13 ފެބުރުއަރީ 2017 - 16:44

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ޕޮލިސް ސާވިސަސް ގުޅިގެން އިޖުތިމާއީ ގޮތުން ގިނަ ކަންތައްތަކެއް ކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ފަހު އޮތް ރަސްމިއްޔާތުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. އަދި ޕޮލިހުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.
މީގެ ކުރިން ޕޮލިހާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންގޮސްފައިވަނީ ދަނޑުތަކުގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތެވެ. އެހެން ނަމަވެސް މި އެއްބަސްވުމާ އެކު މުޖުތަމައު އަށް ފައިދާހުރި ގިނަ ކަންތައްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެފްއޭއެމާއި ޕޮލިހުން ބުނެ އެވެ.
އެފްއޭއެމްގެ ރަައީސް ބައްސާމް ވިދާޅުވީ ޕޮލިހަކީ އަބަދުވެސް އެ އެސޯސިއޭޝަނުގެ ގާތް ޕާޓްނަރެއް ކަމަށާއި މުޖުތަމައުގެ ފައިދާ އަށް އެ ގުޅުން ފުޅާކުރުމުގެ ފުރުސަތު ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ގާތް ޕާޓްނަރެއް ޕޮލިހަކީ. ކުރިން ހަމައެކަނި ސެކިއުރިޓީގެ ކަންތައްތައް ޕޮލިހުން ބަލަހައްޓައިދެނީ އެކަމަކު މި އެއްބަސްވުމާ އެކު އިތުރު ކަންތައްތަކެއް ރޭވިގެންދާނެ. ފުޓްބޯޅައިގެ ތެރެއިން ޕޮލިހުންނާ ގުޅިގެން ފައިދާ ހުރި ގިނަ އެވެއާނަސް ޕްރޮގްރާމްތަކެއް ހިންގޭނެ،" ބައްސާމް ވިދާޅުވި އެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ސައުދީ ވިދާޅުވީ ފުޓްބޯޅަ އަކީ ގިނަ ޒުވާނުންތަކެއް ކުޅޭ ކުޅިވަރަކަށް ވެފައި އެފްއޭއެމާއި ގުޅިގެން ކުށުގެ ވެށިން ޒުވާނުން ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"ފުޓްބޯޅަ އަކީ ގިނަ ޒުވާނުންތަކެއް ކުޅޭ ކުޅިވަރެއް. ކުރިން އެފްއޭއެމާއި އަޅުގަނޑުމެން ގުޅިގެން ދަނޑުގެ ސެކިއުރިޓީ ކަންތައްތައް ބަލަމުން އައީ. އެކަމަކު މި އެއްބަސްވުމާ އެކު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅައިގެ ތެރެއިން ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެވޭނެ،" ސައުދީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ޕޮލިހުގެ ފަރާތުން އެފްއޭއެމަށް ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް އަގުވަޒަންކުރުމުގެ އެވޯޑް ހަވާލުކުރި އެވެ.