16 ޖެނުއަރީ 2024 - 09:42

މާލޭގެ މޭޔަރުގެ ގޮނޑި ޕީޕީއެމް/ޕީއެންސީ އަށް ގެއްލުނަސް މިދިޔަ ރިޔާސީ އިންތިހާބުގެ ފަހުން ބޭއްވި ގިނަ ބައި އިލެކްޝަންތަކުގެ ތަފާސްހިސާބު ބުރަވަނީ ސަރުކާރަށް ނުވަތަ ކޯލިޝަނަށް ކަމަށް ވާތީ ތާއީދު ވަނީ އިތުރު ކަމަށް އެ ކޯލިޝަންގެ އިސް މެމްބަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ ފަހުން ބޭއްވި 23 ބައި އިލެކްޝަންގެ ތެރެއިން 18 ގޮނޑި ކާމިޔާބުކުރީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަންގައި މޭޔަރުގެ މަގާމު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވި ނަމަވެސް މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ނެގީ ޕީއެންސީގެ ދެ ކެންޑިޑޭޓުންނެވެ.
"މިދިޔަ ދެ މަހެއްހާ ދުވަހު އަޅުގަނޑުމެންނަށް ތަފާސްހިސާބުތަކުން ފެނުނީ ރައީސް ޑރ. މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ ތާއީދު މައްޗަށް ދިޔަ ތަން. ސަރުކާރު ގޯސްވެގެން ނޫޅޭ ބަޔަކު. ތަފާސްހިސާބުތައް އެހާ ޕޮޒިޓިވް ވީ ރައީސް ޑރ. މުއިއްޒަކީ ވައުދުތައް ފުރިހަމަ ކުރައްވާ ބޭފުޅަކަށް ވާތީ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ހިންގުން ކުރިއަށް ދިޔަ ވަރަކަށް ތާއީދު ދާނީ މައްޗަށެވެ. ހާއްސަކޮށް ރައީސް ޑރ. މުއިއްޒަކީ ކެމްޕެއިން ތެރޭގައި ދައްކަވާ ވާހަކަތައް ހަގީގަތަކަށް ހައްދަވަން ބޭނުންފުޅުވާ ބޭފުޅަކަށް ވާތީ ކުރިއަށް އޮތް ތަނުގައި ނަތީޖާތައް މާ ބޮޑު ތަނުން އަދި ރަނގަޅުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މިސާލަކަށް ހުޅުމާލޭގެ ފްލެޓްތަކުގެ ކުލި ކުޑަކުރުމުގެ ކަންކަން ބަލަމާ. ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތަށް ފްލެޓްތަކުގެ އަގު ހެޔޮ ކުރައްވަމުން އެ ގެންދަވަނީ. އޭގެ ހެޔޮ ނަތީޖާ ފެންނާނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ނޫން. މުޅި ރާއްޖެ އަށް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބުނަސް ވޯޓުލާފައި ވަނީ އެންމެ 17،000 އެއްހާ މީހުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަބްދުއްރަހީމް ކުރިން ވިދާޅުވީ، މޭޔަރުގެ ގޮނޑި ގެއްލުނީ އެ އިންތިހާބު ކާމިޔާބު ކުރަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން ކަމަށެވެ.