އިޒްރޭލުގެ ދެ ރަހީނުން މަރުވެއްޖެ؛ ޣައްޒާގެ ދެކުނުގައި ހަމަލާތައް މަދުކުރަނީ
އިޒްރޭލުގެ ދެ ރަހީނުން މަރުވެއްޖެ؛ ޣައްޒާގެ ދެކުނުގައި ހަމަލާތައް މަދުކުރަނީ

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން މިހާރުވެސް ބިމާ ހަމަވެފައިވާ ޣައްޒާގެ ދެކުނުގައި "ހަމާސްއާ ދެކޮޅަށް" ދިން ހަމަލާތަކުގެ އެންމެ ވަރުގަދަ މަރުހަލާ ވަރަށް އަވަހަށް ނިންމާލާނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުން މިކަން އިއުލާނުކުރީ އާންމުންނަށް ކޮންމެހެން ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ވަގުތުން ހަމަލާތައް ހުއްޓާލަން އދ. އިން އަނެއްކާވެސް ގޮވާލާފައި ވަނިކޮށް އަދި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުންގެ ތެރެއިން ދެ މީހަކު އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވާކަން އިއުލާނުކޮށްފައި ވަނިކޮށެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ބުނީ މީގެ ކުރިން ހަމަލާތައް ވަރުގަދަކުރި ޚާން ޔޫނިސް އާއި ރަފާހްގައި ހަމާސްގެ އަސްކަރީ ބާރު ނައްތާލެވިފައިވާ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭ އެ ސަރަހައްދުގައި ހަމަލާތައް ލުއިކުރާނެ ކަމަށް ބުންޏެވެ. އަދި ޣައްޒާގެ އުތުރުގައި ވެސް މި މަރުހަލާ އަށް ވާސިލްވާން ކައިރިވެފައިވާ ކަމަށާއި އެ ސަރަހައްދަށް އެއްގަމުން އެރި އިޒްރޭލު ސިފައިންގެ އެއް ޑިވިޝަން މިހާރު އެ ސަރަހައްދުން ފައިބައިފިކަން ވެސް ކަށަވަރުކޮށްދިނެވެ.

އިޒްރޭލުން މިހާތަނަށް ޣައްޒާއަށް ދިން އެންމެ ވަރުގަދަ ހަމަލާތަކާ އެކު އިޒްރޭލުގެ ކެބިނެޓުން މި ހަފްތާގައި ވަނީ މި އަހަރުގެ އަސްކަރީ ބަޖެޓަށް 55 ބިލިއަން ޝެކެލް (15 ބިލިއަން ޑޮލަރު) އިތުރުކުރަން ވެސް ފާސްކޮށްފަ އެވެ. މި ނިންމުން އައިސްފައި ވަނީ ޣައްޒާއަށް ދޭ ހަމަލާތައް ނުހުއްޓާނެ ކަމަށާއި އަދިވެސް އެތައް މަހެއް ވަންދެން ހަމަލާ ދޭނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފައި ވަނިކޮށެވެ.

މިފަހަރު އިޒްރޭލުން ހަމަލާތައް ދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކުގައި ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކުރުމާ އެކުގަ އެވެ. މީގެ ތެރެއިން ބައެއް ރަހީނުން ވަނީ ދެ ފަރާތުން ކުށްވެރިން ބަދަލުވުމުގެ އެއްބަސްވުމުގެ ދަށުން މީގެ ކުރިން މިނިވަންކޮށްފަ އެވެ.

ހަމާސް އިން ބުނީ ރަހީނުކޮށްފައި ތިބި މީހުންގެ ތެރެއިން ޔޯސީ ޝަރާބީ، 53، އަދި އިޓޭ ސްވާސްކީ، 38، މަރުވީ އިޒްރޭލުން ބޮން އެޅުމުގެ ސަަބަބުން ކަމަށެވެ. އިޒްރޭލުގެ މީޑިއާގައި ވަރަށް ބޮޑަށް މި ދެ ރަހީނުންގެ ވާހަކަ ކުރިން ދެކެވިފައިވެ އެވެ. މި ދެ ފިރިހެނުން މަރުވިކަން ހަމާސް އިން ހާމަކުރީ ރަހީނުކޮށްފައި ހުރި އުމުރުން 26 އަހަރުގެ އަންހެނެއް ކަމަށްވާ ނޯއާ އަރްގަމަނީގެ ވީޑިއޯއަކުންނެވެ. އޭނާ ބުނީ އެއީ އޭނާއާ އެކު ރަހީނުކޮށްފައި ތިބި ދެ މީހުން ކަމަށެވެ.

މި މީހުން މަރުވީ ކޮން އިރަކު ކަމެއް އަދި މި ވީޑިއޯ ނަގާފައި ވަނީ ކޮން އިރަކު ކަމެއް އެނގޭކަށް ނެތެވެ.

އިޒްރޭލުން މަރުވި 1،140 މީހުންގެ ބަދަލުގައި އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 24،100 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. --އޭއެފްޕީ