައަކީ؟"
ފަރްހާ އިރުކޮޅަކު އެއްޗެއް ނުބުނެ އިނެވެ. ދޮންތަ ކިހައި ރުޅިއަންނާނެކަން ފަރްހާއަށް އެނގެއެވެ. ތޫބާ އިތުރު ސުވާލެއް ނުކުރެއެވެ. ހިތުވިންދު ފަރްހާއަށް އިވުނުނުދޭން ކެތްކޮށްލައިގެން ތޫބާ އިނީއެވެ.
"އަޅެ ދޮންތަ ރުޅިނާންނައްޗޭ!" ފަރްހާ މަޑުމަޑުން ބުންޏެވެ. "ޕްލީޒް!
ތޫބާ ހިތަށްއެރިއެވެ. ތޫބާ ދެކެ ރަޒީން ލޯބިވާކަން އެނގުމުން، އުފާވުން ނޫންކަމެއް ތޫބާ ނުވާނެއެވެ. ލަސްނުކޮށް އަވަހަށް ބުނާށެވެ. ފަރްހާއަށް ބުނަން ނުކެރުނިއްޔާ ތޫބާ އެ ވާހަކަ ބުނާނަމެވެ. ދެނެއް ކެތެއް ނުކުރެވޭނެއެވެ.
"އަހަރެން މިއުޅެނީ މެރީކުރަން." އިސްޖަހާލައިގެން އިނދެ ފަރްހާ ބުންޏެވެ.
އެއީ ތޫބާ އުންމީދުކުރި ޚަބަރެއް ނޫނެވެ. އެކަމަކު، އެ ކަމާ ތޫބާ ރުޅިއަންނަންޖެހޭ ސަބަބެއް ތޫބާއަކަށް ނުވިސްނުނެވެ. ފަރްހާ މީހަކާއިނުމަކީ ތޫބާއަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ.
"އެހެންތަ؟" އުފާވެފައި ތޫބާ ބުންޏެވެ. "ދެން ކީއްވެ އަހަރެން ރުޅިއަންނަންވީ؟ އަވަހަށް ތި ކަން ނިންމަންވީނު. ކާކާ އިންނަނީ؟"
"ރަޒީންއާ!" ފަރްހާ ބުންޏެވެ.
"އޭނ؟" ތޫބާއަށް އިވުނު ގޮތް ކަށަވަރުކުރަން ބޭނުންވާތީ ތޫބާ އެހިއެވެ. "ރަޒީންއޭ؟"
އިސްޖަހައިގެންއިން ފަރްހާ ބޯޖަހައިލިއެވެ. ބުނާނެ އެއްޗެއް ތޫބާއަކަށް ނޭނގުނެވެ. ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އެ ވަގުތު މުޅި ދުނިޔެ ނުވަތަށް އެނބުރެން ފެށި ކަހަލައެވެ. ތޫބާ ގުޅުމުން ރަޒީން ދެއްކި ހުރިހައި ވާހަކަ ތޫބާ އަލުން އަޑުއަހަން ފެށިއެވެ. ފަރްހާއަށް ވެސް އެނގޭހޭ ތޫބާ އެހުމުން ރަޒީން ބުންޏެވެ. ފުރަތަމަ އެނގޭނީ ފަރްހާއަށް ނޫންހެއްޔެވެ؟ ގަބޫލުހޭ ރަޒީން އެހީ، އެ ދެމީހުންގެ ކައިވެންޏާ މެދު ތޫބާ ގަބޫލުހޭއެވެ. ތޫބާއަށް އޮޅުނީއެވެ. ނަސީބަކުން، ފަހުން ލަދުގަންނަންޖެހޭ ކަހަލަ އެއްޗެއް ތޫބާއަކަށް ނުބުނެވެއެވެ. ތޫބާގެ ސިއްރު ތޫބާގެ ހިތުގެ އިންފާރަކުން ބޭރެއް ނުވެއެވެ. ތޫބާއަށް ހުރެވުނީ ރައްކާތެރި ފަޅީގައެވެ. ތޫބާ އެއްޗެއް ނުބުނުމުން ފަރްހާ އިސްއުފުލާލައި ތޫބާއަށް ބަލައިލިއެވެ. ފަރްހާގެ މޫނުމަތީގައި ތޫބާ ވަރުގަދަ އެތިފަހަރެއް ޖެހިއެވެ. ނޫނެކެވެ. އެއީ ކަންކުރަން ތޫބާ ހިތަށްއެރި ގޮތެވެ. ރަޒީންއާ ފަރްހާ އިންނާތީއެއް ނޫނެވެ. ތޫބާގެ ލޯބި ފަރްހާ ޖަހައިގަތީމައެވެ.
"ފަރޫ ތި ކުރީ ވަރަށް ގޮތްކުޑަކަމެއް." ވަގުތުން ތޫބާއަށް އެ ކަން ގޯސްވިއެވެ.
ނުނިމޭ